07 Jul 2012, 09:22
ބުޚަރެސްޓް (ޖުލައި 7): ރުމޭނިޔާގެ ޝަރްޢީ ދާއިރާ އަށް ގޮންޖެހުމާއި ކޯޓްތަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ރޫމޭނިޔާގެ ރައީސް ޓްރިޔަން ބެސިސްކޯ މަޤާމުން ދުރުކުރުމަށް އެ ޤައުމުގެ ޕާލަމެންޓްގެ ދެގޭގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކޮށްފި އެވެ.
ރުމޭނިޔާގެ ޕާލަމެންޓްގައި ހިމެނޭ ސެނެޓްއާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މެންބަރުންގެ ތެރެއިން 256 މެންބަރުން އިއްޔެ ވޯޓު ދެއްވީ ރައީސް ބެިސސްކޯ ޝަރްޢީ ދާއިރާ އަށް ގޮންޖައްސަވައި ކޯޓްތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް އޭނާ މަޤާމުން ޢަޒުލުކުރުމުގެ ކަންތައް ފެށުމަށެވެ. ބެސިސްކޯ ޢަޒުލުކުރަން ނުފެންނަކަމަށް ވޯޓު ދިނީ 144 މެންބަރުންނެވެ.
ބެސިސްކޯ އަޒުލުކުރުމަށް ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތަކުން ފާސްކުރުމުން ދެން އޮންނާނީ ޕާލަމެންޓްގެ މިނިންމުމަށް ރައްޔިތުންގެ އަޣްލަބިއްޔަތު ތާއީދުކުރޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެކެވެ. ރުމޭނިޔާގެ ދަސްތޫރު ބުނާ ގޮތުން ރައީސް ޢަޒުލުކުރުމަށް ޕާލަމެންޓުން ނިންމާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނަގަންވާނެ އެވެ. ނަމަވެސް މި ވޯޓު ނަގާނެ ދުވަހެއް ޕާލަމެންޓުން އަދި ކަނޑައެއް ނާޅަ އެވެ.
ރުމޭނިޔާގައި ވެރިކަންކުރާ ކޯލިޝަން ސަރުކާރުގެ ބޮޑުވަޒީރަކީ ވިކްޓާ ޕޮންޓާ އެވެ. މިސަރުކާރު ރުމޭނިޔާގެ ވެރިކަމާ ޙަވާލުވީ އެންމެފަހުން އެޤައުމުގައި ބޭއްވި އިންތިޚާބަށް ފަހު މިދިޔަ މޭ މަހުގަ އެވެ. މިއިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ލިބިފައެއް ނުވެ އެވެ. އެމެރިކާ އާއި ހުޅަނގުގެ ޔޫރަޕްގެ ބާރުތަކުން ވަނީ ބެސިސްކޯ މަޤާމުން ދުރުކުރުމުގެ ސަބަބުން ރުމޭނިޔާގެ ޑިމޮކްރެޓިކް ނިޒާމަށް ބުރޫ އަރާފާނެ ކަމަށް ބުނެ ވިކްޓަރ ޕޮންޓާގެ ކޯލިޝަން ސަރުކާރަށް އިންޒާރު ދީފަ އެވެ.
ނަމަވެސް ކޯޓްތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސެއް ކަމަށްވާ ޝަރްޢީ ނިޒާމުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލޭނެ ކަމަކަށް ބުނެ އެއްވެސް ފަރާތަކުން މިފަދަ ޢަމަލެއް ނުހިންގުމަށް ޔޫރަޕިޔަން ކޮމިޝަނުން އިލްތިމާސްކޮށްފައިވާ އިރު ވެރިކަމުގެ ބާރުތަކުގެ މެދުގައި އޮންނަ ބެލެންސް ނަގާލައި އެއްބާރުން އަނެއްބާރުގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ނުކުރުމަށް ވެސް ޔޫރަޕިޔަން ކޮމިޝަނުން ގޮވާލާފައިވެ އެވެ. (ނޫސްއެޖެންސީތައް)