އިންޑިއާގެ ޗެންނާއީގައި ހުންނަ އޭޝިޔަން ކޮލެޖު އޮފް ޖާނަލިޒަމްގައި ނޫސްވެރިކަން ކިޔެވުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ދެ ނޫސްވެރިން މިއަދު ފުރައިފި އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހޯދައިދިން އެ ފުރުސަތު ލިބިފައި ވަނީ ވީ ޓީވީގެ ޖާނަލިސްޓް ސަފޫރާ އަލީ އާއި ރާއްޖެ ޓީވީގެ ޖާނަލިސްޓް މަރިޔަމް ޝާނީޒާ އެވެ.

އެމްޖޭއޭ އިން މިއަދު ބުނީ އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ނޫސްވެރިކަމުގެ ޑިޕޮލަމާ ފެންވަރުގެ އެ ކޯހަކީ 10 މަސް ދުވަހުގެ ކޯހެއް ކަމަށާއި އެ ކޯސް ނިމޭނީ އަންނަ އަހަރުގެ މޭމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

ސާކް މަދަންޖީތު ސިންގް ޕްރޮގްރާމްގެ ދަށުން ފަންޑް ކުރާ ކޯހުގައި ޓިއުޝަންފީ އާއި ހުރުމާއި ކެއުމުގެ އިތުރަށް ޕޮކެޓްމަނީ ފައިސާ ވެސް މަދަންޖީތު ސިންގްގެ ފަރާތުން އެ ދެ ނޫސްވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޖޭއޭގެ ފަރާތުން ރޭ އެ ދެ ނޫސްވެރިންނާ ބައްދަލުކޮށް ކޯސް ފުރިހަމަ ކުރާއިރު ރާއްޖެ އަށް ރީތި ނަން ލިބޭ ގޮތަށް މަސައްކަތް ކުރުމަށާއި ކޯހުގައި ކާމިޔާބީ ހާސިލު ކުރުމަށް އެ ދެ ނޫސްވެރިންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ދެ ސްކޯލާޝިޕް އެ ދެ ނޫސްވެރިންނަށް ލިބުމުގައި ގ. ހުޅުގަލި އިބްރާހީމް ހުސައިން ޒަކީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިފައިވާ ކަމަށާއި މި ފުރުސަތުގައި އެ މަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރާ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.