07 Jul 2012, 10:50
އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ބައްދަލުކުރާ އިރު ކުރިއަށް ދާންވާނެ މަގެއް އިހުތިޔާރުކުރަން ޖެހޭނީ ރައްޔިތުންގެ ވިންދަށް ބެލުމަށްފަހުގައި ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީން ގއ. ވިލިގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީނު ވިދާޅުވީ އަންނަ އަހަރު ރިޔާސީ އިންތިހާބާ ބައްދަލުކުރާ އިރު އެ މަގު އިހުތިޔާރު ކުރަންވާނީ ރައްޔިތުންގެ ވިންދަށް ބެލުމަށް ފަހު ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ އާއި އިހުތިރާމު ލިބޭނެ ގޮތެއްގެ މަތިން ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ތަސްމީނު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ރައްޔިތުން ބޭނުންވީ ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގެ ވެރިކަން ކުރިއަށް ގެންދަން ކަމަށާއި މިހާރު ވެސް ރައްޔިތުން ބޭނުން ވަނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ކުރުން ކަމަށެވެ. ނަމަވެސް ޑިމޮކްރެޓިކް އިންތިހާބަކުން ވެރިކަން ހޯއްދެވި އެމްޑީޕީގެ ސަރުކާރުން ގާނޫނީ ހަމަތަކާއި އުސޫލުތަކަށް ނުބަލައި ޑިމޮކްރެޓިކް ނިޒާމުގެ އުސޫލުން ބޭރުން ކަންކަން ކުރުމުގެ ސަބަބުން ރައްޔިތުންގެ އުއްމީދުތައް ހާސިލްނުވެ އެކަމުގެ ހިތި ނަތީޖާއާ ކުރިމަތިލީ ކަމަށެވެ.
"ހިތާމައަކަށްވީ މިދެންނެވި ނިޒާމުގެ ތެރެއިން ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރި އެމްޑީޕީގެ ސަރުކާރުން އެންމެ ފުރަތަމަ ވެސް ކުރިކަމަކީ މިދެންނެވި ނިޒާމު މުގުރާލުން. އެއްވެސް ގޮތަކަށް ބެލުމެތް ނެތް ގާނޫނަށް ބެލުމެއްނެތް ހަމައަކަށް ބެލުމެއް ނެތް އުސޫލަކަށް ބެލުމެއް ނެތް އިންސާފަކަށް ބެލުމެއް ނެތި ހިތު ހުރިހާ ގޮތަކަށް ކަންކަތައް ކުރީ އެ އެއްނޫން އަޅުގަނޑުމެން ޑިމޮކްރެޓިކް ނިޒާމަކުން ނުވަތަ ދިވެހި ރައްޔިތުން ހާސިލް ކުރަން ބޭނުންވި ކަމަކީ،" ތަސްމީނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ބުރަ މަސައްކަތުން ގެނައި ތަރައްގީ އެމްޑީޕީގެ ސަރުކާރުން ތިން އަހަރު ދުވަހު ކުރި ވެރިކަމެއްގެ ސަބަބުން ރައްޔިތުންގެ ތަރައްގީ އާއި ތަހުޒީބު ފަހަތަށް ދިޔަ ކަމަށާއި ގައުމުގައި ބިނާ ކޮށްފައިވާ ވަސީލަތްތައް ނުބެލެހެއްޓި ވީރާނެވެގެން ގޮސް ތަރައްގީގެ މަގުގައި ކަންކަން ކުރިއެރުވުމަށް ރައީސް ނަޝީދުގެ ސަރުކާރު އިހުމާލުވެފައިވާ ކަމަށެވެ.
ތަސްމީނު ވިދާޅުވީ އިއްތިހާދުގެ ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރުމަށް ޑީއާރްޕީ އަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށާއި ތިން އަހަރުތެރޭގައި ސަރުކާރުގެ މުޅި ނިޒާމު ބޮއްސުންލާފައި ވުމުގެ ސަބަބުން ސަރުކާރުގެ ތެރޭގައި ބައެއް ކަންކަން ފުރިހަމަ ކުރުމުގައި ވަރަށް ބޮޑު ގޮން ޖެހުން ހުރި ކަމަށެވެ.
"އަޅުގަނޑުމެން ފަށަން ޖެހުނީ ތިން އަހަރު ތެރޭގައި ފުނޑު ފުނޑު ކޮށްލާފައިވާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން. ހިންގުމުގެ ނިޒާމު މިއޮތީ ބޮއްސުންލާފައި. ތަންތާގައި ތިބި ތަންދޮރު ދަންނަ މީހުން މިތިބީ ވަކިކޮށްފައި. ކަންކަމަށް ގާބިލު ނޫން އެތައް ބަޔަކު މަގާމުތަކުގައި އެބަތިބި. އެކަމުގެ ދަތިކަން އެބަހުރި،" ތަސްމީނު ވިދާޅުވި އެވެ.