06 Jul 2012, 12:41
ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ސީރިއަސް ބޮޑަތި މައްސަލަތަކެއް އެބަހުރި ކަމަށާއި އޮފީސްތަކުން ދައުލަތުގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓަމުން ނުދާ ކަމަށް އޮޑިޓާ ޖެނެރަލް، ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒު ވިދާޅުވީ ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި އޮފީސްތަކުން އެއްވެސް ފަރުވާތެރި ކަމެއް ނުބަހައްޓާ ކަމަށާއި އެކަން އޮތީ ވަރަށް ދޯ ހަޅިކޮށް ކަމަށެވެ. އަދި ގިނަ އޮފީސްތަކެއްގެ މާލީ ހިސާބުތަކަށް އިތުބާރު ކުރެއްވެން ނެތް ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.
"ހިސާބުތަކަށް އިތުބާރު ކުރެވޭ ކަމަށް މި ބަލަނީ އެ ހިސާބުތައް ބަޕްލިކް އެކައުންޓިން ސްޓޭންޑަޑަށް ބެލެހެއްޓިފައި ހުރީމާ އަދި އެ މިންގަނޑުގައި ގިނަ ތަންތަނުގެ އެކަކުންޓްތައް ބެލެހެއްޓިފައެއް ނޯވޭ، މި އޮންނަނީ ވަރަށް ފަރުވާކުޑަގޮތަކަށް އެތަންތަނުގެ އެކައުންޓްތައް ބެލެހެއްޓިފައި، އަޅުގަނޑުމެންނަށް އެފަދަ ހިސާބުތަކަށް އިތުބާރު ކުރެވޭކަށް ނޯވޭ،" ނިޔާޒު ވިދާޅުވި އެވެ.
އެކައުންޓްތައް ބެލެހެއްޓުމުގައި ހުރި ސީރިއަސް ބޮޑަތި މައްސަލަތައް ނިޔާޒު ވަނީ އެ ދުވަހު މާލިއްޔަތު ކޮމެޓީގެ މެންބަރުންނަށް ބްރީފްކޮށްދެއްވައިފަ އެވެ. އެގޮތުން ދެތިން ކަމެއް މިސާލާއި އެކު ނެންގެވި އެވެ. ނިޔާޒު ވިދާޅުވީ ހެލްތް މިނިސްޓްރީ 2010 ވަނަ އަހަރު އޮޑިޓް ކުރީއިރު އެ މިނިސްޓްރީއަށް ލިބޭ އާމަދަނީ ބަލަހައްޓަމުން ގެންދަނީ އާދައިގެ އެކްސެލްސީޓެއްގައި ކަމަށެވެ. އަދި އާމްދަނީ އާއި ހަރަދު ރަނގަޅަށް ދިމާނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިފަދަ ބޮޑު ސެކްޓާއެއްގައި އެތައް މިލިއަން ރުފިޔާއެއް ވަންނަ ސެކްޓާއެއްގައި އާދައިގެ އެކްސެލް ޝީޓްގައި ލިޔެލައިގެން އާމްދަނީ ބަލަހައްޓާފައި މި ހުންނަނީ، އެއްވެސް ސެކިޔުރިޓީއެއް ނެތި ބަދަލުތައްވެސް ގެނެވޭ ގޮތައް އެހެން ކަމަށް ވަންޏާމުން އަޅުގަނޑުމެންނަކަށް އެ ހިސާބުތަކަށް އިތުބާރު ކުރެވޭ ކަށް ނޯންނާނެ،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާމްދަނީ އާއި ހިސާބުތައް ރަނގަޅަށް ބަލަހައްޓަމުން ނުދިޔުމުން އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ރެވެނިއު ފަންޑަށް ޖަމާނުކޮށް ޕަބްލިކް ބޭންކް އެކައުންޓްތަކެއްގައި އެބަހުރި ކަމަށާއި އެކަމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު އެތައް ފައިސާއެއް ގެއްލިގެންދާ ކަމަށެވެ. އަދި އެ ފައިސާ ބަޖެޓުގެ ބޭރުން ބައެއް އޮފީސްތަކުން ހަރަދު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
"ސޯޅަ ސަތާރަ އަހަރު ވަންދެން 200 އަށް ވުރެ ގިނަ އެ ކައުންޓްތަކުގައި މި ހުންނަނީ އާމްދަނީގެ އެތައް މިލިއަން ފައިސާއެއް ދައުލަތުގެ އެކައުންޓަށް ޖަމާނުކޮށް، ދެން ބަހައްޓާފައި ބަޖެޓުގެ ބޭރުން މި ހަރަދުކުރަނީ، ދައުލަތުގެ އާމްދަނީ މަދުވެގެން އުޅޭއިރު މިއީ ހަމަ ދައުލަތަށް ގެއްލިގެންދާ ފައިސާ،" ނިޔާޒު ވިދާޅުވި އެވެ.
ބައެއް އޮފީސްތަކުން އަހަރެއް ނިމުމުން އޮޑިޓް ހިސާބުތައް ފޮނުވުމަށް ފަހު ފަހުން ހިސާބުތަކަށް ބަދަލުގެންނަ މައްސަލަ ފާހަނގަ ވެފައި އެބަހުރި ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖެނެރަލް ލެޖާ އާންމުކޮށް ހުޅުވާފައި ބަހައްޓައިގެން އެތައް މިލިއަން ރުފިޔާއެއް ބައެއް އޮފީސްތަކުން ޕްރޮސެސްކޮށްފައި އެބަހުރި ކަމަށާއި އެގޮތައް ޖެނެރަލް ލެޖާއަށް ބަދަލުތައް ގެނެސްގެން ނުވާނެ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
"މިފަދަ ކަންކަން އިސްލާހުނުކޮށް ނެތް ދިވެހި ދައުލަތުގެ އެކައުންޓިން ސިސްޓަމްތައް ހަރުދަނާ ކުރެވޭކަށް، މިއީ ވަރަށް ބޮޑަތި މައްސަލަތައް،" ނިޔާޒު ވިދާޅުވި އެވެ.
ހަރުމުދަލާއި އިންވެންޓްރީ ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ދައުލަތަށް އެތައް ގެއްލުމެއް ކޮންމެ އަހަރަކުވެސް ވާކަން ނިޔާޒު ފާހަގަކުރެއްވި އެވެ. އެގޮތުން ބޭސްފަދަ ބައެއް ތަކެތި ގަނެ ސްޓޮކް ކުރުމަށް ފަހު އެންމެ ފަހުން ބާޒާރަށް ނުކުންނަ ބާވަތްތައް ގަންނަންޖެހުމުން ކުރިން ގަނެފައި ހުންނަ ތަކެތި އުކާލަން ޖެހިފައިވާކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑުމެން ހެލެތް މިނިސްޓްރީ ބެލީއިރު ސެންޓްރި ފިއުޖްތައް ނުލިބި ފައިސާ ދައްކާފައި ހުރިކަންވެސް މި އިނގުނީ އޮޑިޓް ކުރަން ދިޔައިމާ އޮޑިޓަރުން އެކަން ފާހަގަ ކުރީމައި، އޯޑަރުކޮށްފައި ފައިސާ ދައްކާފައި ހުރި އެއްޗެއް ނުލިބޭކަން، އަޅުގަނޑުމެންނަށްވުރެ މާ ތަރައްގީ ގައުމުތަކުގައިވެސް ނުކުރާ ގޮތައް އަޅުގަނޑުމެން ކަންކަން އެބަކުރޭ، ކުރިން ގަނެފައި ހުރި ބައެއް އެއްޗިހި ހުއްޓާ އެ އެއެއްޗިހި ނައްތާލާފައި، އަނެއްކާ އެންމެ ފަހުން ނިކުންނަ އެއްޗިހި މި ގަންނަނީ،" ނިޔާޒު ވިދާޅުވި އެވެ.
ކައުންސިލްތަކުން ހަރަދު ކުރަމުންދާ ގޮތުގެ މައްސަލައިގައިވެސް ނިޔާޒު އާއި އެ އޮފީހުގެ އިސް އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޮޑިޓް އޮފީހުގެ އިސް އޮޑިޑް މެނޭޖަރަކު އެ ދުވަހު ކޮމެޓީގައި ވިދާޅުވީ ކައުންސިލްތަކުން ހަރަދު ކުރާ ގޮތުގެ ހިސާބުތައްވެސް އެކުލަވާލައިފައި ނުހުންނަ ކަމަށާއި އެތަންތަން އޮޑިޓް ކުރެވޭނެ ކަމާއި މެދުވެސް ސުވާލުއުފެދޭ ކަމަށެވެ.
"ސަރުކާރުގެ އޮފީސްތަކުގައި އެންމެ އަޅާނުލައި ދޫކޮށްލާފައި މި އޮންނަނީ ހިސާބުތައް ބެލެހެއްޓުން،" އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ ކައުންސިލްތައް ގަވާއިދުން އޮޑިޓް ކުރުމަށް އެ އޮފީހަށް އިތުރު ރިސޯސް ބޭނުންވާ ކަމަށާއި އެކަމަށް އެދިވަޑައިގަންނަވައި ކަމަށެވެ. އެހެން ނޫންނަމަ ޖެހޭނީ އަމިއްލަ އޮޑިޓް ފާމް ތަކުގެ އެހީގައި އެކަން ކުރަން ކަމަށާއި އެކަމަކީ ވަރަށް ބޮޑު ހަރަދެއް ކަމަށްވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނަންވެއްޖެ ބޮޑު އަގުގައި އޮޑިޓް ފާމްތަކަށް ދީގެން އެކަން ކުރާނީތޯ، ނޫނީ އެ ބަޖެޓް އޮޑިޓް އޮފީހުގެ ރިސޯސް އިތުރު ކުރުމަށް ދީގެން އެކަން ކުރާނީތޯ، އަޅުގަނޑުމެންނާ ހަވާލުކޮށްފިއްޔާ އެކަން ކުރާނަން،" ނިޔާޒު ވިދާޅުވި އެވެ.