08 Jul 2012, 09:57
އިޓަލީގައި މި އަހަރު ބާއްވާ ރެޑްބުލް ސްޓްރީޓް ސްޓައިލް ވޯލްޑް ކަޕުގައި ރާއްޖޭން ވާދަކުރާނެ ބައިވެރިއަކަށް މުހައްމަދު ސައިފް (ސުޕަމޭން) ހޮވިއްޖެ އެވެ.
ރާއްޖޭގައި ބޭއްވި ރެޑް ބުލް ސްޓްރީޓް ސްޓައިލް މުބާރާތް 2010 ވަނަ އަހަރު ކާމިޔާބުކޮށް، ސައިފް ވަނީ އެ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކޮށްފަ އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ސައިފް ހޮވިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބެއްވީ ރެޑްބުލް ސްޓްރީޓް ސްޓައިލްގެ ފައިނަލް ޝޯގައި ޔޫސުފް ރަމީޒް (ޔޫއްޓޭ) އާއި ވާދަކޮށް އެންމެ ޕޮއިންޓަކުން ކުރި ހޯދައިގެންނެވެ.
ފައިނަލުގައި ސައިފްއާ ދެކޮޅަށް ވާދަކުރި ޔޫއްޓޭއަކީ އެންމެ ފަހުން ބޭއްވި މުބާރާތުގައި ވެސް ސައިފްއާ ދެކޮޅަށް ފައިނަލުގައި ވާދަކުރި ކުޅުންތެރިޔާއެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ސައިފްއަށް 24 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ހޯދި ޔޫއްޓޭއަށް ލިބުނީ 23 ޕޮއިންޓެވެ.
ސްޓްރީޓް ސްޓައިލްގެ ފައިނަލް ޝޯގެ ކުރިން އޮތް ސެމީ ފައިނަލްގައި ސައިފް ޝިފާޒް ލަތީފް (ވާތޭ) އަތުން މޮޅުވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި ސެމީގައި އާލިމް މުހައްމަދު (ނީމޯ) އަތުން ޔޫއްޓޭ ވެސް މޮޅުވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މުބާރާތުގެ ތިން ވަނަ ހޯދީ ވާތޭ އަތުން މޮޅުވި ނީމޯ އެވެ.
މުބާރާތަށް ފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނަތައް ހޮވުނު ފްރީ ސްޓައިލަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވީ އޮލިމްޕިކް ކޮމެޓީގެ އޮނަނަރީ ޗެއާމަން މުހައްމަދު ޒާހިރު ނަސީރާއި ރެޑްބުލް އެނާޖީ ޑްރިންކް ރާއްޖޭގައި މާކެޓްކުރާ ޔޫރޯ މާކެޓިންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ނޫރައްދީނެވެ.
އާޓިފިޝަލް ބީޗްގައި ކުރިއަށް ދިޔަ މިއިވެންޓު ޓީވީން ލައިވް ކުރިއިރު، ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިޔާ މީރާ މުހައްމަދު މާޖިދާއި ހަބޭސް ބޮޑުބެރު ގުރޫޕް އަދި ގޯސްޓްގެ ހުނަރުވެރި ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މިވަގުތު ރެޑްބުލް ސްޓްރީޓް ސްޓައިލް ވޯލްޑްގެ އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިންގެ މަޝްހޫރު ބީއެމްއެކްސް ފްރީ ސްޓައިލާ ޖޯޖް "ވިކީ" ގޯމޭޒްގެ ހުނަރުތައް ވެސް މިޝޯގައި ވަނީ ދައްކާލައިފައެވެ.