06 Jul 2012, 17:10
ވެރިކަން ފުރޮޅުނު ގޮތާ ގުޅޭ ގޮތުން ރައީސް މުހަންމަދު ނަޝީދު ސަރުކާރުގެ ދެ ވަޒީރަކު ޝާއިއު ކުރި ރިޕޯޓަށް މައުލޫމާތު ހިއްސާ ކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ އަދުނާން ރޭ 9:30 އެހާކަން ހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ ފުލުހުން ބަލަމުން ގެންދާ މައްސަލައެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރެއްވި އެވެ.
އަދުނާންގެ ވަކީލު އަބްދުﷲ ހަސީން މިއަދު ވިދާޅުވީ އަދުނާން ރޭ ފުލުސް އޮފީހަށް ގެންގޮސް ސުވާލުކުރީ ކުރީގެ ސަރުކާރުގެ ދެ ވަޒީރަކު ނެރުނު ރިޕޯޓަށް އަދުނާން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިވާނެތޯ ސާފުކުރުމަށް ކަމަށެވެ. އަދި އެ ރިޕޯޓު އެކުލަވާ ލުމުގައި އިސްކޮށް އުޅުއްވި ކުރީގެ ހައުސިން މިނިސްޓާ މުހަންމަދު އަސްލަމާ ރިޕޯޓު ނެރުމުގެ ކުރިން ބައްދަލުކުރިންތޯ ފުލުހުން އަދުނާނާއި ސުވާލުކުރި ކަމަށްވެސް ހަސީން ވިދާޅުވި އެވެ.
ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އަދުނާން ވަނީ ހަނުހުރުމުގެ ހައްގު ބޭނުން ކުރައްވާފައި ކަމަށް ވެސް ހަސީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އަދުނާނުގެ މައްޗަށް ކުރެވޭ މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތުތަކެއް އާންމު ކުރެއްވި ކަމުގެ ތުހުމަތަކީ އެއްވެސް ހަގީގަތެއްނެތް ތުހުމަތުތަކެއް ކަމަށް ހަސީން ވިދާޅުވި އެވެ.
ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވުމަށް ފަހު އަދުނާން ވަނީ އޭނާ ކުރިން ހުންނެވި މަގާމުން ޕްރޮޖެކްޓްސް އޮފިސަރެއްގެ މަގާމަށް ބަދަލުކޮށްފައި ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
އަސްލަމްގެ އިތުރުން ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލާއި ދެ ބޭފުޅުން އެކުލަވާލެއްވި "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް" ރިޕޯޓަށް މައުލޫމާތު ދިނުމުގެ ތުހުމަތުގައި ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހަންމަދު ހަމީދު (އެމްސީ ހަމީދު)ވެސް ވަނީ ހައްޔަރުކޮށް ސުވާލުކޮށްފަ އެވެ. އޭނާ ވަނީ ވަޒީފާ އިން ސަސްޕެންޑް ވެސް ކޮށްފަ އެވެ.
އެ ރިޕޯޓަށް މައުލޫމާތު ހިއްސާ ކުރިކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.