ހައްގެއް ނިގުޅައިގަތަސް ނުވަތަ ބައެއްގެ ފަރާތުން ތިމާއަށް ލިބެންޖެހޭ މުދަލެއް ނުވަތަ ފައިސާއެއް ނުލިބިވާ ނަމަވެސް އަދި ތަރިކައިގެ މައްސަލައެއް ނަމަވެސް އެކަމަށްޓަކައި ދާން ޖެހެނީ ކޯޓަށެވެ. އެއީ ކޯޓަކުން ނޫނީ ހައްލު ލިބެން ނުހުންނަ ކަންކަމެވެ. އެހެންނަމަވެސް އަބަދުވެސް އޮންނަނީ ކޯޓްތަކަށް ވަންނަ މައްސަލަތައް ނުނިމި ދިގުލުމުގެ ވާހަކަތަކެވެ. ވޭތުވެދިޔަ ތިން އަހަރާއި އޭގެ ކުރީގެ 30 އަހަރު ދުކޮށްލުމަށްފަހު އޭގެ ކުރިޔަށް ދިޔައައަސް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގުދެމިގެންދާކަން ތާރީހުގެ ސޮފުހާތަކުން އެނގެ އެވެ.

ސިވިލްކޯޓަށް ބަލާއިރު 2006 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާއި ހަމަޔަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކެއް އަދިވެސް ވަނީ ނުނިމި އެވެ. ޖިނާއީ ނުވަތަ ކްރިމިނަލް މައްސަލަތަކަށް ބަލާއިރު ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކާއި ތޫނު އެއްޗެހިން މީހުންގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި އަދި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގުޅޭ ބައެއް މައްސަލަތައް ވެސް ނުނިމިވާތާ އެތަކެއް އަހަރެއް ވެއްޖެއެވެ.

ފާހަގަކޮށްލެވޭ ބައެއް ޖިނާއީ މައްސަލަތަކަށް ބަލާއިރު 2006 ވަނަ އަހަރު މާލޭގައި އަންހެން ކުއްޖެއްގެ މޫނުގައި ކަޓަރު އެޅި މައްސަލައެއްގައި ދައުލަތުން ދައުވާކުރަ މީހެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި އޮތީ ނުނިމި އެވެ.

އައްޑު އަތޮޅުގެ ބޯޓެއްގެ ތެރޭގައި ހުރި ދަވާދު ޓައްޕަކުން 2009 ވަނަ އަހަރު ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރާ ދެ މީހުންގެ ޝަރީއަތް ވެސް އަދި ނިމިފައެއް ނުވެއެވެ. އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބޭއްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މައްސަލައިގައި ދައުވާ ލިބޭ އެކަކު އެއްވެސް ގޮތަކަށް ކޯޓަށް ހާޒިރުކުރެވިފައެއް ނުވެއެވެ.

ދެހާސް ދިހަ ވަނަ އަހަރު ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި ވަޅިހަރައި އެރަށު މެކޯ، އަބްދުﷲ ޝުހާދު މަރާލި މައްސަލައިގެ ޝަރީއަތް ވެސް އަދި ނިމިފައި ނުވެއެވެ. އެ މައްސަލައިގެ ހެކިބަސް ނެގިފަހުން ވެސް ނުވަ މަސް ވޭތުވެއްޖެއެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަދި ބާއްވާފައި ނުވެއެވެ.

މަރުގެ އަނެއް މައްސަލައަކީ ހަދަމުންދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ 2010 ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގެ ޝަރީއަތެވެ. އެ މައްސަލަ ވެސް އޮތީ ހެކިބަސް ނަގައި ނިމުމަށް ފަހު ވާރިސުންގެ ބަޔާން ނަގާ ހިސަބުގައެވެ. އޭގެ ފަހުން އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މުޖުތަމައުއަށް ނުރައްކާތެރި ކުއްވެރިންގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ބުނާ ގދ. ފަރެސްމާތޮޑާ އަލި، ޣައްސާން އަލީގެ މައްޗަށް ދައުވާކުރި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާތާ އެތަކެއް ދުވަސް ވެއްޖެއެވެ. ނަމަވެސް އެ މައްސަލައިގެ ހުކުމް އަދި އިއްވާފައެއް ނުވެއެވެ.

ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކަކީ އާންމު ރައްޔިތުންނާއި ގުޅިފައިވާ މައްސަލަތަކަށް ވާއިރު ގިނަ އަހަރުތަކެއް ވަންދެން މައްސަލަތައް ނުނިމި ކޯޓުގައި ދިގުދެމިގެން ދިޔުމަކީ އާންމުންގެ ގިނަބަޔަކު ކަންބޮޑުވާ ކަމެކެވެ.

ޖުޑީޝާރީގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓްގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް ވިދާޅުވި ގޮތުގައި ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ދިގު ދެމިގެންދާ ސަބަބުތަކުގެ ތެރޭގައި ކޯޓުތަކުގައި ޖާގައިގެ ދަތިކަން ހުރުމާއި ކޯޓުތަކުގައި ފަނޑިޔާރުން ނެތުމުގެ މައްސަލަ ހިމެނެއެވެ. އަދި ކޯޓުތަކުގައި އެކަށީގެންވާ ވަރަށް އިދާރީ މުވައްޒަފުން ނެތުމަކީ ވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯޓުތަކުގައި ފަނޑިޔާރުން އިތުރު ނުވާއިރު މިދިޔަ އަހަރާއި މިއަހަރު ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އިތުރު ވެފައިވާކަމަށާއި އެއީވެސް މައްސަލަތައް ދިގުދެމިގެން ދިޔުމުގެ ސަބަބެއްކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

" ދެ ވަނަ ކަމަކަށް ފަނޑިޔާރުން އިތުރުކުރުމުގެ ކަންތައް. އެނގިވަޑައިގަންނަވާނެ 2007 ވަނަ އަހަރުވެސް ފަނޑިޔާރުން ތިބި އަދަދަށް ދަށު ކޯޓުތަކުގައި ފަނޑިޔާރުން ތިއްބެވީ. 2011 އަދި 2012 ވަނަ އަހަރު ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އިތުރު ވެއްޖެ. އެހެންވީމަ މައްސަލަ ހުށަހެޅޭ އަދަދު އިތުރުވީ އިރު ރޫމް އިތުރު ނުވެ ފަނޑިޔާރުން އިތުރު ނުވެ އޮތްކަމަށް ވަންޏާ ޑިލޭވާނެ ކަން އެއީ ކޮންމެ ބަޔަކަށް ވެސް ސާފުވާނެ ކަމެއް،" ލަތީފާ ވިދާޅުވި އެވެ.

އެއީ މައްސަލައެއް ކަމަށް ވިޔަސް މިހާތަނަށް އަޑުއެހުން ނިމިފައި އެތައް ދުވަހެއްވީ މައްސަލަތައް އެކަމުގައި "ހައްޔަރު" ވާންވީ ސަބަބެއް ނުފެނެ އެވެ.

ލަތީފާ ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކަމުންދާތާ ހަތަރު ވަރަކަށް އަހަރުވެފައިވެ އަދިވެސް އެކަމަށް ހައްލެއް ލިބިފައި ނުވެ އެވެ.

"ފަނޑިޔާރުން އިތުރު ނުކުރެވެނީ ވެސް ޖާގަ ނެތުމުން. އެހެންވީމަ ނެތް ފަނޑިޔާރުން އިތުރު ކުރެވޭކަަށް. އެކަންތައް ހައްލުކުރުމަށްޓަކައި ޖުޑިޝަރީން ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަކުރޭ. އެ މަސައްކަތް ކުރަމުން އަންނަތާ ތިން ހަތަރު އަހަރެއް ވެދާނެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލިޔެގެން. ސަރުކާރުން ޖުޑިޝަރީ ކޯޓު ކޮމްޕްލެކްސް އެޅުމަށްޓަކައި ބިމެއް ކަނޑައަޅާ ދެއްވައި އެބިމުގައި އިމާރާތް ކުރުމަށް ބަޖެޓްދެއްވައި އެކަންކަން ފުރިހަމަ ކޮށްދެއްވައިގެން ރައްޔިތުން މިއެދޭ ގޮތަށް އަވަހަށް މައްސަލަތައް ނިމުމަށް ހުރި ހުރަސްތައް ނައްތާލެވޭނީ،" ލަތީފާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވި ގޮތުގައި މައްސަލަތައް އަވަސް ކުރުމުގައި އެދެވޭ ހައްލެއް ލިބޭނީ ޝަރުއީދާއިރާގެ ބޭފުޅުންނާއި މަޖިލީސް މެންބަރުންނާއި ތަންފީޒީ އިދާރާގެ ބޭފުޅުން އެއް މޭޒެއްގެ ދޮށުގައި ތިބެ އެކަމާ މެދު މަޝްވަރާކޮށް އެކަމުގައި ހުރި ދަތިތައް ބަލައި އެކަމަށް ހައްލު ހޯދައިގެން ކަމަށެވެ.

"ތީގަ އެންމެ އެދެވޭ ހައްލެއް ގެނެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ގާނުނޫ ހަދާ މަޖިލީހާއި އަދި ތަންފީޒީ ބާރާއި އެއްކޮށް އިށީދެނގެން ކޮބައިތީ ދަތިވާ ކަންތައްތަކަކީ ބަލާފަ އެކަމަކަށް ހައްލު ހޯދައި ދިނުން. އަޅުގަނޑުމެން އެބަޖެހޭ ފަނޑިޔާރުންގެ އަޑުވެސް އަހަން. އަޅުގަނޑުމެން އެބަޖެހޭ ފަނޑިޔާރުންނަށް ވަސީލަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރަށް ހުރި ދަތިތަކުގެ ވާހަކަތައް ވެސް އަޑުއަހަން. އަޅުގަނޑުމެން އެބަޖެހޭ ގާނޫނު ހަދާ މަޖިލީހުން ހަދާ ގާނޫނުތަކުގައި ހުރި ދަތިތައް ބަލައި އެކަމުގައި ވެސް ހައްލު ހޯދައިދޭން،" އާމިރު ވިދާޅުވި އެވެ.

ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލެއް ކަމަށްވާ އަހުމަދު ޒަނީން އާދަމް ވިދާޅުވިގޮތުގައި ޖިނާއީ މައްސަލަތައް ނުނިމި ލަސްވުމުގައި ފާހަގަކޮށްލެވޭ މުހިންމު އެއްކަމަކީ ހެކީން ކޯޓަށް ހާޒިރު ނުކުރެވުމެވެ.

އޭނާ ވިދާޅުވީ ބައެއް މައްސަލަތަކުގައި ފަޅުރަށްރަށުގައި ދަނޑުވެރިކަން ކުރާ މީހުންނާއި މަސްވެރިން ވެސް ހެކިބަސްދޭން ތިބިއިރު އެމީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.

މީގެ އިތުރުން މާލޭ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ބައެއް މީހުން ކޯޓަށް ހާޒިރު ކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާތީ އެއީ ވެސް މައްސަލަތައް ލަސްވުމުގެ ސަބަބެއްކަމަށް އޭނާ ވިދާޅުވެއެވެ.

"މިސާލަކަށް އަޅުގަނޑު ވަކާލާތުކުރާ މައްސަލަތަކުގައި ވަރަށް ބޮޑަށް ދިމާވާކަމެއް. ހެކީންގެ ގޮތުގައި އެބަތިބި ފަޅުރަށްރަށުގައި ދަނޑުވެރިކަން ކުރާ މީހުން. އަދި މަސްވެރިން ވެސް އެބައުޅޭ. އެފަދަ މީސްމީހުން ހާޒިރުކުރަން އުނދަގޫތަކާ ކުރިމަތިވޭ. ހަމައެއާ އެކު މާލޭ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުން ކޯޓަށް ހާޒިރުކުރުމަށް އުނދަގޫތަކާ ކުރިމަތިވޭ. އެމީހުން އުޅޭތަނެއް ނޭގުމުން ވަރަށް އުނދަގޫވޭ އެފަދަ މީހުން ކޯޓަށް ހާޒިރުކުރުމަށް،" ޒަނީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވިގޮތުގައި ރާއްޖޭގެ ކޮންމެ ކޯޓެއްގައި ވެސް ވަކާލާތު ކުރުމަށް ރަޖިސްޓްރީ ކުރާގޮތަށް ދާދި ފަހުން ސުޕްރީމް ކޯޓުން ހަމަޖެއްސުމަކީ އަދުލު އިންސާފު ގާއިމް ކުރުމުގައި ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. އޭގެ ސަބަބުން ވެސް މައްސަލަތައް ދިގު ދެމިގެން ދިޔުމުގެ ފުރުސަތު އެބަ އޮތްކަމަށް ވެސް މާރިޔާ ވިދާޅުވެއެވެ.

އޭނާ ވިދާޅުވީ ޝަރުއީ ދާއިރާގެ މައްސަލަތައް ހައްލުކުރުމަށްޓަކައި މަހާސިންތާއެއް ބާއްވައިގެން ވިޔަސް އެ ދާއިރާއާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ޖެހޭކަމަށެވެ. އެކަމަކީ އިނގިރޭސި ވިލާތް ފަދަ ބޭރުގެ ގައުމުތަކުގައި ކުރަމުން ގެންދަ ކަމެއް ކަމަށް ވެސް އޭނަ ވިދާޅުވެއެވެ.

"ހުރިހާ ކޯޓެއްގައި ވަކީލުން ރަޖިސްޓްރީ ކޮށްގެން ނޫނީ ވަކާލާތު ނުކުރެވޭ ގޮތަށް ހަމަޖެއްސުމަކީ ވެސް ކޯޓުތަކުން މައްސަލަތައް ނިންމުމަށް ހުރި ދަތިތަކެއް. ވަކީލުންނަށް ވީހާވެސް ފަސޭހައިން ވަކާލާތު ކުރެވޭނެ ފުރުސަތު އޮންނަން ޖެހޭ.،" މަރިޔާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ކޯޓުތަކުގެ ބޭފުޅުންނާއި ވާހަކަދެއްކުމުން މައްސަލަތައް ލަސްވެގެންދާ ސަބަބުތައް އެނގިފައިވާ ކަމަށެވެ.

އެގޮތުން ކްރިމިނަލް ކޯޓު ހިންގަނީ ޖަސްޓިސް ބިލްޑިންގެ ތިން ވަނަ ފަންގިފިލާގައި ކަމަށް ވެފައި ހެކީން ކޯޓަށް ވަދެ ނުކުމެ އުޅޭއިރު މީހުންނަށް ފެންނާތީ ސިއްރުން ހެކިބަސް ދޭން ތިބި މީހުން ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާކަމަށް އާރިފް ވިދާޅުވެއެވެ.

" ސިއްރުން ހެކިބަސް ނެގިޔަސް ކޯޓަށް އެމީހުން ވަންނަ އިރު މީހުންނަށް އެބަފެނޭ. އެއީ ކޯޓުގައި ޖާގަ ނެތުމުން. މި މައްސަލަ ބޮޑަށް ދިމާވަނީ ކްރިމިނަލް ކޯޓުގައި. ޖަސްޓިސް ބިލްޑިންގެ އެންމެ ބުރިއެއްގައި އެ ކޯޓު ހިންގާއިރު އެތަނަށް ވަދެ ނުކުމެއުޅޭއިރު އާންމުންނަށް ފެންނާނެ،" އާރިފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ވިދާޅުވި ގޮތުގައި ކޯޓުތަކުގައި މައްސަލަތައް ނުނިމި ފުނިޖެހެމުން ދަނީ ކުރަންވާ ވަރަށް މަސައްކަތް ނުކުރެވޭތީ އެވެ.

އޭނާ ވިދާޅުވީ ކޯޓަށް ހުށަހަޅާ ވަރަށް އާދައިގެ މަދަނީ މައްސަލައެއްވެސް ނިމެން އަށް މަސްދުވަސް ވަރު ނަގާކަމަށެވެ. އެހެންކަމުން މިކަން ހައްލު ކުރެވޭނީ އަދުލުވެރިކަމާއި ޒިންމާދާރުކަމާ އެކު ފަނޑިޔާރުން މަސައްކަތް ކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޯޓުތަކުގައި މައްސަލަތައް ގިނަވަމުން ދަނީ ކުރަންވާވަރަށް ކޯޓުތަކަށް މަސައްކަތް ނުކުރެވޭތީ. އަޅުގަނޑުގެ ތަޖުރިބާއަށް ބެލުމަށްފަހު މިހެން މިދެންނެވީ ވަރަށް އާދައިގެ ކުދިކުދި މައްސަލަތައް ވެސް އެންމެ ފަހަރަކު ކޯޓަށް ހާޒިރުކޮށްލައިގެން ނިންމޭ މައްސަލަތައް ވެސް ދިގުލައިގެން އެބަދޭ ހަމަސް ހަތްމަސް އަށް މަސް ނޫނީ އަހަރު ދެ އަހަރު ވަންދެން. އަޅުގަނޑު ކޯޓަށް ހުށަހެޅި ވަރަށް އާދައިގެ މަދަނީ މައްސަލައެއް އެ މައްސަލަ ނިމުނީ އަށް މަސް ފަހުން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިކަންކަން ހައްލުވާނީ އަދުލުވެރިކަމާއި ޒިންމާދާރު ކަމާއި އެކު ގާޒީން މަސައްކަތްކޮށްގެން،" ނާޒިމް ރަޝާދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި ކޯޓުތަކުގައި ތިއްބެވި ބައެއް ގާޒީންނަކީ އެކަށީގެންވާ ހުނަރާއި ގާބިލުކަން ނެތް ބޭފުޅުންނެވެ.

ޑީޑީ ވިދާޅުވީ އެފަދަ ފަނޑިޔާރުންނަށް ޓްރޭނިން ޕްރޮގްރާމްތަކެއް ހިންގަން ޖެހޭނެ ކަމަށާއި އެކަން ނުކުރެވޭނަމަ ކޮންމެވެސް ކަހަލަ ރިޓަޔަމަންޓް ޕެކޭޖެއް ތައާރަފްކޮށްގެން ނަމަވެސް ގާބިލު ހުނަރުވެރި ބޭފުޅުންނަށް ފުރުސަތު ފަހިވާގޮތް ހަދަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިކަމުގއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ވެސް އެބައޮތް ކަމަށެވެ. ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަސައްކަތް ފަނޑިޔާރުން ކުރިއަށްގެންދާ މިންވަރު ބަލައި ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް އޮންނަން ޖެހޭ ކަމަށް ޑީޑީ ވިދާޅުވި އެވެ. އަދި އެކަން ހިނގާ ނުހިނގާ ގޮތް ބެކުމަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ޒިންމާއެއްކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

"ވަކިން ޚާއްސަކޮށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަސައްކަތް އެބޭފުޅުން ކުރިއަށްގެންދާ މިންވަރާއި ޖަވާބުދާރީ ކުރެވޭނެ މިންވަރު ގާތުން މޮނިޓާ ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ. އެމަންޒަރެއް ނުފެނޭ. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ޒިންމާވެސް މީގަ އެބައޮތް. ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ އެކަން ކުރިއަށް ދާނުދާ ޒިންމާދާރު ކަމާއެކީ ދޭތޯ ބެލުން،" ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާގޮތުގައި ގާނޫނީ ދާއިރާއިން ޑިގްރީއާއި މާސްޓާސް ހައްދަވައިގެން ތިއްބެވި ބޭފުޅުން މިހާރު ރާއްޖޭގައި އެބަތިއްބެވި އެވެ. އެހެންކަމުން އެފަދަ ބޭފުޅުން ފަނޑިޔާރުކަމަށް ގެނައުމަށް ވެސް މަސައްކަތް ކުރަން ޖެހޭކަމަށް ޑީޑީ ވިދާޅުވެއެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވާ ގޮތުގައި ސިވިލް ކޯޓުން ބަލާ ބައެއް މައްސަލަ ތަކުގެ ތެރޭގައި ދުވަހުން ދުވަހަށް ނިންމެން ހުންނަ މައްސަލަތައް ވެސް ހުރެއެވެ. ނަމަވެސް ގާޒީން އެ މައްސަލަތައް ނުނިންމަވާ ދޫކޮށްލަނީ ކަމަށާއި އެހެންކަމުން އެއީ ގާޒީންގެ ކުޅަދާނަކަމާ މެދު ސުވާލު އުފެދޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

"ސިވިލް ކޯޓުގެ ގާޒީން ބަލާ ބައެއް މައްސަލަ ތަކުގެ ތެރޭގައި ދުވަހުން ދުވަހަށް ނިންމެން ހުންނަ މައްސަލަތައް ވެސް ހުރޭ. ނަމަވެސް ގާޒީން މައްސަލަ ނުނިންމަވާ ދޫކޮށްލަނީ. އެއީ ގަޒީންގެ ކުޅަދާނަ ކަމާމެދު ސުވާލު އުފެދޭ ކަމެއް،" ޝާހު ވިދާޅުވި އެވެ.