އިސްލާމް އާބާދު (ޖުލައި 8): ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ ޢަސްކަރީ މަތިންދާބޯޓަކުން ޕާކިސްތާނަށް އިއްޔެ ދިން ޙަމަލާއެއްގައި 19 މީހަކު މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ އަމްނާބެހޭ ދާއިރާތަކުން ބުނި ގޮތުގައި އެމެރިކާ އިން މިޙަމަލާ ދީފައި ވަނީ ވަޒީރުސްތާނުގެ އިރުއުތުރުގެ ދާތާ ޚީލް ސަރަހައްދަށެވެ. މިޙަމަލާގައި މަރުވީ ހަނގުރާމަވެރިންކަން ނުވަތަ ޕާކިސްތާނުގެ އާންމުންކަން ޕާކިސްތާނުން ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް އެމެރިކާގެ މިފަދަ ޙަމަލާތަކުގައި ކުށެއް ނެތް އާންމުން މަރުވަމުން ދާތީ ޕާކިސްތާނުގެ އާންމުނގެ މެދުގައި ވަނީ އެމެރިކާއާ މެދު ނުރުހުމާއި ނަފްރަތުގެ ޙާލަތެއް އުފެދިފައިކަމަށް މުރާސިލުންބުނެ އެވެ.

އިއްޔެ ޙަމަލާއާބެހޭ ގޮތުން ޕާކިސްތާނުގެ ތާލިބާން ހަނގުރާމަވެރިން ބަޔާނެއް ދީފައެއް ނުވެ އެވެ. މިއަހަރުގެ މިހާތަނަށް ޕާކިސްތާނުގެ ވަޒީރުސްތާނަށް އެމެރިކާ ދިން ޙަމަލާތަކުގައި ހާހެއްހާ މީހުން މަރުވެފައިވާ އިރު މީގެތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ކަމަށް ޕާކިސްތާނުން ބުނެ އެވެ.

އެމެރިކާ އިން ޕާކިސްތާނަށް މިޙަމަލާދީފައި ވަނީ އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ ސިފައިންނަށް ބޭނުންވާ ސަޕްލައި ޕާކިސްތާންމަގުން ގެންދިޔުމުގެ ހުއްދަ ޕާކިސްތާނުން އަލުން ދިންތާ ހައެއްކަ ދުވަސްފަހުންނެވެ. ނޭޓޯގެ ސަޕްލައި އަށް ޕާކިސްތާނުން ހުރަސްއެޅީ އެމެރިކާގެ ޙަމަލާތަކެއްގައި ޕާކިސްތާން ސިފައިންގެ 24 މީހަކު މަރުވުމާގުޅިގެންނެވެ. (އަލްޢާލަމް)