ވިލާ ކޮލެޖްގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން އެކޮލެޖްގެ ފަރާތުން އޯޕަންޑޭއެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވިލާ ކޮލެޖުން ބުނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި އޯޕަންޑޭ އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00ގެ ނިޔަލަށް ކަމަށެވެ.

މި އޯޕަންޑޭގެ ބޭނުމަކީ ވިލާ ކޮލެޖްގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތަކުގެ ފުރިހަމަ މައުލޫމާތު އާންމުންނަށް ފޯރުކޮށް ދިނުމާއި އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައި ތިބި ކުދިންނަށް އިތުރަށް ކުރިއަށްދެވިދާނެ ގޮތްތަކަކީ ކޮބައިތޯ އޮޅުން ފިލުވައިދިނުމާއި ވިލާ ކޮލެޖުން ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަންކަން ވަގުތުން ކުރެވޭނެ ގޮތް ތަނަވަސްކޮށްދިނުމަށް އެހީތެރިވުން ކަމަށެވެ.

މީގެ އިތުރުން މިއޯޕަންޑޭގައި ސެޓްފިކެޓް ހިލޭ އެޓެސްޓްކޮށްދިނުމާއި އެކަޑެމިކް ކައުންސިލިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެ އެވެ.

ވިލާ ކޮލެޖްގެ އޯޕަންޑޭއަށް ޒިޔާރަތްކޮށް ކޯސްތަކަށް އެޕްލައިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުންނެގޭ ފަސް ފަރާތަކަށް ޓިއުޝަންފްރީ ސްކޯލާޝިޕް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.