ޓްރިޕޮލީ (ޖުލައި 7): ފާއިތުވި 50 އަހަރު ތެރޭގައި ލީބިޔާގައި ބާއްވާ ފުރަތަމަ އިންތިޚާބުގައި ލީބިޔާގެ ރައްޔިތުން މިއަދު ވޯޓުލަމުން އެބަގެންދެ އެވެ.

ލީބިޔާގެ ރައްޔިތުން މިއަދު ވޯޓުލަމުން ގެންދަނީ އެޤައުމުގެ އައު ދަސްތޫރުގައި އުފެއްދުމަށް ކަނޑައަޅާފައިވާ ދުއިސައްތަ މެންބަރުންގެ މައްޗަށް ހިމެނޭ ނެޝަނަލް ކޮންގްރެސް (ޕާލަމެންޓް) އިންތިޚާބު ކުރުމަށެވެ. މިއިންތިޚާބުގައި 4000 ވަރަކަށް ކެންޑިޑޭޓުން ވާދަކުރާ އިރު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ރައްޔިތުންގެ ޢަދަދަކީ 2.8 މިލިޔަނެވެ. ހަތް މިލިޔަން މީހުންގެ ޒުވާން އާބާދީއެއް އޮންނަ ލިބިޔާގެ ރައްޔިތުންގެ ތިންބައިކުޅަ ދެބަޔަކީ ވޯޓުލުމުގެ އުމުރު ހަމަނުވާ ކުޑަކުދިންނެވެ. މިއީ މިއިންތިޚާބުގެ ވޯޓުލުމުގެ ދެވަނަ ބުރެވެ.

ފުރަތަމަ ބުރުގައިި ވޯޓުލުން އޮތީ މިޖުލައި މަހުގެ 3 ގައެވެ. ފުރަތަމަ ބުރުގައި ވޯޓުލީ ބޭރުޤައުމުތަކުގައި ދިރިއުޅޭ ލީބިޔާގެ ރައްޔިތުންނެވެ. ލީބިޔާގައި އިންތިޚާބުގެ ކަންތައްތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ރަނގަނޅަށް ރޭވިގެން ކުރިޔަށް ދިޔަނަމަވެސް އިންތިޚާބާ ދެކޮޅަށް ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ ގުރޫޕްތަކެއްގެ އުނދަނގުލާއި ހިޔަނި އިންތިޚާބަށް ފޯރާފައިވެ އެވެ.

ހަނގުރާމަވެރި މިގްރޫޕްތަކަކީ ފެޑްރަލް ނިޒާމަކަށް ލީބިޔާ ބައިކޮށްލުމަށް ބޭނުންވާ ސިޔާސީ ފަރާތްތައް ފަހަތުގައި ތިބެގެން ޙަރަކާތްކުރުވާ ގްރޫޕްތަކެއް ކަމަށް ޚަބަރު ލިބެ އެވެ. ފެޑްރަލް ނިޒާމަކަށް ލީބިޔާ ބައިކޮށްލުމަށް ބޭނުން ވަނީ އެޤައުމުގެ އިރުމަތީ ސަރަޙައްދުތަކުގެ ލީޑަރުންނެވެ. ލީބިޔާގައި ތެލުގެ މުއްސަނދިކަން އެންމެ ބޮޑީ އިރުމަތީގެ ސަރަހައްދުތަކުގައެވެ. އެހެންކަމުން އިންތިޚާބަށް ހުރަސްއެޅުމުގެ ޢަމަލުތައް ހިންގަމުން ގެންދަނީ މިސަރަޙައްދުތަކުގަ އެވެ. ލީބިޔާގެ ހުޅަނގުގެ ސަރަޙައްދުތަކުގައި އިންތިޚާބުގެ ކަންތައް އަމާންކަމާ އެކު ކުރިޔަށްދާއިރު ރައްޔިތުން ތިބީ އުފަލުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވޯޓުލާން ފެށުމަށް 30 ގަޑި އިރަށް ވެފައިވަނިކޮށް ލީބިޔާގެ އިރުމަތީގެ ބޮޑު ސިޓީއެއް ކަމަށްވާ އަޖްދާބިޔާގެ އިންތިޚާބާ ބެހޭ މަރުކަޒުވަނީ އަންދާލާފަ އެވެ. މިމަރުކަޒުގައި ހުޅުޖެހުމުން މިރަށުގެ ވަށައިގެންވާ އަވަށްތަކާއި ވިލެޖްތަކަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންތިޚާބާބެހޭ ލިޔެކިޔުންތަކާއި ވޯޓު ކަރުދާސްތަކާއި ވޯޓުފޮށިތަކާއި އެހެނިހެން ތަކެތި ވަނީ އަނދައިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރަޙައްދުގެ ވޯޓުލުން އެތަށް ގަޑިއިރަކަށް ވަނީ ލަސްވެގެންގޮސްފަ އެވެ.

މިތަކެތި އަލުން ގެނަސް އަޖްދާބިޔާގައި ވޯޓުލާން އަލުން ފެށުމަށްފަހު ވެސް އެރަށުގެ ބައެއް ސަރަޙައްދުތަކުގެ ވޯޓުފޮށިތައް ވަގަށް ނެގުމުގެ ސަަބަބުން އެސަރަޙައްދުތަކުގެ ވޯޓުލުންވަނީ ހުއްޓިފަ އެވެ. މީގެއިތުރުން ތެލުގެ ސިނާޢަތުގެ ރަށެއް ކަމަށްވާ އަލްބްރޭގާގެ ވޯޓުފޮށިތަކާއި ވޯޓުކަރުދާސްތަކާއި އިންތިޚާބާ ބެހޭ ލިޔެކިޔުންތައް ހަތިޔާރުއެޅި ބަޔަކު ވަގަށްނެގުމުން އެރަށުގެ ވޯޓުލުންވެސްވަނީ ހުއްޓިފަ އެވެ. ލީބިޔާގެ އިންތިޚާބާބެހޭ ކޮމިޝަނުން ވަނީ މިދެސަރަޙައްދާއި ލީބިޔާގެ އެންމެ ދެކުނުގެ ޤަބީލާ ސަރަޙައްދެއް ކަމަށްވާ އަލްކުފްރާގައި އިންތިޚާބު އަލުން ބޭއްވުމަށް ނިންމާފަ އެވެ.

އަލްކުފްރާގައި އިންތިޚާބު ބޭއްވުމަށް ހުރަސްއެޅިފައި ވަނީ އެސަރަޙައްދުގެ ދެޤަބީލާއެއްގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުންނެވެ. މިނޫންސަރަޙައްދުތަކުގައި ވޯޓުލުމުގެ ކަންތައް ކަނޑައެޅިފައިވާ ގޮތަށް އަދި ކުރިޔަށްދާ ކަމަށް ލީބިޔާއިން ލިބޭ ޚަބަރުތައް ބުނެ އެވެ. ލީބިޔާގެ ޕާލަމެންޓްރީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ޓަކައި 13 ހާސް ސިފައިންނާއި ފުލުހުންގެ އެތައް ހާސްބައެއްގެ އިތުރުން ތަމްރީން ލިބިފައިވާ ގާޑުންގެ އެތައް ހާސްބަޔަކު ބަޔަކު ޙަރަކާތްތެރިވަމުން ދެ އެވެ.

ގައްޒާފީގެ ވެރިކަމުގައި ލިބިޔާގައި ވޯޓުލައިގެން އިންތިޚާބު ބާއްވާފައެއްނުވެ އެވެ. ގައްޒާފީގެ ދުވަސްވަރު ކަންކަމަށް މީހުން ހޮވަނީ ވޯޓު ކަރުދާސްކޮޅުގެ ބަދަލުގައި އަތްއުފުލައިގެންނެވެ. ލީބިޔާ އަށް ޑިމޮކްރެޓިކް އިސްލާހްތައް ގެނައުމަށް މަގުފަހިވީ ރައްޔިތުންގެ އުތުރި އެރުމެއްގައި ގައްޒާފީގެ ވެރިކަން މިދިޔަ އަހަރުގެ ފަހުކޮޅު ވައްޓާލުމަށް ފަހުގަ އެވެ. (އަލްޖަޒީރާ)