ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޖަމްއިއްޔާ، ސާކުގެ ގައުމުތަކުން ގުޅިގެން އެ ގައުމުތަކުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަޝްވަރާތަކެއް އިންޑިއާގެ، ނިއުދިއްލީގައި ފަށައިފި އެވެ.

"ސާކު ޓުއާއޮޕަރޭޓާޒް ކޮންކްލޭވް"ގެ ނަމުގައި އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން އެ ހަފްތާގެ މުއްދަތަށް ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ވެސް އަންނަނީ ބައިވެރި ވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަލީހު ޖަމާލު މިއަދު ވިދާޅުވީ އެ މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ތިން ޓުއާއޮޕަރޭޓަރަކާއި އަދި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅަކު ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ދެކުނު އޭޝިޔާގެ ގައުމުތަކުގެ މައި ޓުއާ އޮޕަރޭޓަރުންނާއި ޕޮލިސީ ލެވަލްގެ ބޭފުޅުން ބައިވެރިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޝްވަރާތަކުގައި އެއް ގައުމު އަނެއް ގައުމު ގުޅިގެން ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކަކާ މެދު ޓުއާ އޮޕަރޭޓަރުންނާއި ސަރުކާރުންތަކުން މަޝްވަރާ ކުރާނެ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ. އެ މަޝްވަރާތަކުގެ އަލީގައި މި ސަރަހައްދުގެ ގައުމުތައް ގުޅިގެން ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މަގުފަހި ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ބައްދަލުވުންތަކަށް ފަހު އިތުރު ބައްދަލުވުންތަކަކުން އަޅުގަނޑުމެން ނިންމޭނެ ދެން ކިހިނެއްތޯ އަޅުގަނޑުމެންނަށް ގައުމުތައް ގުޅިގެން ޖޮއިންޓް ޕްރޮމޯޝަންތައް ހިންގޭނީ،" މަލީހު ވިދާޅުވި އެވެ.