05 Jul 2012, 17:57
ކުރީގެ ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޓަައިމްސް އިން ޝާއިއުކުރި ކުރި ލިއުމާ ގުޅިގެން ސަރުކާރުން އެ ނޫހަށް ސިޓީއެއް ފޮނުވައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައި ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ހިމަނައިގެން ފައިނޭންޝަލް ޓައިމްސްގައި ލިއުނު ލިއުމަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު ފޮނުއްވި ސިޓީ އެ ނޫހުގައި މިއަދު ވަނީ ސިޓީއެއްގެ ގޮތުގައި ޝާއިއުކޮށްފަ އެވެ.
މަސްއޫދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "މިސިޓީ މި ފޮނުވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ކަމަށް ބުނެ، " ޓްއަރިސްޓްސް އާޖްޑް ޓް ބޮއިކޮޓް މޯލްޑިވްސް" މިސުރުހީގެ ދަށުގައި ޝާއިއު ކުރި ތިޔަ ފަރާތުގެ ލިއުމަށް ރަށްދު ދިނުމަށް" ކަމަށެވެ.
"ތިޔަ ފަރާތުގެ ލިއުމުގައި އަސްކަރީ ބަޣާވާތެއް ކަމަށް ބުނެފައި އެ ވަނީ ގޯސް ކޮށެވެ. ފެބްރުއަރީ މަހުގެ ހަތް ވަަނަ ދުވަހު މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ،" ފައިނޭންޝަލް ޓައިމްސް އަށް ރައީސް އޮފީހުން ފޮނުވި ސިޓީގައިވެ އެވެ.
އެ ސިޓީގައި އަދި ބުނެފައި ވަނީ ރައީސް ނަޝީދު އެ އެޅުއްވި ފިޔަވަޅު ދިވެހި ސަރުކާރުން ވަރަށް ބޮަށް ކުށްވެރިކުރާ ކަމަށާއި ރާއްޖޭގެ އިގުތިސާދުގެ ހިތް ކަމަށްވާ ޓޫރިޒަމް ހަލާކުކުރަން މަސައްކަތް ކުރުމަކީ ކުރީގެ ވެރި އަކު އަދި މިހާރުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު ކުރެއްވި ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށެވެ.
"ދިވެހިން އެ މީހުންގެ ދިރިއުޅުން ހަމަޖައްސަނީ ޓޫރިޒަމް އިންޑަސްޓްރީގެ ކާމިޔާބީންނެވެ. އަދި ނަޝީދު މަސައްކަތް ކުރައްވަނީ އެ މީހުންގެ ދިރިއުުޅުން ހަލާކުރައްވާށެވެ،" ރައީސް އޮފީހުގެ ސިޓީގައިވެ އެވެ.