06 Jul 2012, 18:21
ސ. ހިތަދޫގައި ވަޅިއަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ހިތަދޫ ބޮޑުމަގުން ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗު ހުންނަ ސަރަޙައްދުގައި ވަޅިއަކުން ހަމަލަދީ ޒަހަމް ކޮށްލައިފައި ވަނީ ހިތަދޫ، ހުޅަހި، ހުސެން ޝަފީގް 20 އަހަރު ކަމަށެވެ. އޭނާ އަށް ހަމަލާދީފައި ވަނީ އޭނާ، އޭނާގެ ރައްޓިހިންތަކަކާ އެކު ޖޫގޯ ވިއްކާތަނެއްގައި ޖޫގޯ ބޯން އިންދައި ކަމަށް ވެސް އެނގިފައިވެ އެވެ.
އެ ހާދިސާގައި އޭނާގެ ވައަތް ފަރާތު ކޮނޑު ހުޅާދިމާލުން ދެ އިންޗިއެއްހާ ތަން ކަފައިގެންދިއުން ފިޔަވައި އިތުރު ގެއްލުމެއް އޭނާ އަށް ލިބިފައިނުވެ އެވެ.
ފުލުހުން ބުނީ ހަމަލާދީފައި ވަނީ އަށް މީހުންގެ ގުރޫޕަކުން ކަމަށާއި ޖަހަމްވި މިހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު އެހާ ސީރިއަށް ނޫން ކަމަށެވެ.
ފުލުހުން ބުނީ އަދި އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.