07 Mar 2010, 10:16
14:30
ނ. މިލަދޫގައި ޑީއާރުޕީން ބޭއްވި ޖަލްސާގައި ރަށު ކައުންސިލަރުގެ އަބުރާބެހުނު ކަމަށް ބުނެ، ދެ ޕާޓީގެ ދެމެދުގައި މައްސަލަ ހޫނުވެ، މާރާމާރީ އެއް ހިނގައި، ރަށު އޮފީހަށް ގެއްލުންދީފި އެވެ.
މިލަދޫން ވާހަކަ ދެއްކި މީހަކު ބުނީ ޑީއާރުޕީއަށް ނިސްބަތްވާ މީހުން އިސްނަގައިގެން އެރަށު ސްކޫލްގައި ރޭ ބޭއްވި ޖަލްސާގައި، ރަށު ކައުންސިލަރު ހަސަން މޫސާ ޑީއާރުޕީގެ މެމްބަރަކަށް ދައްކަވަންޖެހޭ ހަތް ހާސް ރުފިޔާ އޮތް ކަމަށް ބުނެ ވާހަކަ ދެއްކުމުން ޖަލްސާ ނިމުނު ގަޑީގައި ކައުންސިލަރު އެތަނަށް ވަޑައިގެންނެވުމުން ދެ ޕާޓީގެ މެމްބަރުން ރުޅިއައިސް ޒުވާބު ކުރަން ފެށީ ކަމަށެވެ. އަދި އެމައްސަލައިގައި ދެ ޕާޓީގެ މެމްބަރުން ޒުވާބުކޮށް މާރާމާރީ ހިންގުމުގެ ސަބަބުން މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިލަދޫ ކަތީބު މުހައްމަދު ހަސަނު މިއަދު ވިދާޅުވީ ރޭ ހިނގި އެ ހަމަނުޖެހުމުގައި އެރަށު އޮފީހުގެ ކުޑަ ދޮރުތަކުގެ ބިއްލޫރިތައް ބަޔަކު ތަޅާލުމަށްފަހު އޮފީސް ތެރެއަށް ވަންނަން މަސައްކަތްކޮށް އޮފީހުގެ ދޮރުގެ ތަޅު ނައްޓާލައިފައިވާ ކަމަށެވެ. ކަތީބު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކަތީބު އިތުރަށް ވިދާޅުވީ ރޭ ހިނގި އެ ހަމަނުޖެހުމުގައި، އެރަށުގެ ކަތީބުކަން ކުރިން ކުރައްވާފައިވާ އަދި މިހާރު އެރަށު ޑީއާރުޕީ ގޮފީގެ ރައީސް، ރަށު ކައުންސިލަރުގެ ކަންފަތްމަތީ ވަރަށް ބާރަށް ޖެއްސެވި ކަމަށެވެ. އަދި އެ ވަގުތު އެތަނަށް ގޮސް ތިބި ފުލުހުން ޑީއާރުޕީ ގޮފީގެ ރައީސް، ބިޑި އަޅުވައިގެން ގެންގޮސްފައިވާ ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ. ކަތީބު ވިދާޅުވީ ކައުންސިލަރަށް ހަމަލާދޭން ރޭ ގިނަ ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށާއި ހެނދުނު ވަންދެން ކައުންސިލަރު އިންނެވީ އޮފީހުގައި ފުލުހުންގެ ހިމާޔަތުގައި ކަމަށެވެ.
ރޭގެ މި ހާދިސާއާ ގުޅިގެން ކައުންސިލަރުގެ ބަހެއް މިއަދު ވަނީ ލިބޭ ގޮތް ނުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށާއި އަދި އެކަން ތަހުގީގު ކުރަމުންދާތީ އިތުރު މަޢުލޫމާތު ދެވެން ނެތް ކަމަށެވެ.