މިސްކިތްކަށް އެހީވުމަށް އިސްލާމިކް މިނސްޓްރީ އިން ހުޅުވާފައިވާ ފަންޑަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ފަރާތުން 200000 ރުފިޔާގެ ހަދިޔާ ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފައިސާގެ އެހީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ އާ ހަވާލުކުރެއްވީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއްތަލިބު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމު ވިދާޅުވީ މިސްކިތު ފަންޑަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް ފައިސާ ހަދިޔާކުރަމުން އަންނަ ކަމަށާއި ކޫއްޑޫގެ އިތުރުން ފުލުހުންގެ އިދާރާއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވެސް ފަންޑަށް ފައިސާ ހަދިޔާކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގިނަ މިސްކިތްތަކެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި ރޯދަމަސް އައުމުގެ ކުރިން މިސްކިތްތަކުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ނިންމާލެވޭނެ ކަމަށެވެ.

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ފަރާތުން މުއްތަލިބު ވިދާޅުވީ އެ ކުންފުނީގެ ފަރާތުން މިސްކިތްތަކަށް އެހީވުމަށް 250000 ރުފިޔާ ލިބުނު ކަމަށާއި އެ ސަރަހައްދުގެ މިސްކިތެއް މަރާމާތުކުރުމަށް 50000 ރުފިޔާ ދެއްވުމަށް ފަހު 200000 ރުފިޔާ ފަންޑަށް ހަދިޔާ ކުރެއްވީ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރޯދަ މަސް އައުމުގެ ކުރިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވާނެ ފައިސާ ހޯދަން ހުޅުވި ފަންޑަށް ލިބިފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން އައްޑު އަތޮޅުގެ ހުރިހާ ރަށްތަކެއްގެ މިސްކިތްތަކުގެ މަރާމަތަށް 1.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މިސްކިތު ފަންޑަށް ލިބިފައިވާ ފައިސާ އިން 17 މިސްކިތެއް މަރާމާތު ކުރަން ނިންމާފައިވާ އިރު 31 މިސްކިތެއް މަރާމާތު ކުރުމަށް ވަނީ އެދިފަ އެވެ. މިނިސްޓްރީ އިން ބުނެފައި ވަނީ އެހީއަށް އެދޭ އިރު މާލިއްޔަތު ގާނޫނުގައި ބުނާ ގޮތަށް އެސްޓިމޭޓް ފުރިހަމަކޮށްފައި ހުށަހެޅުމުން އެހީ ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ވާނެ ކަމަށެވެ.

އެހީގެ ގޮތުގައި ލިބޭ ފައިސާ 15 މިލިއަން ރުފިޔާ އަށް އަރާނަމަ އެ ފައިސާ އިން މިސްކިތްތައް ބިނާކުރަން ވަނީ ނިންމާފަ އެވެ. ގަބުރު ފެނިގެން މިހާތަނަށް ރާއްޖޭގެ 25 މިސްކިތެއް ވަނީ ބަންދުކޮށްފަ އެވެ.