ކުޑަ އިރުއްސުރެ ދުޅަހެޔޮ ސިއްހީ ރަނގަޅު އާދަތައް ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމަށް ބާރުއެޅުމަށް އެ ކުދިންނަށާއި ބެލެނިވެރިނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ޕްރީ ސުކޫލް ކުދިންގެ ދުވުމެއް ބާއްވައިފި އެވެ.

"ރޭސް ފޯ ޓައިނީ ހާރޓްސް"ގެ ނަމުގައި މިއަދު ހަވީރު ގަލޮޅުދަނޑުގައި ބޭއްވި އެ ދުވުމުގައި މާލޭގެ ހަ ޕްރީ ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ. މިއަދުގެ މި އިވެންޓުގައި ބައިވެރިވި ހުރިހާ ކުދިން ވެސް ތިބީ ކޮންމެވެސް ކާޓޫން ކެރެކްޓާއެއް ސިފަކޮށްދޭ ހެދުމެއް އަޅައިގެންނެވެ. އޭގެތެރޭގައި ބެޓް ބޭންނާއި މިނިމައުސް އާއި ސުޕާމޭން ފަދަ ކުޑަކުދިން ޝައުގުވެރިވާ ކާޓޫން ކެރެކްޓާތައް ހިމެނެ އެވެ.

ދުވުން ކުރިއަށް ދިޔަ ވަގުތު ސިއްހީ ދާއިރާ އާއި ފިޓްނަސް ދާއިރާގެ ތަޖްރިބާ ކާރުން ސިއްހީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ މެސެޖްތައް ދެމުން ގެންދިޔަ އެވެ. އަދި އެ ވަގުތު ގަލޮޅު ދަނޑުގައި ސްކޫލްތަކުގެ ޖޫނިއާ ބްރާސް ބޭންޑްތަކުގެ ހަރަކާތްތައް ފެނިގެން ދިޔަ އެވެ.

ޓައިނީ ހާޓްސް އިން ބުނީ މިހަރަކާތް ހިންގުމުގެ މައިގަނޑު މަގްސަދަކީ ޓައިނީ ހާޓްސްގެ އެހެނިހެން ހަރަކާތްތަކޭ އެއްފަދައިން އުފެދުމުގައި ދިމާވާ ހިތުގެ ބަލިތަކާ މެދު އާއްމުން ހޭލުންތެރިކުރުމާއި މުޖުތަމައު އަށް ފައިދާކުރާ ކަންތައްތައް ކުރުމުގައި އެހެނިހެން ފަރާތްތަކުގެ އެއްބާރުލުން އަމަލީ ގޮތުން ހޯދުން ކަމަށެވެ.

އުފެދުމުގައި ހިތުގެ މައްސަލަ ހުރި ކުއްޖެއްގެ ފުރާނަ ގެއްލުމާ ގުޅިގެން އެފަދަ އެހެން ކުދިން ސަލާމަތްކުރުމުގެ މަގުސަދުގައި ޓައިނީ ހާޓުސް އޮފް މޯލްޑިވުސް އިން ދަނީ ކޮންމެ އަހަރަކު ވެސް މިފަދަ ހަރަކާތްތަކެއް ހިންގަމުންނެވެ.