ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ އިންޖީނު ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ކ. ގުޅި ނޫވިލާ، މުހައްމަދު އަޒުމީލް 26، އާއި ރ. ރަސްމާދޫ، މުހައްމަދު ޝާހީން 31، އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް "ޑިސްކަވަރީ" ނަމަކަށް ކިޔާ މަސްދޯންޏެއްގެ އިންޖީނު ވަގަށް ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރީ ރޭ 10:15 ހާއިރު ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރު ކުރީ ދޯނިތެރޭ އިންޖީނު ރޫޅުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން އެ މަސައްކަތް ކުރަމުންދިޔަ ވަގުތު ދޯނީގައި އެއްވެސް މީހަކު ނެތް ކަމަށެވެ.
އަދި ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ދޯންޏަށް އެރީ އެ ދެ މީހުން ވަގަށް ނަގައިގެން ކަމަށް ތުހުމަތު ކުރެވޭ ދޯންޏެއްގައި ހުޅުމާލެ އަށް ގޮސްގެން ކަމަށް ބެލެވޭ ކަމަށެވެ.