ބަލާ ބެލުމަށް އެއީ ބޮޑު އާގު ބޯޓެކެވެ. ތިލަފުށީ ފަޅުކައިރީ އެ ބިޔަ ބަނޑު އޮންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެ ކަމަށް ފެނެ އެވެ. ވަށައިގެން ފެންނަނީ ދަބަރު ޖަހާފައި ހުރި ތަނެވެ. ބަލާބެލުމަށް އެ ބަނޑު ވީރާނާ ވަނީހެން ހީވެ އެވެ. އެ ބޯޓަށް އިއްޔެ އަރާލައި ލުމުގެ ފުރުސަތެއް ލިބުމުން ކުރިން ހީވެފައި އޮތް ގޮތް ބަދަލުކުރަން ޖެހިއްޖެ އެވެ.

"މީގައި ކޯލްޑް ސްޓޯރޭޖް މި ވައްތަރުގެ އެންމެ ބޮޑު ފެސިލިޓީ ހުންނާނީ [މަސް ފިނި ކުރުން]. އަދި މީގެ އިން މި ސަރަހައްދުގެ މަސް ދޯނި ފަހަރަށް ބޭނުންވާ ހުރިހާ ހިއައިސް އެއްްހެން އުފެއްދޭނެ. މިއީ ހަމަ މަސް ފެކްޓްރީއެއް ހިމެނޭ ބާޖެއް،" އެ ބާޖަށް އެރުމާ އެކު ސަންގެ ޓީމުން އޮއްސާލި ސުވާލުތަކަށް އޭގައި ހުންނެވި އިސް އޮފިޝަލް ޖަވާބު ދެއްވި އެވެ.

އޭނާގެ ބްރީފިން އިން އެނގުނީ ހަގީގަތުގައި ވެސް އެ ބާޖަކީ ކުޑަ މަސް ފެކްޓްރީއެއް ކަމެވެ. ބާޖުގެ އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް ބޮލުގައި ހުރި އިތުރު ސުވާލުތަކަކަށް ޖަވާބު ހޯދަން އޮތީ ބޭނުންވެފަ އެވެ. އެއީ މާލިއްޔަތު ކޮމެޓީގެ ތެރެއިން ހިތުގައި އުފެއްދި ގިނަ ސުވާލުތަކެއް ހުރީމަ އެވެ.

މާލިއްޔަތު ކޮމެޓީގައި ދެއްކި ވާހަކައިގެ މައްޗަށް ބިނާ ކޮށް "މިފްކޯ އާއި ކޫއްޑޫ ކޮރަޕްޝަން ފުނި ޖެހިފައި" ކަމަށް ވާނީ ކުރިން ލިޔެފަ އެވެ. އެ ދުވަހުގެ މާލިއްޔަތު ކޮމެޓީގައި މުގައްރިރު ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް ވިދާޅުވާ ވެލިއު ނުކޮށް އޮތް ބައު ބާޖަކީ އެއީ އެވެ. މިފްކޯ ބައި ކޮށްލުމަށް ފަހު އުފެއްދި އެމްއެމްޕީ (މޯލްޑިވްސް މެރިން ޕްރޮޑަކްޑްސްގެ) އެންމެ އަގު ބޮޑު އެސެޓަކީ ވެސް އެއީ އެވެ.

"މީގެ އެސެޓް ވެލިޔު ގާތްގަނޑަކަށް 1.6 މިލިއަން ޑޮލަރަށް އަރާނެ. ދިވެހި ކުންފުނިން އެމްއެމްޕީގައި ހިއްސާވި ކަމަށް ބުނާ ބާޖަކީ މިއީ. އެހާވަރުގެ އެސެޓް ވެލިޔުގެ އެއްޗެއް މިއީ،" އޮފިޝަލް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީން ބުނާ "ބައު ބާޖުން" ދަބަރު ކޮޅެއް ވެސް ފެނުނީ ވަރަށް މަދު ތަނަކުންނެވެ. ތިން ބުރިއަކަށް ވާގޮތަށް ބާޖު ބަނދެފައި އޮތް އިރު މަސް ފިނިކުރެވޭނެ ނިޒާމާއި އައިސް އުފެއްދޭނެ ނިޒާމު ވެސް ހުރީ ފައްކާކޮށްފަ އެވެ. ދުވާލަކަށް 200 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓެއް ހުރީ އެ ބޯޓުގައި ފައްކާ ކޮށްފަ އެވެ. އެއީ އެންމެ ޒަމާނީ އެއް ނިޒާމެވެ.

"މީގައި މި ހުރީ މި ސަރަހައްދަށް ފުދޭ ވަރަށް އައިސް އުފެއްދޭނެ ޕްލާންޓެއް. އެކަމަކު މީތި އޮޕަރޭޓް ކުރެވޭނެ މިހާރު ވެސް، އެކަމަކު ހުއްދަ އަދި ނުލިބޭތީ މަސައްކަތް ނުފެށިގެން މިއުޅެނީ،" އޮފިޝަލް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީން އެ މައްސަލަ ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް އެ ކޮމެޓީގެ މެންބަރަކު އަޅުގަނޑު ކައިރީ އިއްޔެވެސް ވިދާޅުވި އެވެ. އެކަމަކު ފިޝަރީޒް މިނިސްޓްރީ އިން އެ މައްސަލަގައި އަދި ބޭނުންވީ ހަނު ހުންނާށެވެ. އެ ބާޖުގެ ޗީފް އިންޖިނިއާ ވިދާޅުވި ގޮތުން އޭތި އޮތީ މާދަމާ ވެސް އޮޕަރޭޝަން ފަށަން ތައްޔާރަށެވެ. ބޯޓުތެރޭގައި އިއްޔެ ހޭދަކުރި ވަގުތުގައި ވެސް އޭގެ މުވައްޒަފުންގެ ވާހަކަތަކުން އެނގުނީ އެ ވާހަކަ އެވެ.

މާލެ އައިސް މަސްވެރިންގެ ވާހަކަތަކުން އަދި މާ އިންޓަރެސްޓިން ވާހަކަތަކެއް އަޑުއިވުނެވެ. އައިސް ނުލިބިގެން މަހަށް ނުފުރިފައި ތިބި ކަމުގެ ޝަކުވާ އެވެ. މިފަހަރު ތެޔޮ އަގުބޮޑުވުމުގެ ޝަކުވާއެއް އެމީހުންގެ ނެތެވެ. މައްސަލައަކަށް ވެފައި އޮތީ އައިސް ލިބޭ އަގުބޮޑުވެ އައިސް ލިބުމަށް ކުރަން ޖެހޭ އިންތިޒާރު ބޮޑުވުމެވެ. މަހުގެ ކޮލިޓީ ދައްވެ "ޑީ" ކެޓަގަރީއަށް ވެއްޓޭ ވާހަކަ އެވެ.

"އަޅުގަނޑުމެން މިޖެހެނީ ކަނޑުއޮތް ގިރިއަށް އައިސް ބަލައި ދާން. އެތަނުން މި ދެނީ، ނަމްބަރެއް އެ އަށް އައިސް މިލިބެނީ ނުލާހިކު ހާލުން، ކިއު އެއްގައި ތިބެގެން،" މަސްވެރިއަކު ޝަކުވާ ކުރި އެވެ.

އެމްއެމްޕީ ވަންގެ ނަމުގައި އޮތް ބާޖުން ރަނގަޅު މަންފާއެއް ހޯދިދާނެ އެއްޗެއް ކަމަށް ފެނުނެވެ. މާލިއްޔަތު ކޮމެޓީން ބުނާ އަންޑާ ވެލިޔު ކުރި މިފްކޯގެ ބޯޓުތަކުގެ ސްޓޭޓަސްއާ ބެހޭ މައުލޫމާތު ވެސް ހޯދާލަން ފުރުސަތު ލިބުނެވެ. މިފްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ބޯޓުތަކަކީ ބައުވެ މިފްކޯ އަށް ގެއްލުން ވަމުން ދިޔަ ބޯޓުތަކެއް ކަމަށެވެ. އަދި މިފްކޯ އަށް އެމްއެމްޕީގެ 30 ޕަސެންޓް ހިއްސާ ދިނީ ވެސް އެ ބައު ބޯޓުތައް އަގުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

"މި އެއްޗިހި ނީލަމަށް ލައިގެން ވެސް ނުވިކިފައި ހުރި އެއްޗިހި މިއީ. އެކަމަކު އަޅުގަނޑުމެން އޭރު ބޭނުންވީ މިފްކޯ ސަލާމަތް ކުރަން. މި ބޯޓުތައް ލައިގެންވެސް ރަނގަޅު ނަފާއެއް ހޯދޭނެ ކުންފުންޏަކުން 30 ޕަސެންޓް ޝެއާ ލިބުން ވެސް މާ ރަނގަޅު،" 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖު އަދި 80 ޓަނުގެ ބްލާސްޓް ފްރީޒިން ކެޕޭސިޓީ ހުރި ބާޖާ ބެހޭ ގޮތުން މިފްކޯގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މިފްކޯ އާއި ކޫއްޑޫއްގައި ވެސް ކޮރަޕްޝަންގެ މައްސަލަތަކެއް ހުރެދާނެ އެވެ. އެއީ ތަހުގީގު ވެސް ކުރަން ޖެހޭ، ފިޔަވަޅު ވެސް އެޅެން ޖެހޭ މައްސަލަތަކެވެ. ނަމަވެސް ކޮރަޕްޝަންގެ އިލްޒާމުން ވިޔަފާރީގެ އަގު ހުރި މުދަލެއް ބޭނުން ނުކުރެވި އޮންނަ އޮތުމަކީ ވިޔަފާރީގެ ނަޒަރިއްޔާތަކުން އަދި މާ މޮޔަ ވިސްނުމެކެވެ. އެ ބާޖުން ވާހަކަ ދެއްކި އިސް އޮފިޝަލަކު ވިދާޅުވާ ގޮތުން އެ ބާޖުގެ އޮޕަރޭޝަންތައް ނުފެށި އޮތުމުން ދުވާލެއްގެ މައްޗަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އިން ގެއްލުންވެ އެވެ.

"މިކަން ނުފެށި އޮތަސް އަޅުގަނޑުމެންގެ 80 އެތައް މުވައްޒަފުންނަކަށް އެކައްޗެއް ވެސް މަދެއް ނުވާނެ. އެއްވެސް އެއްޗެއް މަދެއް ނުވާނެ. އަޅުގަނޑުމެން މިކަމަށް އެބަ ޖެހޭ ކޮންމެ ދުވަހަކު ހަމަ ބޮޑު ހަރަދެއް ކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްޕީގައި ތައިލެންޑުގެ އެމްއެމްއައިޕީގެ ހިއްސާ ވެސް އޮވެ އެވެ. އެއީ ވެސް ބޭރު އިންވެސްޓަރެކެވެ. ކަނޑުމަތީގެ ބިޔަ ފެކްޓަރީ ފެންކައްކާ ބޮލީގެ އިއްޒަތުގައި މިއަދު އޮތް އިރު ދެ ކަމެއްގެ މަތިން ހަނދާން ކުރަން ވަނީ ޖެހިފަ އެވެ. މަސްވެރިން އެތިބީ އައިސް ނުލިބުމާ އެކު ހުސްއަތާ ކަމެވެ. ބޭރުގެ އިންވެސްޓަރެއްގެ މާޔޫސްކަން އެ އަންނަނީ އަދި އިހުނަށްވުރެ ބޮޑުވެގެންނެވެ.