07 Jul 2012, 21:55
ބޯޑާ ކޮންޓްރޯލުގެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިޔާގެ ނެކްސް ބިޒް ކުންފުނިން އިމިގްރޭޝަންގެ މުވައްޒަފުންނަށް ދީފައިވާ ކަމަށް ތުހުމަތު ކުރި 75 ލެޕްޓޮޕްގެ ފޮރެންސިކް ޓެސްޓްގެ ރިޕޯޓް އޭސީސީއާ މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ލޮޕްޓޮޕްތަކުގެ ފޮރެންސިކް ޓެސްޓްގެ ރިޕޯޓް އޭސީސީއާ ހަވާލުކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވަނީ ޓްވިޓާގައި ވިދާޅުވެފަ އެވެ.
އެ ލެޕްޓޮޕްތަކަކީ އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ނެކްސްބިޒު ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހިމެނޭ ކަމަށް ބުނެ އޭސީސީން އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް އިމިގްރޭޝަން މުވައްޒަފުންގެ އަތުން ހޯދާފައިވާ ލެޕްޓޮޕްތަކެކެވެ. އަދި އެއީ ނެކްސް ބިޒް ކުންފުނިން ދީފައިވާ ލެޕްޓޮޕްތަކެއް ކަމަށް އޭސީސީން ވަނީ ތުހުމަތުކޮށްފަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިރޭ ވިދާޅުވީ ފޮރެންސިކް ޓެސްޓްތަކަކަށް ފަހު ލެޕްޓޮޕްތައް އޭސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ލެޕްޓޮޕްތައް ފުލުހުންނާ ހަވާލުކުރީ ފޮރެންސިކް ރިޕޯޓްތަކެއް ހެދުމަށް. އެ މަސަކައް ނިންމާފައި ލެޕްޓޮޕްތައް ވަނީ އަޅުގަނޑުމެންނާ މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކޮށްފައި. ފޮރޮންސިކް ރިޕޯޓްތައް ހަވާލުކޮށްފައިވާކަން އަދި އެނގިފައެއް ނުވޭ،" ލުތުފީ ވިދާޅުވި އެވެ.
ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކެއްގެ ތުހުމަތުގައި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ކުރާ ނެކްސްބިޒް އިން އިމިގްރޭޝަން ޑިޕާޓްމަންޓަށް ދީފައިވާ ލެޕްޓޮޕްތައް އޭސީސީން ގެންގޮސްފައި ވަނީ މިދިޔަ މެއި 24ގެ ދަންވަރު އިމިގްރޭޝަނަށް ވަދެގެންނެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުމުގައިވާ ގޮތުން 22 އަހަރު ވަންދެން ރާއްޖެ އަންނަ އަދި ފުރާ ކޮންމެ މީހެއްގެ އަތުން ދެކޮޅަށް ހަތަރު ޑޮލަރު ނަގަ އެވެ. އަދި ވިސާ ހައްދާ އަދި އާ ކުރާ ކޮންމެ ވީސާ ހުއްދަ އަކަށް 15 ޑޮލަރު ނަގަ އެވެ.