ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ ނައިޓް މާކެޓް ނުވަތަ "އުނގުޅޭ" ބާޒާރަކީ ގިނަ ބަޔަކު އެ ބާޒާރާ ދޭތެރޭ އުންމީދުތަކެއް ކުރާ ބޮޑު ބާޒާރެކެވެ. ރޯދައަށް ބޭނުންވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ގަނެލުމަށެވެ. އެ އުއްމީދުގައި އަތޮޅުތެރެއިނާއި މާލޭގައި ދިރިއުޅޭ ގިނަ ފަރާތްތައް އެ ބާޒާރަށް އަންނަ އިރު ރާއްޖެއިން ބޭރުން ވެސް ބައެއް މީހުން އަންނަ ކަމަށް ވެއެެވެ. ނަމަވެސް އަގު ހެޔޮކޮށް ރަނގަޅު މުދާ ލިބޭ ކަމަށް މަޝްހޫރުވެފައި އޮންނަ ބާޒާރާ ބެހޭ ގޮތުން މިހާރު އަޑުއިވެނީ އެހެން ގޮތަކަށެވެ. ނައިޓް މާކެޓްގައި އަގުތައް ހެޔޮ ނުވާއިރު ވިއްކަން ނެރެފައި ހުންނަނީ ހުސް "ފޭކް" އެއްޗެހި ކަމަށް ބުނާ ވާހަކަތަކެވެ.

މިއަހަރުގެ ނައިޓް މާކެޓްން ވިޔަފާރި ކުރި ބައެއް މީހުން ބުނި ގޮތުގައިމިހާރު ނައިޓް މާކެޓަށް ދިއުމަށްވުރެ ރަށުތެރޭގެ ފިހާރަތަކުން ވިޔަފާރިކުރުން ވެސް މާ ރަނގަޅެވެ. ސަބަބަކީ ނައިޓް މާކެޓްގައި އަގު ހެޔޮކޮށް ވިއްކަނީ ފޭކް މުދާތައް ކަމަށްވާތީ އެވެ.

"ހުސް ފޭކް، ހުސް ކޮލެޓީ ދަށް މުދާ ކުޑަތަންކޮޅެއް ހެޔޮކޮށްލާފައި ނޫނީ ބާޒާރުގައި ހުންނަ އަގުގައި،" އެކަކު ބުންޏެވެ. "އަޅުގަނޑު އިއްޔެ ގަތިން ޔޭޔޭ ކޮފީ ޕެކެޓެއް އެމީހުން ބުނި އެއީ ހަމަ އޮރިޖިނަލްއޭ، ގެއަށްގޮސް ބެލިއިރު އެޕެކެޓްގައި އޮތީވެސް އެންމެ 45 ކޮފީ ޕެކެޓް އަނެއް ކޮޅުން އެހާ ނުބައި، ދެން ގަތީ ފައިވާނެއް އެއަށް އަރައިގެން ސިޑިން ނުފޭބެ ވަދު ކަނޑައިގެން ދިޔަ އިރު،"

ނައިޓް މާކެޓަށް ޒިޔާކުރާ މީހުން ބުނާ އެއް ވާހައަކީ ފިހާރައިގައި ގިނަ ދުވަހު ބަހައްޓާ ނުވިކިފައި ހުންނަ މުދަލާއި ރާއްޖެއުން ބޭރުން ކޮލެޓީ ދަށްކޮށް މުދާ ހައްދާގައިގެން ގެންސް ވިއްކާ ވާހަކަ އެވެ. ނައިޓް މާކެޓްގައި ވިއްކާ ފައިވާނާއި ބޫޓު ފަދަ ތަކެއްޗަކީ މުޅިން ވެސް ފޭކް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ކޮލެޓީ ރަނގަޅުކަމަށް މީހުން ބުނާ ބާވަތަކީ ކުނިކަހާ ފިއްސާއި މޮޕެވެ. ފިހިގަނޑާއި މޮޕަކީ މަގުމަތީ ބާޒާރުގައި އެންމެ ހިނގާ ބާވަތް ވެސް މެއެވެ.

މިހާރުގެ ބާޒާރުގެ މޭޒެއްގައި ތަކެތި ވިއްކާ އަންހެނަކު ބުނި ގޮތުގައި އެތަނުން ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންވެސް މަކެޓާއި ދޭތެރޭ ހިންހަމަޖެހެ އެވެ. އަގާއި ކޮލެޓީއާ މެދު ވެސް ކަސްޓަމަރުންގެ މައްސަލައެއް ނޯވެ އެވެ.

"އަޅުގަނޑުމެން ވިއްކަނީ ހަމަރަނގަޅު ތަކެތި. މީގައި އެހެން ގޮތެއް ވެސް ދިމާވޭ، އެއީ ދިވެހިނަށް ވާގޮތަކީ އަގު ހެޔޮވީމަ އެީ ފޭކް ކަމަށް ވަނީ. ފޭކް އެއްޗެއް ވެސް އަގު ބޮޑު ކޮށްފިއްޔާ އެއީ އޮރިޖިނަލަށްވޭ،" ވިޔަފާރި ކުރާ އެ އަންހެން މީހާ ބުންޏެވެ.

ނައިޓް މާކެޓުން ވިއްކާތަކެތި ކޮލިޓީ ދަށް ކަމަށް ބުނާ ވާހަކައިގެ އިތުރުން ބާޒާރަށް ދާ މީހުންގެ އަނެއް ވާހަކައަކީ އަގު ހެޔޮކޮށް ތަކެތި ލިބޭނެ ކަމަށްބުނާ މާކެޓްގައި ތަކެތި އަގު ބޮޑު ވާހަކަ އެވެ. އެހެން އަހަރުތަކަށްވުރެ ތަކެތީގެ އަގުބޮޑު ވާހަކައަކީ މިއަހަރު ނައިޓަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ވެސް ދައްކާ ވާހަކައެކެވެ.

"މިފަހަރު ކިރިޔާވެސް އަގު ހެވީ ފިހާރާގައި ބަހައްޓާ އެތައް އަހަރެއް ވެފަހުންނަ ބާ އެއްޗިހި. މިފަހަރު ވަރަށް އަގު ބޮޑު" އަގު ހެޔޮ ބާޒާރަކުން ވިޔަފާރިކޮށްލުމުގެ އުއްމީދުގައި ދިޔަ މީހަކު ބުންޏެވެ.

ތަކެތީގެ އަގު ބޮޑު ވާހަކައާއި ތަކެތީގެ ކޮލިޓީ ދަށް ވާހަކަ ދައްކާއިރު އެ މާކެޓަށް ޒިޔާރަތްކޮށް ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް އަދި ކޮންމެ ރެއަކުވެސް ވިޔަފާރެކުރެ އެވެ. އަގު ބޮޑު، ކޮލިޓީ ދަށް ތަކެތި ގައްނަންވީ ކީއްވެގެން ތޯ އަހާލުމުން ބާޒާރު ކުރަމުން ދިޔަ މީހަކު ބުނީ އުންމީދުކުރިވަރު އަގު ހެޔޮ ނޫން ކަމަށާއި ނަމަވެސް ބައެއްތަކެތި އަތްފޯރާ ފަށުގައި ލިބެންހުންނަ ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވި ގޮތުގައި މިއަހަރު މާކެޓް އަދި ކުރިއަށްދާ ގޮތާއި ދޭތެރޭ ހިންހަމަޖެހިވަޑައި ގަންނަވަ އެވެ. ހަމަ އެކަނި އޮތް ތަންކޮޅަކީ މޫސުމެވެ.

"އަޅުގަނޑުމެން ބަލާބެލުމުން ފެންނަނީ މާކެޓަށް ޒިޔާރަތް ކުރާ ހުރިހާ ބޭފުޅުން ވެސް ވަރަށް ރަނގަޅަށް ވިޔަފާރިކުރާ މަންޒަރު އެހެންވީމަ މިހާތަނަށް ވަރަށް ރަނގަޅޭ ބުނެވޭނީ،" އާސިފް ވިދާޅުވި އެވެ. "ތަކެތީގެ އަގު ބޮޑު ވާހަކަޔާއި އެހެނިހެން ވާހަތަކަކަކީ މިކަހަލަ މާކެޓެއްގައި އިވޭނެ ވާހަކަ އެކަމް އަޅުގަނޑުމެން އެކަހަލަ ކަންތަށްތަށް ނިންމަނީ ތަރުހީބަށް ބަލއިގެން، އެގޮތުން ކޮންމެ ރެއަކު އެތަށް ބަޔަކު ޒިޔާރަތްކޮށް ވިޔަފާރިކުރާކުރުމަކީ މާކެޓް ރަނގަޅުވުމުގެ ނިޝާނެއް"

ބާޒާރުގައި ވިޔަފާރިކުރަމުންދާ ފަރާތްތަކުން ތަކެތީގެ އަގު ބޮޑު ވާހަކަ ބުނަމުން ދާއިރު އެހެން އަހަރުތަކަށް ވުރެ އެތަނުން ލިބެންހުރިތަކެތި އަގު ބޮޑުކަން ފާހަގަކުރެވެ އެވެ. އަދި ބައެއްތަކެތީގެ "ފޭކް" ހުންނަކަން ވެސް ފާހަގަކުރެވެއެވެ. ނަމަވެސް އަގު ހެޔޮ ބާޒާރުގައި މިއަހަރުވެސް ގިނަ އަދަދެއްގެ ސާމާނު ލިބެން އެބަހުއްޓެވެ. އަދި ގިނަ އަދަދެއްގެ މީހުން ޖަމާވެ ވިޔަފާރިވެސް ކުރެ އެވެ.