07 Jul 2012, 14:21
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނުގެ މަސައްކަތް މިމަހުތެރޭ ނިންމާނުލެވޭނެ ކަމަށް އެކޮމިޝަނުން ސަރުކާރުގައި ރަސްމީކޮށް ދަންނަވައިފި އެވެ.
ރައީސުލް ޖުމުހުރިއްޔާ އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ސަން އޮންލައިނަށް މައުލޫމާތު
ދެއްވަމުން ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް ނިންމުމަށް ރައީސުލް ޖުމުހުރިއްޔާ ދެއްވާފައިވާ ތާރީހު މިމަހުގެ 31 ވަނަ ދުވަހަށް ހަމަވާއިރަށް ނިންމާނުލެވޭތީ އިތުރު ވަގުތު ބޭނުންވާ ކަމަށް އިންކުއަރީ ކޮމިޝަނުން ރައީސް އޮފީހަށް އަންގަވާފައިވާ ކަމަށެވެ.
"އެބޭފުޅުން އެބައޮތް ވަގުތު އިތުރުކުރުމަށް ދަންނަވާފައި. އަންނަ އޮގަސްޓް މަހާއި ހަމައަށް ވަގުތު އިތުރުކޮށްދިނުމަށް އެދިފައިވަނީ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންކުއަރީ ކޮމިޝަނުން ހުށައަޅާފައިވާ ހުށައެޅުމަށް ޖަވާބު ދެއްވާނީ ސީދާ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ކަމަށާއި، އެމަނިކުފާނު އަންނަ ހަފުތާތެރޭ އެކަމާ ގުޅޭ ގޮތުން ވަކިގޮތެއް ނިންމަވައި އެކަން ހާމަކުރައްވާނެ ކަމަށެވެ.
އިންކުއަރީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭ ގޮތުން މިދިއަ ބުރާސްފަތި ދުވަހު މައުލޫމާތުދެއްވަމުން އެކޮމިޝަނުގެ ކޯޗެއާ ސިންގަޕޫރުގެ ރިޓާޔާޑް ޖަޖު ޖަސްޓިސް ސެލްވަމް ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް މި މަހުގެ 31ގެ ނިޔަލަށް ނިންމޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ކޮމިޝަނުގެ މަސައްކަތް ނިމި ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރެވެނީ އޮގަސްޓް މަސް ނިމުމުގެ ކުރިން ކަމަށެވެ.
ޖަޖު ވިދާޅުވީ މަސައްކަތް ނުނިމި ލަސްވާ ސަބަބުތަކުގެ ތެރޭގައި ކޮމިޝަން އަލުން އެކުލަވާލުމަށް ފަހު ކޮމިޝަނުގެ މަސައްކަތް ފެށުން ލަސްވުމުގެ އިތުރުން ކޮމިޝަނަށް މައުލޫމާތު ދިނުމަށް ކުރި އިއުލާނާ ގުޅިގެން 250 މީހުން މައުލޫމާތު ދިނުމަށް ރަޖިސްޓްރީކޮށްފައިވުން ހިމެނޭ ކަމަށާއި އެ ބޭފުޅުން ދެއްވާ މައުލޫމާތުތައް ނަގައި ބޭނުންވާ އެވިޑެންސް ހޯދުމުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލައި ރިޕޯޓް އެކުލަވާލެވޭނެ ކަމަށް ގަބޫލު ނުކުރެވެތީ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ފަރާތަކުން އެއްވެސް މައުލޫމާތެއް ހިއްސާކުރަން ބޭނުންވާނަމަ އެ ފުރުސަތު އެ ފަރާތްކަށް ދެއްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެހެން ވީމާ އެ ދެ ސަބަބާ އެކު ހިއެއްނުވޭ ރިޕޯޓް 31 ޖުލައިގެ ކުރިން މުޅިން މަސައްކަތް ނިންމާލެވޭނެ ކަމަކަށް. އަޅުގަނޑުމެން ވަގުތު އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާނަން. އަދި ރިޕޯޓް ނިންމާލެވޭނެ ކަމަށް ބޮޑަށް ލަފާކުރެވެނީ އަންނަ އޮގަސްޓް މަސް ނިމޭ އިރު،" ޖަސްޓިސް ސެލްވަމް ވިދާޅުވި އެވެ.
ނޭޝަނަލް އިންކުއަރީ ކޮމިޝަން ދެ ވަނަ ފަހަރަށް އަލުން އެކުލަވާލެއްވުމަށް ފަހު ރައީސުލްޖުމުހުރިއްޔާ ޑރ. ވަހީދު ވިދާޅުވެފައި ވަނީ ކޮމިޝަނުގެ މަސައްކަތް މި މަހުގެ 31ގެ ނިޔަލަށް ނިންމައި ކޮމިޝަނުން ތައްޔާރުކުރާ ރިޕޯޓް އެ މަނިކުފާނަށާއި ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރާއި ޕީޖީ އަހުމަދު މުއިއްޒަށް ހުށައަޅުއްވަން ޖެހޭނެ ކަމަށެވެ.