08 Jul 2012, 09:36
ލަންޑަން (ޖުލައި 8): އިނގިރޭސިވިލާތުގެ ސިފައިންގެ ތެރެއިން 20 ޕަސެންޓް އުނިކޮށް ސިފައިންގެ ސައިޒް ކުޑަކުރުމަށް ނިންމިކަން އިނގިރޭސި ދިފާޢީ ވަޒީރު ހާމަކުރައްވައިފި އެވެ.
އިނގިރޭސި ދިފާޢީ ވަޒީރު ފިލިޕް ހާމޮންޑް ވިދާޅުވީ ކުރިޔަށް އޮތް އަށް އަހަރު ތެރޭގައި އިނގިރޭސި ޢަސްކަރީ ލަޝްކަރުތަކުން 20 ޕަސެންޓް އުނިކޮށް ސިފައިންގެ ސައިޒް ވަރަށް ބޮޑަށް ކުޑަކޮށް ސިފައިންނަށް ޒަމާނީ ތަމްރީނާއި ހަތިޔާރު ފޯރުކޮށްދެވޭނެ ކަމުގަ އެވެ. މިގޮތުން އަށް އަހަރު ތެރޭގައި އިނގިރޭސި ލަޝްކަރުތަކުގެ ޔުނިޓްތަކުގެ ޢަދަދު 136 އިން 119 އަށް ދަށްކުރެވޭ އިރު އިނގިރޭސި ދިފާޢީ ބަޖެޓުން 25 ޕަސެންޓް އުނިކޮށް ދިފާޢީ ބަޖެޓް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިބަދަލުތަކާ އެކު އިނގިރޭސި ސިފައިންގެ ޢަދަދު 102 ހާހުން 82 ހާހަށް ތިރިވެގެންދާއިރު ރިޒާވް ސިފައިންގެ ގޮތުގައި ތިރީސް ހާސް ސިފައިިން ބޭތިއްބުމަށް އިނގިރޭސި ދިފާޢީ ވުޒާރާ އިން ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިނގިރޭސި ސިފައިންގެ ޢަދަދާއި ޔުނިޓްތަކުގެ ޢަދަދު މަދުކުރި ނަމަވެސް ސިފައިންގެ ތަމްރީންނާއި ހަތިޔާރުގެ ޤާބިލްކަން އިތުރުކުރެވޭނެ ކަމަށް ހާމަންޑް ވިދާޅުވި އެވެ.
އިނގިރޭސި ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން ދިފާޢީ ވަޒީރު ހާމޮންޑް ވިދާޅުވީ އިނގިރޭސި ސިފައިންގެ ޢަދަދު މަދުކޮށް ލަޝްކަރުތަކުގެ ސައިޒް ކުޑަކުރުމުގެ މައިގަނޑު ސަބަބަކީ އިނގިރޭސި ދައުލަތަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ކަމުގަ އެވެ. ނަމަވެސް 10 އަހަރުވަންދެން އަފްޣާނިސްތާނުގައި ހަނރުގާމަކުރުމުން އިނގިރޭސި ސިފައިންގެ މަޢްނަވީ ބާރާއި ހިއްވަރު ވަރަށްބޮޑަށް ދަށަށް ގޮސްފައިވާތީ ފުރިހަމަ ތަމްރީން ލިބިފައިވާ މަދު ޢަދަދެއްގެ ސިފައިން ބޭނުންކޮށްގެން ބާރުގަދަ ލަޝްކަރެއް އުފެއްދުމުގެ ސްޓްރެޓެޖީގެ ދަށުން އިނގިރޭސި ލަޝްކަރުތަކަށް ބޮޑެތި އިސްލާހްތަކެއް ގެންނަން ޖެހިފައިވާ ކަމަށް ހާމަންޑް ވިދާޅުވި އެވެ.
ޔޫރަޕްގެ ގިނަަޤައުމުތަކެކޭ އެއްގޮތަށް އިނގިރޭސިވިލާތަށް ވެސް ވަނީ ބޭންކްތައް ބަނގުރޫޓްވުމާއި އިޤްތިސާދު މަޑުޖެހިލިބޭ އާމްދަނީ ދަށްވެ އާބާދީ މުސްކުޅިވުމުގެ ސަަބަބުން ލިބޭއެއްޗަކަށް ވުރެ ޚަރަދު ބޮޑުވުމުގެ މައްސަލަ ކުރިމަތިވެފަ އެވެ. އިނގިރޭސި ކުންފުނިތަކުން ވެސް އަމިއްލަ ޤައުމުގެ ބަދަލުގައި މިހާރު އިންވެސްޓްކުރަނީ އިންޑިޔާ އާއި ޗައިނާ ފަދަ އަގުހެޔޮ ކޮލިޓީ ލޭބަރުން ފަސޭހައިން ލިބޭ އޭޝިޔާގެ ޤައުމުތަކުގަ އެވެ. ނަތީޖާއަކީ އިނގިރޭސި އިޤްތިސާދުގެ މުސްތަޤްބަލް ނަބަވެ އިނގިރޭސި ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ގޮސް ޚަރަދުތައް އާދަޔާ ޚިލާފަށް ކުޑަކުރަންޖެހި ލިބޭއެއްޗަކުން ދެކޮޅު ޖައްސަން ޖެހުމެވެ. (ފައިނޭންޝަލް ޓައިމްސް)