07 Jul 2012, 17:14
ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު(ކާނަލް) އެމްޑީޕީ ދޫކޮށް އެހެންޕާޓީއަކާ ގުޅުއްވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ކާނަލް ދޮގުކުރައްވައިފި އެވެ.
ކާނަލް މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީ އަކަށް ބަދަލުވެވަޑައިގަތުމަށް އުޅުއްވާ ކަމަށް މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ މިދުވަސްކޮޅު އެމްޑީޕީގެ ހަރަކާތްތަކުން ނުފެންނަނީ އަމިއްލަ މަސައްކަތްތަކެއްގައި އުޅުއްވަތީ ކަމަށާއި އެބޭފުޅާއާ އެމްޑީޕީގެ އިސްވެރިނާ ދޭތެރޭ އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ.
"ފަހަކަށް އައިސް އަޅުގަނޑުގެ ޝަހްސިއްޔަތު ބަލިކަށި ކޮށްލުމަށް ޓަކައި ވާދަވެރި ފަރާތްތަކުން މިފަދަ އެތައް ހަމަލާއެއް އަޅުގަނޑަށް އަމާޒު ކޮށްފައިވެ އެވެ. ނަމަވެސް މިފަދަ ހަޤީގަތެއް ނެތް ވާހަކަތަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ހިތްވަރު ބަލިކޮށެއް ނުލެވޭނެ،" ކާނަލްގެ ބަޔާނުގައިވެ އެވެ.
ކާނަލްގެ އެ ބަޔާނުގައި ބުނެފައި ވަނީ ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އޮތް ހަމައެކަނި ހައްލަކީ ޕާޓީ ބަދަލުކުރުން ކަމުގައި އެބޭފުޅާ ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ޕާޓީ ބަދަލުކުރަން އުޅުއްވާ ކަމުގެ ވާހަތައް ބައެއް މީޑިއާތަކުގައި ހިމަނާފައި ވަނީ އެބޭފުޅާގެ ބަހެއް ހޯދުމަކާ ނުލައި ކަމަށެވެ.
އެމްޑީޕީގެ ވެރިކަން ވެއްޓުމާ ގުޅިގެން އެމްޑީޕީ އިސްސަފުގައި ތިއްބެވި ބޭފުޅުން އެ ޕާޓީ ދޫކޮށް ދާން ފެށުމުން އެމީހުނާ އެކު ކާނަލް ވެސް ދާނެ ކަމަށް މީޑިއާތަކުގައި ވަރަށް ގަދަޔަށް އަޑުފެތުރުނެވެ. އަދި އެމްޑީޕީގެ ވެރިކަން ބަދަލުވުމަށް ފަހު އެމްޑީޕީން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި ކާނަލް ބައިވެރިވާ މަންޒަރު ވެސް ފަހަކަށް އައިސް އެއްގޮތަކަށް ވެސް ނުފެނެ އެވެ.