ކަނޑު ފޭރުމުގެ މައްސަލަތައް ތަހްގީގު ކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް "ކްރައިމް އޮފް މެރިޓައިމް ޕައިރެސީ"ގެ ނަމުގައި އިންޓަޕޯލާއި އެމެރިކާގެ ނޭވަލް އިންވެސްޓިގޭޝަން ސާވިސްއާ ގުޅިގެން ކުރިޔަށް ގެންދިޔަ ކޯހުގައި ބައިވެރިވި ފުލުހުންނަށް ސެޓްފިކެޓް ދީފި އެވެ.

ކްރައިމް އޮފް މެރިޓައިމް ޕައިރެސީގެ ނަމުގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ދިޔަ ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓްތައް ހަވަލުކޮށްދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު އެވެ. އެ ކޯހުގައި ޕޮލިސް ސަވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓާއި ރީޖަނަލް ޕޮލިސް އަދި ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ 20 ފުލުހަކު ވަނީ ބައިވެރިވެފަ އެވެ.

އިންޓަޕޯލާއި އެމެރިކާގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީތެރިކަމާ އެކު ދިވެހި ފުލުހުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި ކަނޑު ފޭރޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތުގެ ބޭނުން ހިފާނެ ގޮތާއި އެފަދަ މައްސަލަތައް ތަހްގީގު ކުރުމުގެ ޢިލްމާއި ހުނަރުތައް ވަނީ އެ ފަރާތްތަކަށް ދީފަ އެވެ.