ކުޑަ ކުއްޖަކާއި އިތުރު ދެ މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ 15،000ރ. އަށް ވުރެ ގިނަ ރުފިޔާ އާ އެކު ފުވައްމުލަކުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، ފުވައްމުލަކު މާދަޑު އަވަށު ގެއަކުން ރޭ 8:30 ހާއިރު ހައްޔަރު ކުރީ އުމުރުން 25 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 17 އަހަރުގެ ކުއްޖަކު ކަމަށެވެ.

އަދި އެމީހުންގެ ހަށިގަނޑާއި އެމީހުން ތިބި ގެ ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއްހުރި 115 ހޮޅި ކޮޅާއި މަސްތުވާތަކެތި ބަންދުކުރުމަށާއި އެތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ބައެއް އާލަތްތައް ފެނިފައިވާ ކަމަށާއި 15785ރ. ގެ އިތުރުން 12 ޑޮލަރު ވެސް ފެނުނު ކަމަށެވެ. ފައިސާތައް ފެނިފައިވަނީ އެމީހުންގެ އަތުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަ ތަކުގައި 18 އަހަރުން ދަށުގެ ކުދިން ހައްޔަރު ކުރުން އަންނަނީ އިތުރުވަމުން ނެވެ.