06 Jul 2012, 13:45
ސްޓްރަސްބާގް (ޖުލައި 6): ފަލަސްތީނުގެ ބިންތަކުގައި ގަދަބާރުން ވަޒަންވެރިގަނެގެންއުޅޭ ހައްދުފަހަނަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ މީހުން މެރުމާއި ކުޑަކުދިންނަށް ގޯނާކުރުމާއި ޓެރަރިޒަމްގެ ޢަމަލުތައް ޔޫރަޕްގެ ޕާލަމެންޓުން ކުށްވެރިކޮށްފި އެވެ.
ސްޓްރަސްބާގްގައި އިއްޔެ ބޭއްވި ޔޫރަޕްގެ އިއްތިޙާދުގެ ޕާލަމެންޓް ސެޝަންގައި ޔަހޫދީންގެ ޓެރަރިޒަމްގެ ޢަމަލުތައް ކުށްވެރިކޮށް ފާސްކުރި ޤަރާރު އިސްރާއީލަށް ގޮވާލަނީ ފަލަސްތީނުގެ ރައްޔިތުން މަރައި އެމީހުންގެ ދަނޑުތަކާއި މުދަލަށާއި ގެދޮރަށް ގެއްލުންދީ ބިރުދައްކަމުންގެންދާ، ހައްދުހަފަނަޅާފައިވާ ޔަހޫދީ ވަޒަންވެރިންގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައި އެމީހުންގެ ހަރުކަށި ޢަމަލުތައް ހިސާބު ކުރުމަށެވެ. މީގެ އިތުރުން އިސްރާއީލުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ގެދޮރުހަލާކު ކުރުމާއި އަމިއްލަ ވަޒަނުން ބޭރުކުރުމާއި ކުށެއް ނެތި ހައްޔަރުކުރުން ފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓާލުމަށް ވެސް ޔޫރަޕްގެ ޕާލަމެންޓްގެ މިޤަރާރު އިސްރާއީލަށް ގޮވާލަ އެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނުގައި ގެދޮރު ބިނާކުރުމަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށް ވެސް މިޤަރާރު އިސްރާއީލަށް ގޮވާލާފައިވެ އެވެ. ފަލަސްތީނުގައި އިސްރާއީލެވެކިޔާ ޔަހޫދީ ދައުލަތް އުފެއްދުމުގައި އިސްދައުރެއް އަދާކުރީ ޔޫރަޕްގެ ބޮޑެތި ބާރުތަކުންނެވެ. އަދި ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮތުމަށް މަގުފަހިކޮށްދީ އިސްރާއީލުގެ އަނިޔާވެރި އަދި ލާއިންސާނީ ޢަމަލުތައް ދިފާޢުކޮށް ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި އިސްދައުރެއް އަދާކުރާ ޔޫރަޕުން އިސްރާއީލުގެ ޓެރަރިޒަމްގެ ޢަމަލުތައް ކުއްވެރިކުރާން ފެށުމަކީ ރަނގަނޅު ފެށުމެއް ކަމަށް ފަލަސްތީނުން ބުނެ އެވެ.
ޔޫރަޕްގެ ޕާލަމެންޓްގެ ގިނަ މެންބަރުން އިސްރާއީލަށް ގޮވާލެއްވީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުން ހުއްޓާލުމަށާއި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އޮތް ކުޑަބިންކޮޅު އިތުރަށް ނުހިފުމަށެވެ. ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދު ހުއްޓާލުމަށާއި ފަލަސްތީނުގެ ތާރީޚީ ބިމުގައި އަމާންކަމާއެކު އޮތުމުގެ ފުރްސަތު އިސްރާއީލަށް ދިނުމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފިދާއީ ޖަމާއަތްތަކަށް ޔޫރަޕްގެ ޤަރާރުގައި ގޮވާލާފައިވެ އެވެ. (އަލްޖަޒީރާ)