06 Jul 2012, 20:17
އިމިގުރޭޝަންގެ ބޯޑާ ކޮންޓްރޯލާ ގުޅޭ މައްސަލަތަކެއް ހައި ކޯޓުގައި ހިނގަމުން ދަނިކޮށް އެ ކޯޓުގެ އިސް ފަޑިޔާރު އަހުމަދު ޝަރީފު އެ ޕްރޮޖެކްޓް ހިންގާ ކުންފުނި، މެލޭޝިޔާގެ ނެކްސް ބިޒާއި ބައްދަލުކުރެއްވި ކަމަށް ބުނެ ބަޔަކު އޭސީސީއަށް ފޮނުވާފައިވާ ސީޓިގައި އިސްފަޑިޔާރާ މެދު ކޮށްފައިވާ ތުހުމަތުތައް ތަހުގީގު ކުރަން އެ ކޯޓުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އިސްފަޑިޔާރާއި ގުޅޭ ގޮތުން އެ ކޯޓުގެ ހަތް ފަޑިޔާރުން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެއްސީ)އަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅޭގޮތުންނާއި އަދި އޭސީސީއަށް ހުށަހަޅާފައިވާ ސިޓީގައި އިސްފަޑިޔާރާ މެދު ކުރާ ތުހުމަތުތަކާއި ގުޅޭގޮތުން އެ ކޯޓުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނަނީ އިސްފަޑިޔާރު ޝަރީފު ނެކްސް ބިޒްއާ ބައްދަލުކުރި ކަމަށް ބަޔަކު ކުރާ ތުހުމަތުތައް ފުޅާ ދާއިރާއެއްގައި އަވަހަށް ތަހުގީގުކޮށް ނިންމަން ޖެހޭ ކަމަށާއި އެކަން އަވަހަށް ތަހުގީގު ކުރުމަށް ހައިކޯޓުގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
"އޭސީސީއަށް ހުށަހެޅިފައިވާކަމަށް ބުނާ ސިޓީގައި، މައްސަލައިގެ ޚަޞްމަކާ މި ކޯޓުގެ އިސްފަނޑިޔާރު ބައްދަލުކުރިކަމަށް ބުނާވާހަކައާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ތަކުގައި ދައްކާފައިވާ ވާހަކަތައް ފުޅާ ދާއިރާއެއްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ތަޙްޤީޤުކޮށް އެކަމުގެ ނަތީޖާ ވީހާވެސް އަވަހަކަށް ހާމަކޮށްދިނުމަށް މިކޯޓުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައިވެސް ދަންނަވާފައިވާނެ (އެވެ)،" ހައިކޯޓުގެ ބަޔާނުގައިވެ އެވެ.
އަދި އެ ކޯޓުގެ ހަތް ފަޑިޔާރުން ޖޭއެއްސީއަށް ހުށަހަޅާފައިވާ މައްސަލަވެސް އަވަހަށް ތަހުގީގުކޮށްދިނުމަށްވެސް އެ ކޮމިޝަނަށް ވަނީ ގޮވާލައިފަ އެވެ. އެ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައިފައި ވީނަމަވެސް އޭސީސީއަށް ވެސް އަދި ޖޭއެއްސީއަށްވެސް ފަޑިޔާރުން ފޮނުވި ސިޓީގައި ހުރި ވާހަކަތަކަށް ހައިކޯޓުން ވަނީ ބަޔާނުގައި ރައްދުދީފަ އެވެ.
އެގޮތުން ޖޭއެއްސީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ބެހޭގޮތުން ބުނެފައިވަނީ ހަތް ފަޑިޔާރުން ޖޭއެއްސީއަށް ހުށަހަޅާފައިވާ މައްސަލަތަކަކީ ކޯޓުގެ އާންމު މަޖިލީހުގެ އިހުތިސާސަކީ ކޮބައިކަމާ މެދު އުފެދުނު ދެ ބަސްވުމެއްގައި ހުށަހެޅިފައިވާ މައްސަލަތަކެއް ކަމަށް ފަޑިޔާރުން ފޮނުވި ސިޓީން އެގެން އޮންނަ ކަމަށެވެ. އަދި އެއީ ކޯޓުގެ އިސްފަޑިޔާރަށް ގާނޫނީ ގޮތުން ލިބިފައިވާ އިހްތިސާސާއި އިހްތިޔާރުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމަށްވެސްބުނެފައިވެ އެވެ.
" އެއީ ވަކިފަރާތެއް ޤާނޫނާއި ޚިލާފު ވެގެން ކޮށްފައިވާ ކަމެއްކަމަށް ބުނުމުގެ ފުރުޞަތު އަދި ނެތްކަމާ އެކަމާބެހޭ ގޮތުން ގޮތެއް ނިންމާނީ އެކަން ބެލުމަށްފަހު ޖޭއެސްސީން ކަމަށް ދަންނަވަމެވެ. ޖޭއެސްސީ އިން އެކަން ބަލާގޮތެއް ނިންމުމުގެ ކުރިން އެއްފަރާތަކުން ބުނާ އެއްޗެއްގެ މައްޗަށް ގޮތް ކިޔުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ނުވާނެއެވެ. ޖޭއެސްސީއަށް ފަނޑިޔާރުން ފޮނުއްވި ސިޓީއެއް ލީކުވުމަކީ އަދި އެއަށްވުރެ ބޮޑުކަމެކެވެ،" ހައިކޯޓުގެ ބަޔާނުގައިވެ އެވެ.
ނެކްސް ބިޒްއާ ބައްދަލުކުރި ކަމަށް ބުނާ މައްސަލައަށް ރައްދު ދެމުން ހައިކޯޓުން ބުނެފައިވަނީ އޭސީސީއަށް ހުށަހަޅާފައިވާ އެ މައްސަލައަކީ އެއްވެސް ފެކްޓެއްގެ މައްޗަށް ބިނާ ކޮށްގެން ހުށަހެޅިފައިވާ މައްސަލައެއް ނޫން ކަމަށާއި އެއީ ބަޔަކު ނުބައި ނިޔަތެއްގައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ބުނެފައިވަނީ އޭސީސީން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ބައްލަވައި ފަޑިޔާރެއްގެ މައްސަލަ އޭސީސީން ބެލުމަކީ،"އޭސީސީގެ އަމިއްލަ ޝަކުވާއެއް އޭސީސީން ބެލުން ކަހަލަ ކަމެއް" ކަމަށެވެ. އަދި އެކަމުގައި އުފެދޭ ސުވާލުތައް ބައިވަރު ކަމަށްވެސް އެ ކޯޓުން ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގެ ސިޓީގައި ކޯޓުގެ އެތެރޭގެ ހަބަރުތައް ގެނެސްފައި ވަނީ ހަގީގަތް އޮޅޭ ގޮތައް ކަމަށެވެ. އެގޮތުން ކޯޓަށް ހުށަހެޅޭ އެއްވެސް މައްސަލައަކީ ވަކި ފަޑިޔާރަކު ބޭނުންވާ ގޮތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ނޯންނާނެ ކަމަށާއި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނީ ތިން ފަޑިޔާރުންގެ ބެންޗަކުން ކަމަށެވެ.
" ހަމައެކަނި އެންމެ ފަނޑިޔާރަކަށް އެއްވެސް މައްސަލައިގެ މައްޗަށް ނުފޫޒެއް ފޯރުވުމަކީ ކުރެވިދާނެކަމެއް ނޫންކަމުގައި ދަންނަވަމެވެ. އަދި މައްސަލަ ނިންމުމަށް ކުރެވޭ މަޝްވަރާގައި މައްސަލަ ބަލާ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ބައިވެރިއެއް ނުވާނެއެވެ. ނަމަވެސް އެސިޓީގައި ޙަޤީޤަތާ ޚިލާފަށް އެކަން ބަޔާންކޮށްފައި އޮތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމާއި، ޙަޤީޤަތް އޮޅޭގޮތަށް، ނުބައި ނިޔަތެއްގައ ދައްކާފައިވާ ވާހަކަތަކެއްކަމުގައި މި ކޯޓުން ދެކެމެވެ" ހައިކޯޓުގައި ބަޔާނުގައިވެ އެވެ.