އެމްއެންޑީއެފްގެ އާ އިމާރާތް އަޅަން ޖައުސާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައި ވަނިކޮށް އެތާގެ ކަރަންޓާއި ކޮމިއުނިކޭޝަންގެ ޚިދުމަތްތައް ގާއިމްކުރުމުގެ ސަބް ކޮންޓްރެކްޓެއްގެ ގޮތުގައި ނަމީރާ އިންޖިނިއަރިންއާ އެ ކުންފުނިން ހަވާލު ކުރި މަސައްކަތް މުއްތަދުގައި ނިންމާފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖައުސާ ކޮންޓްރަކްޝަނަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޖައުސާ ކޮންސްޓްރަކްޝަނަކީ ކުރިން ޕީޕަލް އެލަޔަންސް (ޕީއޭ) ގެ އެގެޒެކްޓިވް ނާއިބް ރައީސް އަދި މިހާރު ޕީޕީއެމްގެ މެންބަރު ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) ގެ ތަނެކެވެ. އަދި ނަމީރާ އިންޖިނިއަރިން އަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހުމަދު ނާޒިމްގެ ކުންފުންޏެކެވެ.

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ސޮއިކުރައްވާ މިދިޔަ އަންގާރަ ދުވަހު އިއްވެވި ހުކުމްގައި ބުނަނީ އެމްއެންޑީއެފްގެ ނުވަ ބުރީގެ އިމާރާތުގެ ކަރަންޓާއި ކޮމިއުނިކޭޝަން މަސައްކަތް އަމިއްލަ ހަރަދުގައި ކުރުމަށް ނަމިރާއާ ހަވާލުކުރުމުން މުއްދަތަށް މަސައްކަތް ނިމިފައި ނުވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ މަސައްކަތް ނިންމަންޖެހޭ ދުވަހަށް ނިންމިފައި ނުވަނީ މަސައްކަތް ޖައުސާ ކޮންސްޓްރަކްޝަން އިން ކޮށްދޭންޖެހޭ ބައެއް ކަންތައް ފަހިކޮށްދީފައި ނުވާތީ ކަމަށް ނަމިރާ އިން ބުނި ނަމަވެސް އެކަން ނަމީރާއަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އަދި މަސައްކަތް ހަވާލުކުރުމަށް ވެވުނު އެއްބަސްވުމަށް ފަހުން ބަދަލު ގެނެސްފައިވާތީ އެއްބަސްވުމުގެ މުއްދަތަށް ބަދަލު އަންނާނެ ކަމަށް ނަމިރާ އިން ބުނި ނަމަވެސް އެއްބަސްވުމަށް ބަދަލެއް ގެނެސްފައިވާކަމަށް ނަމީރާ އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ބުނަނީ މަސައްކަތް މުއްދަތަށް ނުނިމި އިތުރުވާ ކޮންމެ ދުވަހަކަށް އެއްބަސްވެފައިވާ އަގުގެ 0.1 ޕަސެންޓް ލިކްއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި، ނަމިރާ އިން ދައްކަން ޖެހެ އެވެ. މި ރޭޓުން ބަލާއިރު ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ނަމިރާ އިން 8،332،054.22ރ. ނަމީރާއިން ޖައުސާ އަށް ދޭންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ނަމިރާގެ އަމިއްލަ ޚަރަދުގައި މަސައްކަތް ކުރުމަށް އެއްބަސްވުމުގައި އޮތްނަމަވެސް ޖައުސާ އިން 3،802،771.32ރ. ނަމިރާގެ މަސައްކަތަށް ހަރަދުކޮށްފައިވާކަން ދެ ފަރާތުގެ ބަހުންނާއި ލިޔެކިޔުންތަކުން އެނގެން އޮންނާތީ އެ ފައިސާ ވެސް ނަމިރާ އިން ޖައުސާ އަށް ދޭންޖެހޭނެ ކަމަށް ހުކުމް ކުރި އިރު މަސައްކަތާ ގުޅިގެން ނަމިރާ އާއި ޖައުސާއާ ދެމެދު ހަދާފައިވާ ދެ އެއްބަސްވުމަށް ހިނގާފައިވާ އެޑްމިނިސްޓްރޭޓިވް އަދި ފައިނޭންޝަލް ޗާޖަސް އަށްވާ 950،692.37ރ. ދިނުމަށް ވެސް ނަމީރާގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.