ސ. ހިތަދޫގައި އިއްޔެ ހިންގި ގުރޫޕް މާރާމާރީއާ ގުޅިގެން ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއްޔެ އިރުއޮއްސުނުގަޑީ ހިންގި މަރާމާރީއާ ގުޅިގެން 21 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި އިތުރުމީހުން ހޯދަމުންދާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. ޕޮލިސް މީޑިއާ އޮފިޝަލު ވިދާޅުވީ އެކަކު ހައްޔަރު ކުރީ ރޭ އިރާކޮޅު ކަމަށާއި އަދި އެ މައްސަލައިގެ ތުހުމަތުގައި ދެވަނަ މީހާ ހައްޔަރު ކުރީ ރޭ 12:45 ހާއިރު ކަމަށެވެ.

އިއްޔެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ހިތަދޫ ބޮޑުމަގުން ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗު ހުންނަ ސަރަޙައްދުގައި ވަޅިއަކުން ހަމަލަދީ ޒަހަމް ކޮށްލައިފައި ވަނީ ހިތަދޫ، ހުޅަހި، ހުސެން ޝަފީގް 20، އެވެ. އޭނާ އަށް ހަމަލާދީފައި ވަނީ އޭނާގެ ރައްޓިހިންތަކަކާ އެކު ޖޫގޯ ވިއްކާތަނެއްގައި ޖޫގޯ ބޯން އިންދައި ކަމަށް މައުލޫމާތު ލިބެ އެވެ.

އެ ހާދިސާގައި އޭނާގެ ވައަތް ފަރާތު ކޮނޑު ހުޅާދިމާލުން ދެ އިންޗިއެއްހާ ތަން ކަފައިގެންދިއުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައިނުވެ އެވެ.

އެ މާރާމާރީ ހިންގާފައިވަނީ އަށްމީހުންގެ ގުރޫޕަކުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.