ރާމަﷲ (ޖުލައި 7): ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ ކުރީގެ ވެރިޔާ އަދި ފަލަސްތީނުގެ ފުރަތަމަ ރައީސް ޔާސިރު ޢަރަފާތު އަވަހާރަވީ އެމެރިކާއާއި އިސްރާއީލުން އޭނާ އަށް ވިހަދީގެން ކަމަށް ފަލަސްތީނުގެ ތަޖްރިބާކާރުން ތުހުމަތުކޮށްފި އެވެ.

ފަލަސްތީނުގެ ބައެއް ސިޔާސީ ލީޑަރުންނާއި ޖިނާއީ ޢިލްމުގެ ތަޖްރިބާކާރުންނާއި ޖާސޫސީ އަދި ޤާނޫނީ ތަޖްރިބާކާރުންނާއި ބައެއް މެޑިކަލް ޑޮކްޓަރުން ތުހުމަތުކުރާ ގޮތުން ޢަރަފާތަށް ވިހަލާފައި ވަނީ އޭނާ އަވަހާރަކޮށްލުމުގެ ނިޔަތުގައި އެމެރިކާ އާއި އިސްރާއީލު ގުޅިގެން ރޭވި ރޭވުމެއްގެ ދަށުންނެވެ. އެރޭވުން ތަންފީޒު ކުރުމުގައި ފަލަސްތީނުގެ ޚާއިނުންގެ ބަޔަކު ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ފަލަސްތީނުގެ ތަޖްރިބާކާރުން ތުހުމަތު ކުރެ އެވެ.

ޢަރަފާތު އަވަހާރަވީ ވިހަ މާއްދާއެއްގެ ސަބަބުން ކަމަށް ކުރެވޭ ތުހުމަތުތައް ބައިނަލްއަޤްވާމީ ގޮތުން ބަލައި ތަޙްޤީޤް ކުރުމަށް ފަލަސްތީނުގެ ޒާތީ އިދާރާއިިންނާއި ޢަރަބި ލީގުން ވެސް ވަނީ ގޮވާލާފަ އެވެ. އަރަބި ލީގުގެ އަމީން ޢާންމުގެ އެހީތެރިޔާ އަޙްމަދު ބިން ޙުލައި އދ. އަށާއި ބައިނަލްއަޤްވާމީ މުޖްތަމަ ޢަށް އިއްޔެ ގޮވާލެއްވީ ޢަރަފާތު އަވަހާރަވީ ނިއުކްލިޔަރ ރޭޑިއޯއެކްޓިވް މާއްދާއެއް ކަމަށްވާ ޕޮލޯނިޔަމްގެ ވިހައިގެ ސަބަބުން ކަމަށް ކުރެވޭ ޝައްކުތައް ބައިނަލްއަޤްވާމީ ގޮތުން ތަޙްޤީޤް ކުރުމަށެވެ.

ދެ ހާސް ހަތަރު ވަނަ އަހަރުގެ ނޮވެމްބަރު މަހު ގޮތްނޭންގޭ އާލާސްކަންފުޅެއްގައި ޢަރަފާތު އަވަހާރުވުމާގުޅިގެން ޙަމާސް ޖަމާއަތުން ވަނީ އަރަފާތަށް ވިހަ ލީކަމުގެ ތުހުމަތު އެދުވަސްވަރު އިސްރާއީލުގެ މައްޗަށް ކޮށްފަ އެވެ. މި ތުހުމަތުތަކަށް އިސްރާއީލުން އިންކާރުކޮށްފައެއް ނުވެ އެވެ. ޢަރަފާތުގެ ޙާލުކޮޅު ދަށަށްދާންފެށީ އިސްރާއީލު ސިފައިން ރާމަﷲ އަށް އަރައި ފަލަސްތީނުގެ ރިޔާސީ އޮފީސް ވަށާލައި އެއޮފީހުގައި ޢަރަފާތު ހިސާރުކޮށްގެން އުޅޭތާ އެތައް މަހެއް ފަހުންނެވެ.
ޢަރަފާތު އަވަހާރަވީ ނިއުކްލިޔާ ވިހައިގެ ސަބަބުންކަން އިތުރަށް ހާމަވީ ޢަރަފާތު ބޭނުންކުރެއްވި ތަކެއްޗާއި އޭނާގެ ހެދުންކޮޅުތަކާއި ގެންގުޅުއްވި ޕާސަނަލް ތަކެތި ސްވިސްޓްޒަރލޭންޑްގެ ޚާއްސަ ލެބޯޓްރީއެއްގައި ޓެސްޓް ކުރުމުން ނިއުކްލިޔާ ރޭޑިއޯއެކްޓިވް މާއްދާއެއް ކަމަށްވާ ޕޮލޯނިޔަމްގެ އަސަރު އެތަކެތީގައި ވަރަށް ބޮޑަށް ހުރިކަން ދާދިފަހުން ސާބިތުވުމުންނެވެ. މި ތަހްޤީޤްކުރީ އަލްޖަޒީރާ އިން ނެވެ.

ޢަރަފާތުގެ މަރުގެ މައްސަލަ އިތުރަށް ތަޙްްޤީޤް ކުރުމަށްޓަކައި ޢަރަފާތު ފަސްދާނުލާފައިވާ ކައްވަޅުކޮނެ އޭނާގެ ހަށިކޮޅުއޮތްތަނުގެ ވެއްޔާއި އޭނާގެ ކަށީގެ ސާމްޕަލް ނަގައިގެން އިތުރަށް ޓެސްޓް ކުރުމަށް ފަލަސްތީނުގެ ޒާތީ އިދާރާ އިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ފަލަސްތީނުގެ ދީނީ ޢިލްމުވެރިން ވަނީ ތަޙްޤީޤަށް ޓަކައި ކައްވަޅުކޮނެ އެތަނުން ސާމްޕަލްނެގުން ހުއްދަކޮށްފަ އެވެ.

އެމެރިކާ އާއި އިސްރާއީލަކީ އެ ދެ ޤައުމާ އިދިކޮޅު ދުނިޔޭގެ ސިޔާސީ ލީޑަރުން މެރުމަށް މަޝްހޫރު ދެޤައުމެވެ. އިސްރާއީލަކީ ފަލަސްތީނުގެ ލީޑަރުންނަށް ވިހަދީގެން އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވާކަން ސާބިތުވެފައިވާ ޤައުމެކެވެ. ޙަމާސްގެ ސިޔާސީ ވެރިޔާ ޚާލިދް މިޝްޢަލް އަށް ވިހަދީގެން އޭނާ އަވަހާރަކޮށްލުމަށް އިސްރާއީލުން ކުރި މަސައްކަތް ބޭޒާރުވެ މިކަމުގައި ޙަރަކާތްތެރިވި އިސްރާއީލުގެ އެޖެންޓުން އުރުދުންއިން ހައްޔަރުކޮށްފައިވެ އެވެ. އަދި އިސްރާއީލުން އެޖެންޓުުން ފޮނުވައިގެންނާއި ވައިގެ މަގުން ޙަމަލާދީގެން ފަލަސްތީނުގެ އެތައް ލީޑަރުންނެއް އަވަހާރަކޮށްލާފައިވެ އެވެ.
އެމެރިކާއަކީ އެމެރިކާއާ އިދިކޮޅު ދުނިޔޭގެ ސިޔާސީ ޒަޢީމުން އަވަހާރަކޮށް ސިޔާސީ ލީޑަރުންނަށް ވިހަލުމުގެ ތާރީޚެއް އޮންނަ ޤައުމެވެ. ކިޔުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އަށް ވިހަލުމަށް އެމެރިކާކުރި މަަސައްކަތް ބޭޒާރުވެފައިވެ އެވެ. އަދި ޗިލީގެ ކުރީގެ ރައީސެއް ކަމަށްވާ ސެލްވަޑޯރު ލެނިންޑީގެ މަރުގެ ފަހަތުގައި އެމެރިކާވާކަން ބޭޒާރުވެފައިވާ އިރު ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް މުޙައްމަދު ޟިޔާއުލްހައްޤު އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ އެމެރިކާ ކަމަށް ތުހުމަތު ކުރެވިފައިވެ އެވެ. (ނޫސްއެޖެންސީތައް)