ޝަރުއީ ނިޒާމްގެ ތެރެއިން ރައްޔިތުނަށް އިންސާފް ހޯދަދޭނެ ފަސޭހަގޮތްތައް ހޯދަދިނުމަށް ފަނޑިޔަރުންގެ ގާބިލްކަން އިތުރުކުރުމަކީ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެޖިސްޓްރޭޓް ކޯޓު ހިންގުން އަވަސްކޮށް ހަރުދަނާކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަރީ އެޑްމިނިސްޓްރޭޝަނުން މިއަހަރު ބާއްވާ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވަމުން ޖޭއެސްސީގެ ރައީސް ވިދާޅުވީ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ފަނޑިޔާރުންގެ ގާބިލުކަން އިތުރު ކުރަންޖެހިފައިވާ ކަމަށެވެ.

ވިލިމާލޭ ޖުޑިޝަރީ ޓްރޭނިން ސެންޓަރުގައި މިއަދު ފެށި މަޝްވަރާ ބައްދަލުވުމުގައި އާދަމް މުހައްމަދު ވިދާޅުވީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ކޮންމެ ފަނޑިޔާރަކީ ވެސް ގާނޫނު އަސާސީ މާނަކުރަން ޖެހިއްޖެނަމަ އެކަން ކުރެވޭނެ ގާބިލް ފަނޑިޔާރުންނަށް ވާންޖެހޭ ބަޔަކަށްވާއިރު އެ ގާބުލްކަން ފަނޑިޔާރުންގެ ގައިގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެ ގާބިލްކަން ހުންނަން ޖެހޭނެކަން ގާނޫނު އަސާސީގެ ބައެއް މާއްދާތަކުން ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގާނޫނު އަސާސީ އަންގަނީ މި ހުރިހާ ކަމެއް ތަސައްވަރަށް ގެނެސް އަޅުގަނޑުމެނަކީ ދުވަހުން ދުވަހަށް ދުނިޔޭގައި ހިނގާ މިދާއިރާގެ އެހެން ކަންތައްތައް ދިރާސާކޮށްގެން އަޅުގަނޑުމެންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދޭނެ ގާބިލް މީހުންކަމުގައި ވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ ކަން،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ޝަރުއީ ނިޒާމާއިމެދު ރައްޔިތުންގެ އިތުބާރު ހޯދޭނީ ޝަރީއަތްތައް އަވަހަށް ނިންމައި، އިއްވާ ހުކުމަކީ ފަންނުވެރިކަމާއިއެކު ނިންމާ ހުކުމަކަށް ވެގެން ކަމަށެވެ.

"އަޅުގަނޑުމެން ސަމާލުވާންވީ އަބަދުވެސް އަޅުގަނޑުމެންގެ އިލްމާއި ހުނަރާ ގާބިލިއްޔަތުކަން އަބަދުވެސް ފަހިވާނޭ ގޮތުން މަސައްކަތް ކުރުމަށް،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބޭ ބައެއްކަން ޔަގީންވާ މިންވަރަށް ފަންޑިޔާރުންގެ ސުލޫކީ މިންގަނޑު ބެހެއްޓުމަށް ޖޭއެސްސީގެ ރައީސް ވަނީ ފަނޑިޔާރުން ކިބައިން އެދިވަޑައިގެންފަ އެވެ.

ރަށް ރަށުގައި ގާއިމުކޮށްފައިވާ ކޯޓުތައް ހަރުދަނާ ކުރުމަށް މިއަދު ފެށި ބައްދަލުވުމުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މެޖިސްޓްރޭޓަކާއި އެޑިމިނިސްޓްރޭޝަން އޮފިސަރަކު ބައިވެރިވި އެވެ. މި ބައްދަލުވަކީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ބައްދަލުމެކެވެ.