00:28


އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބި، ކޯލިޝަން ސަރުކާރެއް ގާއިމްކުރުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.


މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް 76 ގޮނޑި ބޭނުންވާއިރު މި އިންތިހާބުގައި އިދިކޮޅު އިއްތިހާދަށް ލިބިފައި ވަނީ 73 ގޮނޑި ކަމަށާއި ވެރިކަން ކުރާ ލޭބަރ ޕާޓީ އަށް ލިބިފައި ވަނީ 72 ގޮނޑި ކަމަށް އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން ނުވަތަ އޭބީސީން ލަފާކުރެ އެވެ.  އަދި އެއް ގޮނޑި ވާދަވެރި ކުޑަ ޕާޓީއެއް ކަމުގައިވާ ގްރީނަށް ލިބުނުއިރު ބާކީ ހަތަރު ގޮނޑި ކާމިޔާބު ކުރެއްވީ މިނިވަން މެމްބަރުން ކަމަށް ވެސް އޭބީސީން ބުނެ އެވެ. ނަމަވެސް، ދާއިމީ ނަތީޖާ އާއްމުކުރާނީ ދުވަސްކޮޅެއް ފަހުން ކަމަށް މައުލޫމާތު ލިބެ އެވެ.  


އޮސްޓްރޭލިއާގެ އިދިކޮޅު އިއްތިހާދުގެ ލީޑަރު ޓޯނީ އެބޮޓް ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިފައިވާކަން މިހާރު ވަރަށް ސާފު ކަމަށާއި ސަރުކާރުގެ ޤާނޫނީ ހުއްޖަތު މިހާރު ގެއްލިފައިވާ ކަމަށެވެ.  


ނަމަވެސް، އޮސްޓްރޭލިއާގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޖޫލިއާ ގިލާޑު ވިދާޅުވީ، އިންތިހާބާ މެދު ގޮތެއް ނިންމުން އަދި މާއަވަސް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރު އުފެދިގެންދާނީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިވަން މެމްބަރުންގެ ހިއްސާ އޮވެގެން ކަމަށް ވެސް ޖޫލިއާ ވިދާޅުވި އެވެ. އެހެންކަމުން ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އިދިކޮޅު ފަރާތްތަކުންނާ ވެރިކަން ކުރާ ލޭބީ ޕާޓީން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި މިނިވަން މެމްބަރުންނާ މަޝްވަރާކުރައްވާ، އެ ބަޔެއްގެ ކޮޅަށް އެ މެމްބަރުން ގެންދެވޭތޯ އެކި ގޮތްގޮތުން މަސައްކަތްކުރާނެ. އެހެންކަމުން، މި ދަނޑިވަޅުގައި އެންމެ ބޮޑު ފައިދާތަކެއް ކުރާނީ އެ މިނިވަން މެމްބަރުންނަށް ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.