07 Jul 2012, 09:50
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އިން ސިޔާސީ ހަރަކާތްތައް އަލުން ފެށުމަށް ނިންމައިފި އެވެ.
ނަލަހިޔާ ހޮޓަލްގެ ކޮންފަރެންސް ހޯލްގައި އިއްޔެ ބޭއްވި އެ ޕާޓީގެ ދެވަނަ ކޮންގްރެސްއަށް ފަހު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު އިނާޒު ވިދާޅުވީ އިއްޔެ ބޭއްވި ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް ގިނަ އިސްލާހުތަކެއް ހުށަހެޅި، ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އެ އިސްލާހުތައް ފާސްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިއްޔެ ފާސް ކުރި އިސްލާހުތަކާ އެކު އަސާސީ ގަވާއިދަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ކުރިން ގައުމީ މަޖިލީސްގައި 16 މެންބަރުން ތިބޭ ގޮތަށް އޮތް އޮތުން 11 މެންބަރުންނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޗެއާޕާސަނަކާއި ވައިސް ޗެއާޕާސަނެއްގެ އިތުރުން ގައުމީ މަޖިލީސްގައި ހިމެނޭ އާންމު ހަތް މެންބަރުންގެ އިންތިޚާބު ވެސް އިއްޔެ ވަނީ ބާއްވައިފައި ކަމަށެވެ.
"ގައުމީ މަޖިލީސްގައި ހިމެނޭ މެންބަރުންގެ އަދަދު 16 އިން 11 މެންބަރުންނަށް މިވަނީ ތިރިކޮށްފައި. ޗެއާޕާސަނަކާއި ވައިސް ޗެއާ ޕާސަނަކާއި އޭގެ އިތުރުން ގައުމީ މަޖިލީސްގައި ހިމެނޭ އާންމު ހަތް މެންބަރުންގެ އިންތިޚާބު ބޭއްވުނީ،" އިނާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އެ ޕާޓީ "ސްލީޕިން މޯޑުގައި" އޮތް ނަމަވެސް އިއްޔެގެ އިންތިޚާބަށް ފަހު ކުރިއެކޭ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބާރު ސްޕީޑުގައި ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"ވޭތުވެދިޔަ ތާގައި އައިޑީޕީ ސްލީޕިން މޯޑުގައި އޮވެފައި މިއަދުގެ މި އިންތިޚާބަށް ފަހު އައިޑީޕީ ވެގެންދާނީ މީގެ ކުރީގައި ވެސް އައިޑީޕީ ހާސިލްކުރި ފަދަ ރަނގަޅު އުސް މަގާމުތަކެއް ހާސިލުކުރަމުން ގެންދާނެ ޕާޓީއަކަށް،" އިނާޒު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޕާޓީގެ މަސައްކަތްތައް އަލުން ފަށައިގަތީ އިލެކްޝަންސް ކޮމިޝަނާ އެކު ވެސް ވާހަކަ ދެއްކުމަށް ފަހު ކަމަށާއި އެގޮތުން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ދިޔުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވާ ކަމަށް ވެސް އިނާޒު ވިދާޅުވި އެވެ.