00:38


ކުރުނބާ މޯލްޑިވްސް ރިސޯޓުގެ ދިވެހި މުވައްޒަފުން ރިސޯޓުގެ މެނޭޖްމެންޓާ މެދު ހިތްހަމަނުޖެހިގެން މިއަދު ހަވީރު ފެށި މުޒާހަރާ، ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.


ކުރުނބާގައި މުޒާހަރާކުރާ 150 އެއްހާ ދިވެހި މުވައްޒަފުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ޝިއާއު ބުނީ ވަގުތީ ގޮތުން މުޒާހަރާ މެދުކަނޑައިލީ ރިސޯޓުގެ މެނޭޖްމްންޓާއި ލޯޔަރުނާއެކު މިރޭ ބޭއްވި ބައްދަލުވުމަށް ފަހު، ދިވެހިން މުވައްޒަފުން އެދެމުންދާ ކަންތައްތަކާ މެދު މެނޭޖްމެންޓުން ދޭ ޖަވާބަކަށް ބެލުމަށް ކަމަށެވެ.


ހަޅުތަލާގައި ބައިވެރިވި 20 މީހަކާ ޔުނިވާސަލްގެ ލޯޔަރުންނާ ރިސޯޓުގެ މެނޭޖްމެންޓާއެކު މިރޭ ބޭއްވި ބައްދަލުވުން ގަޑިއެއްހާރަށް ދެމިގެން ދިއަކަމަށް ޝިއާއު ބުންޏެވެ. އެ ބައްދަލުވުމުގައި އެބޭފުޅުން މުވައްޒަފުންގެ ހުރިހާ ވާހަކައެއް އަޑުއެހި ކަމަށާއި އެދޭ ކަންތައްތަކަށް ޖަވާބެއް ދޭނެ ކަމަށް ބުނެ މަޑުކޮށްލައިގެން ތިބުމަށް އެމީހުން އެދެފައިވާ ކަމަށް ވެސް ޝިއާއު ބުންޏެވެ.


އޭނާ ބުނީ މެނޭޖްމަންޓުން އެގޮތަށް އެދުނީ ބޯޑު ޑިރެކްޓަރުންނާ މަޝްވަރާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށް ބުނެފައި ކަމަށާއި ޑިރެކްޓަރުންނާ މަޝްވަރާ ކުރުމަށްފަހު ދޭ ޖަވާބެއްގެ އިންތިޒާރުގައި މުޒާހަރާގެ ހުރިހާ ބައިވެރިން ވެސް މަޑުކޮށްލައިގެން އެބަތިބި ކަމަށެވެ.


ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓުގެ ދިވެހި މުވައްޒަފުން އެމީހުން ކެއުމާއި ސާވިސްޗާޖާއި އެނޫން ހިދުމަތްކާމެދު ހިތްހަމަނުޖެހޭ ކަމަށާއި ބިދޭސީންނާއި ދިވެހިން ތަފާތުކުރާ ކަމަށް ބުނެ މިއަދު ހަވީރު މުޒާހަރާއެއް ފެށީ އެ ކަންކަން ހައްލުކޮށްދިނިމަށް އެދި ތަފާތު ފަހަރު މަތިން މެނޭޖްމަންޓްގައި އެދުމުން ވެސް އެކަންކަން ހައްލު ނުކޮށްދީގެން ކަމަށް ވަނީ ބުނެފައެވެ.