ކޮލަންބޯ (ޖުލައި 6): ސްރީލަންކާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އަންހެނުން ރޭޕްކުރުމުގެ ޖަރީމާތައް އިތުރުވަމުންދާތީ އެފަދަ ފަރާތްތަކަށް ދޭ އަދަބު ބޮޑުކޮށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޓަކައި ކަމާ ބެހޭ ޤާނޫނުތަކަށް ބަދަލުގެންނަން މަސައްކަތްކުރަމުން ގެންދާކަމަށް އެޤައުމުގެ ސަރުކާރުން ބުނެފި އެވެ.

ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގެ ތަރްޖަމާން ކަހޭލިޔާ ރަމްބުކްވެލާ މީޑޔާ އަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ސްރީލަންކާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އަންހެނުން ރޭޕްކުރުމުގެ ޖަރީމާތައް އިތުރުވަމުންދާކަމުގެ ރިޕޯޓްތައް ލިބެމުންދާތީ ސަރުކާރު ކަންބޮޑުވާކަމުގަ އެވެ. މިފަދަ ޖަރީމާތަކުގެ ނިސްބަތްކުޑަކުރުމަށާއި ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަމަށް ޓަކައި ކަމާބެހޭ ޤާނޫނުތައް އިތުރަށް ހަރުދަނާކޮށް އިސްލާޙްކުރުމަށް ޕާލަމެންޓަށް ބިލްތަކެއް ހުށަހެޅުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ކެހޭލިޔާ ވިދާޅުވި އެވެ.

ސްރީލަންކާގައި ޝާއިޢުކުރެވޭ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އެޤައުމުގައި އިތުރުވަމުންދާ އަންހެނުން ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޖަރީމާތަކުގެ ފަހަތުގައި ސިޔާސީ ފަރާތްތަކުގެ ދައުރުވެ އެވެ. ޚާއްސަކޮށް ދެކުނުގެ ޕްރޮވިންސްތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އަންހެނުން ރޭޕްކުރުމުގެ ޖަރީމާތައް އެހެން ޕްރޮވިންސްތަކަށް ވުރެ އިތުރުވަމުންދާ އިރު މި ޖަރީމާތަކުގައި ސިޔާސީ ލީޑަރުން ޝާމިލްވާކަމަށް ކުޑަކުދިންނާއި އަންހެނުންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރަމުންދާ މައްސަލާގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކަހޭލާ ވިދާޅުވި އެވެ.

މިއަހަރުގެ ފުތަރަމަ ހަ މަސް ދުވަހު އެކަނި ވެސް 700 އަށް ވުރެ ގިނަ ކުޑަކުދިން ޖިންސީ ގޮތުން ރޭޕްކޮށްފައިވާ ކަމަށް އެޤައުމުގެެ ފުލުހުން ބުނެ އެވެ.

ސްރިލަންކާގެ މަދަނީ ޖަމާއަތްތަކުގެ އެކްޓިވިސްޓުން ވަނީ ސްރީލަންކާގެ ރައްފުށުގެ ސަރަޙައްދުތަކުގެ ލޯކަލް ސިޔާސީ ފަރާތްތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އަންހެނުން ރޭޕްކުރުމުގެ ޖަރީމާތަކުގައި ސީދާގޮތުންނާއި ނުސީދާގޮތުގައި ބައިވެރިވަމުންދާ އިރު އެމީހުންނާ މެދު ފިޔަވަޅު އަޅައި އެމީހުންގެ މައްސަލަތައް ބަލައިތަޙްޤީޤް ކުުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން އިހްމާލްވަމުންދާ ކަމަށް ތުހުމަތުކޮށް ސަރުކާރަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށާއި ޕާލަމެންޓް މެންބަރުންނަށް ވަރަށްބޮޑަށް ފާޑުކިޔާފަ އެވެ. (ސްރީލަންކާގެ މީޑިޔާ)