21 Aug 2010, 19:28
00:37
އައިޑީޕީގެ ކޮންގްރެސް ނުބޭއްވުމުގެ ސަބަބުން އައިޑީޕީ ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށާއި، އެކަމަށް ގޮތެއް ނިންމައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އެ ޕާޓީގެ ކައުންސިލުން ބުނެފި އެވެ.
އައިޑީޕީގެ މާލޭ ދާއިރާގެ ރައީސްކަމުގެ މަގާމުގައި ވެސް ހުންނެވި އަދި ކޮންގްރެސް ބާއްވަން ނިންމި ތާރީހާ ޖެހެންދެން ޕާޓީ ހިންގުމާ ހަވާލުވެ ހުންނެވި، އަހްމަދު އިނާޒް މިއަދު ވިދާޅުވީ، މިމަހު ފަހަކުން ހަތަކަށް އައިޑީޕީގެ ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ތާރީހުގައި ކޮންގްރެސް ނުބޭއްވުނީ އެކަމަށް ބަޔަކު ހުރަސްއެޅުމުގެ ސަބަބުން ކަމަށެވެ. އަދި ކޮންގްރެސްއަށް ކުޑަތަންވެފައި ވަނިކޮށް އެކަމަށް ހުރަސްއެޅުއްވުމަށް ޕާޓީގެ ނާއިބު ރައީސް ހަސަން މަނިކު އޮޅުވާލުންތަކެއް އޮޅުވާލައްވައި، ކޮންގްރެސް ފަސްކުރި ކަމަށް މީޑިޔާއަށް ހާމަކުރެއްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޕާޓީގެ ގައުމީ މަޖިލީހުން ކޮންގްރެސް ބޭއްވުމަށް ނިންމައިފައި ވަނީ އެކަމަށް އެއްވެސް ފަރާތަކަށް ހުރަސްނޭޅޭނެ ކަމަށް ފާސްކޮށްގެން ކަމަށެވެ. އަދި ކޮންގްރެސް ބާއްވަން އޮތް ތާރީހަށްވުރެ ފަސްކުރުމަށް ގައުމީ މަޖިލީހުން ނިންމާފައި ނުވުމާއި، އެ ތާރީހުގައި ކޮންގްރެސް ވެސް ބޭއްވިފައި ނުވާތީ، އެ ޕާޓީގެ އެއްވެސް މަގާމަކަށް، އަދި ޕާޓީގެ އެއްވެސް ގުނަވަނަކަށް މިހާރު ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށް އިނާޒު ވިދާޅުވި އެވެ. އަދި އައިޑީޕީގައި މިހާރު އޮތް ގައުމީ މަޖިލީހަކީ އެ ޕާޓީ ބައްޓަން ކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ މަޖިލީހެއް ނޫން ކަމަށާއި، ގައުމީ މަޖިލީހަށް ހަމައެކަނި ކުރެވޭނެ ކަމަކީ ކޮންގްރެސްއެއް ބޭއްވުމަށް އެހީވުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން ކަމަށް ވެސް އިނާޒް ވިދާޅުވި އެވެ. އަދި މިހާރު ވެސް އެ މަސައްކަތް ކުރިއަށް ނުދަނީ ބަޔަކު ޕާޓީ ހިސޯރުކޮށްފައިވާތީ ކަމަށާއި، އިލެކްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅުއްވީ، މިހާރު ޕާޓީގެ އެއްވެސް ކަމެއް މިހާރު ނިންމޭނީ ހަމައެކަނި ޕާޓީގެ ކޮންގްރެސްގައި ހިމެނޭ 64 މެންބަރުންނަށް ކަމަށް ވާތީ އެ ފަރާތްތަކުގެ ހައްގު އިލެކްޝަންސް އިން ހޯދައިދޭންޖެހޭނެތީ ކަމަށް ވެސް އިނާޒް ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން ބަހެއް ހޯދާލުމަށް އައިޑީޕީގެ ނާއިބު ރައީސް ހަސަން މަނިކާ ގުޅިއިރު، ފޯނު ނިއްވާލައްވާފައިވާތީ ވަނީ ގުޅޭގޮތް ނުވެފައެވެ.
އައިޑީޕީގެ އެތެރޭގެ މައްސަލަ ބޮޑުވެފައި މިވަނީ، އެޕާޓީ އުވާލި ކަމަށް ބުނާ މައްސަލައިގައި، އިލެކްޝަންސް ކޮމިޝަނުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.