07 Jul 2012, 12:43
ރައީސް މުހައްމަދު ނަޝީދަކީ ސާދާ ބޭފުޅެކެވެ. ދިވެހިންގެ ގިނަ ބަޔަކަށް ނަޝީދު އެނގިވަޑައިގަތުމުގެ ކުރިން ވެސް އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރި ބޭފުޅެކެވެ. އެމަނިކުފާނުގެ ގޮތްފޮތާއި ސަމާސާ ކުރެއްވުމާއި ބަސް ވިދާޅުވުން ވަރަށް ގާތުން އަޅުގަނޑަށް ވަނީ ފެނިފަ އެވެ. ރައީސް މައުމޫންގެ ސަރުކާރުގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށް ހިންގި ޝަރީއަތްތަކުގައި ކޯޓް ތެރެއިނެވެ. މަޖިލީހަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭންގެ ތެރެއިންނާއި މަޖިލީހުގެ ހަވާސާގެ ތެރެއިންނެވެ.
އެމަނިކުފާނަށް ވެރިކަން ލިބި ވަޑައިގަތުމުން ވެސް ފެނުނީ އެ ދިރިއުޅުއްވުމެވެ. އެ ހިނިތުން ވުމާއި ސަމާސާއެވެ. އެމަނިކުފާނު ގާތްގަނޑަކަށް ހުރިހާ ތަނަކަށް ވެސް ވަޑައިގަންނަވަނީ ހިންގަވާފަ އެވެ. ރަށްރަށަށް ވަޑައިގެން އެހީތެރިއަކު މެދުވެރި ނުކުރައްވާ ވަރަށް ފަސޭހަފުޅުކަމާ އެކު ހިމަ ފިލާފޮއްޗެއް މަތިން ވަޑައިގަންނަވަ އެވެ. އަބަދުވެސް ފެނިވަޑައިގަންނަންނަވަނީ ވަރަށް ސާދާކޮށެވެ. "އުދުހި" ވަޑައިގެން ކަހަލަ ގޮތަލަށް ފެންގަނޑެއް ހުރަސް ކުރައްވާ މަންޒެއްގެ ފޮޓޯއަކާއި ފާރެއްގައި އެލިވަޑައިގެން ކަހަލަ ގޮތަކަށް ފެންގަނޑެއް ހުރަސް ކުރައްވާ ތަނާއި ގޭގެއަށް ވަޑައިގެން ބަދިގެ ފަރާތުގައި އުޅުއްވާ މަންޒަރުގެ ފޮޓޯތަކެއް ވެސް އަޅުގަނޑު ދެކެމެވެ. ރައީސް ކަމުގައި އެމަނިކުފާނުގެ އެ މިޒާޖު ތަޖުރިބާކުރެވުނު ވަރަށް ގިނަ ބަޔަކަށް އެކަންވީ އާދަޔާހިލާފު ކަމަކަށެވެ. އެހެންވެ ތައުރީފުގެ ބަސްތައް ބަންޑުން ކޮށްލި އެވެ.
ވެރިކަން ލިބިވަޑައިގަތުމުން އަޅުގަނޑަށް އެއީ ކޯޓްތެރޭގައި ކުރިން އަޅުގަނޑާ ސަމާސާ ކުރައްވާ އުޅުއްވި ނަޝީދެއް ނޫނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންވެ ވެރިކަމުގައި ބައްދަލުވި ހަވާސާތަކުގައި ކުރީގެ ސަމާސާއެއް އަޅުގަނޑު ނުކުރެމެވެ. އެކަމަކު އެމަނިކުފާނުގެ އަތްޕުޅުން ނޫސްވެރިކަމުގެ އިނާމު އަޅުގަނޑަށް ދެއްވަމުން ހީހީ އަވަދިވާވަރުގެ ސަމާސާއެއް ސްޓޭޖް މަތީގައި އަޅުގަނޑާ ކުރެއްވި އެވެ. އެ ވާހަކަ އެހެން ފަހަރަކަށް ބޭއްވީ އެވެ.
***
ރައީސް މައުމޫނަށް ވެރިކަން ލިބި ވަޑައިގަތް ދުވަސްވަރުގެ ވާހަކަ މީހުން ކިޔައިދޭއިރު އެމަނިކުފާނު އެކަނި މަގުމަތީގައި ހިންގަވާފައި ގޭގެއަށް ވަޑައިގަންނަވާ ވާހަކަ އާއި އަމިއްލަފުޅަށް ކާރު ދުއްވާ ވާހަކަ އާއި ކޮންމެ ދުވަހަކު އެއް ފަހަރު ކާރުކޮޅުގައި ވަރަށް ބާރަށް މާލެ ވަށައި ބުރެއްޖައްސަވާ ވާހަކައިގެ އިތުރަށް އާންމުންނާ އެކު ސާދާކޮށް އުޅުއްވާ ވާހަކަ އޮވެ އެވެ. މިއީއަކީ އަޅުގަނޑު ދުށްތަނެއް ނޫނެވެ. މީހުން ކިޔައި އުޅޭ ވާހަކަތަކެވެ. އެކަމަކު އަޅުގަނޑުގެ އުމުރުން ފަސް އަހަރުގެ ތެރޭގައި ފެނުނު ތަނެއް ދަންނަވާފާނަމެވެ. މައުމޫނަށް ވެރިކަން ލިބިވަޑައިގަތުމުން އަތޮޅުތަކަށް ކުރެއްވެވި ދަތުރުތަކުގެ ދެވަނަ ބުރެއްގައި މައުމޫން މުންޑޫއަށް ވަޑައިގެންނެވި އެވެ. ވަޑައިގެންނެވި އިރުވެސް އޮތީ ވާރޭ ކަނިލައިލަ އެވެ. އޭގެ ކުރިޔަށް ބޯ ވާރޭގަނޑެއް ވެހުނެވެ. މަގުމަތީގައި އޮތީ ފެން ހެދިފަ އެވެ. މައުމޫން ވަޑައިގަންނަވާ ދަރުބާރުގެ އަޅާފައި ހުރީ ވަރަށް ދުރުގަ އެވެ. ދަރުބާރުގެއަށް ވަޑައިގެންވީ މަގުމަތީގައި ވަރަށް ގިނަ ފެންގަނޑު ހުރަސް ކުރައްވަން ޖެހިވަޑައިގެންނެވި އެވެ. ކޮންމެ ފަހަރަކު ވެސް ވަޑައިގެންނެވީ އަމިއްލަ ފުޅަށެވެ. ފަސޭފުޅު ކަމާއެކު ފުންމާ ވަޑައިގަންނަވަ އެވެ. އެއިން އެއް ފަހަރަކު ކުއްލިއަކަށް ހުއްޓި ވަޑައިގެން، ފެންގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮތް ދިވެހި ދިދައެއް ނަންގަވައި ފާރުބުރިއެއްގެ މަތީގައި ބޭއްވެވި އެވެ. އަޅުގަނޑު ހަނދާނވާ ގޮތުގައި އެމަނިކުފާނުގެ އެ ސާދާ ދިރިއުޅުއްވުމަށް ބަދަލުތަކެއް ގެންނެވި ސަބަބު ކޮންމެވެސް އިންޓަވިއުއެއްގައި ފަހުން ވިދާޅުވެ ދެއްވެވި އެވެ.
***
ވެރިކަން ކުރައްވަން ނަޝީދަށް ލިބި ވަޑައިގެންނެވި ތިން އަހަރާ ދުވަސްކޮޅަކީ އެމަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅު ކަމުގައި ބަލަމާ ހިނގާށެވެ. އެދުވަސްތަކުގައި އެމަނިކުފާނު ދިރިއުޅުއްވެވި ގޮތާއި ވެރި ކަމުގެ ކުރީ ކޮޅުގައި މައުމޫން ކަން ކުރެއްވި ގޮތް ކަމަށް ބުނާ ވާހަކަތަކާއި އަޅުގަނޑަށް އެންމެ ދުވަހެއްގައި ފެނުނު މަންޒަރު ގާތްގަނޑަކަށް އެއްބަނޑު އެއްބަފަ އެވެ.
އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުމެނަށް ރައީސުލްޖުމްހޫރިއްޔާއަކު މޮޅު ކަމަށް ވަނީ ފެންގަނޑު މަތިން ފުންމޭ ނަމަތޯ އެވެ؟ އަޅުގަނޑުމެނަށް ރައީސުލްޖުމްހުރިއްޔާއަކީ އޯގާތެރި ރައީސެއް ކަމަށް ގަބޫލު ކުރެވެނީ ގޭގޭގެ ބަދިގެއަށް ވަޑައިގެން އުޅުއްވާ ނަމަ ތޯ އެވެ؟ އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއާ ރުހެނީ ފެންނަ ކޮންމެ ތަނަކުން ސަމާސާ ކުރައްވާ، ކޮއްޕާ ގަޅުވާ ނަމަތޯ އެވެ؟ ނޫނީ އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއާ ގާނޫނީ ގޮތުން ހަވާލު ކުރާ މަސްއޫލިއްޔަތު ބަރާބަރަށް އަދާ ކުރެއްވުމުގައި މުރާލިކަން ދައްކަވާ ނަމަތޯ އެވެ. އެއްވެސް މީހަކު ތަފާތު ކުރުމަކާ ނުލައި އެންމެ ތަކުން މައްޗަށް ހަމަހަމަކަން ފަތުރުއްވަވާ ވައުދު ފުއްދަވާ ނަމަތޯ އެވެ؟
ސާދާ ދިރިއުޅުއްވުމެއް އުޅުއްވުމަކީ އެބޭފުޅެއްގެ އަމިއްލަ ކަމެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކަށް ވެވަޑައިގެންނެވުމުން އަމިއްލަފުޅު ބައެއް އުސޫލުތައް ދޫކޮށްލަވަންވެސް ޖެހެ އެވެ. އެފަދަ ދިރިއުޅުއްވުމެއް އުޅުއްވެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ވާޖިބާ މަސްއޫލިއްޔަތު ބަރާބަރަށް އަދާ ކުރައްވާ ރައީސެއްގެ އެ ދިރިއުޅުއްވުމުން ރައްޔިތުންނަށް ފެންނާނީ ހުސް ދޮން ފަހެވެ. ކަޅު ފަހެއް ނުހުންނާނެ އެވެ.
އެއާ ހިލާފަށް ފެންގަނޑުމަތިން ފުންމުމާއި އަމިއްލަފުޅަށް ކާރު ދުއްވެވުމާއި ހިންގަވާފައި އޮފީހަށް ވަޑައިގަތުމަކީ ރައީސުލްޖުމްހޫރިއްޔާއެއްގެ މައްޗަށް ލާޒިމް ކުރާ ސިފައެއް ކަމަށް އަޅުގަނޑުމެން ދޭހަ ކޮށްދޭން އުޅުމަކީ މޮޅު ކަމެއް ކަމަށް ވަންޏާ މެނިފެސްޓޯ ހަދައި ކެމްޕޭމްކޮށް ވައުދުތައްވެ ވޯޓްލައިގެން އެންމެތަކުންގެ ތެރެއިން އެންމެ ގާބިލު މީހާ ރައީސްގެ މަގާމަށް އިންތިހާބު ކުރުމުގެ މާނައެއް ނެތެވެ. ބަދަލުގައި އަޅުގަނޑުމެން ބާއްވަންވީ ދިގު ފުންމުމުގެ ރޭހެކެވެ. ރަނގަޅަށް ވާރޭ ބަންޑުން ކޮށްލާ ދުވަހަކު އެފަދަ ހުރިހާ ބޭފުޅުން ލައްވާ ބާރަ ދުއްވާނީ އެވެ. އެންމެ ބާރަށް ދުވެފައި ގޮސް ފެންގަޑު މަތިން އެންމެ ދުރަށް ފުންމާ މީހާގެ ކަރުގައި ރައީސުލްޖުމްހޫރިޔާކަމުގެ މެޑަލި އަޅުވާނީ އެވެ.
އަޅުގަނޑު މި ވާހަކަ ލިޔުނީމާ އަސުރުމަލުގެ މީހުން ބުނާނީ އަޅުގަނޑު ފުރައްސާރައެއް ކުރީއޭ އެވެ. ގުލްސަންޕާ މަލުގެ މީހުން ބުނާނީ ތިމަންނާމެންގެ ރައީސް އަތްޕުޅުން އިނާމު ހޯދައިގެން "ބާޣީ" އަކަށްވީއޭ އެވެ.