ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ކަރަށް ވަޅިހަރައި އަވަހާރަކޮށްލާފައިވާ ކަމަށް ޝަރީއަތުގައި އިއުތިރާފުވެފައިވާ މ. މަސްރޫރާ އަހުމަދު މުރައްތު 29، އާއި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18ގެ ކިބައިން ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް ވާރިސުންގެ ތެރެއިން މިހާތަނަށް ކޯޓަށް ބަޔާން ދީފައިނުވާ ވާރިސުންގެ ތެރޭގައި ހިމެނޭ ނަޖީބުގެ ފިރިހެން ދަރިފުޅު ޖިނާނު އަހުމަދު ނަޖީބު އާއި އަންހެން ދަރިފުޅު ޝަޝްމާ އަހުމަދު ނަޖީބު މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

ނަޖީބުގެ ވާރިސުންގެ ބަޔާން ނެގުމަށް މިއަދު އެންމެ ފުރަތަމަ ބާއްވާފައި ވަނީ ނަޖީބުގެ ވާރިސެއްގެ ގޮތުގައި ހާޒިރުވި ޖިނާނުގެ ބަޔާން ނެގުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހެވެ. އެމަޖިލީހުގައި ގާޒީ ޖިނާނު ކުރެން އެއްސެވީ ބޭނުން ވަނީ ގިޞާސް ހިފަންތޯ ނުވަތަ މަރުގެ ދިޔަ ހޯދަންތޯ އެވެ. ގާޒީގެ އެ ސުވާލަަށް ޖަވާބު ދެމުން ޖިނާނު ބުނީ ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގައި ދައުވާ ލިބޭ މުއްރަތާއި ހަނާ ތަހުގީގަށް ދީފައިވާ ބަޔާނާ ބެހޭ ގޮތުން ދައުލަތުން ވަނީ ސުވާލުކޮށްފަ އެވެ. އަދި އެ ދެ މީހުން ފުލުހުންގެ ތަހުގީގަށް ދިން ބަޔާނަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި ބުއްދި ސަލާމަތުން ހުރެ ދީފައިވާ ތެދު ބަޔާނެއްތޯ ދައުލަތުގެ ވަކީލް ވަކިވަކިން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި އެ ދެ މީހުން ވެސް ބުނީ އެ ބަޔާނަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި ދީފައިވާ ތެދު ބަޔާނެއް ކަމަށެވެ.

ނަޖީބު މަރުގެ މައްސަލައާ ގުޅިގެން މިއަދު ދެވަނަ އަށް ބޭއްވި ޝަރީއަތުގެ މަޖިލީހަށް ބަޔާން ނަގާފައި ވަނީ ސްރީލަންކާގައި ހުރި ނަޖީބުގެ އަންހެން ދަރިފުޅު ޝަސްމާ އަހުމަދު ނަޖީބުގެ ބަޔާނެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސްރީލަންކާގެ ހައިކޮމިޝަންގައި ހުރެ ޝަޝްމާ ބުނީ އޭނާ ބޭނުން ވަނީ ރައްޔިތުންގެ ކުރިމަތީގައި އެ ދެ މީހުން ގަތުލުކުރަން ކަމަަށެވެ.

ޝަސްމާގެ ބަޔާން ނެގުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ހަނާއި އާއި މުއްރަތު އަމިއްލައަށް އެ ކުށަށް އިއުތިރާފްވެފައި ވިނަމަވެސް ދައުލަތުގެ ފަރާތުން އެ މައްސަލަައިގައި ހެއްކާއި ގަރީނާ ހުށަހަޅަން ބޭނުންވާ ކަމަށެވެ. އަދި އެ ފުރުސަތު ދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އެ މަައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލިސް ނިންމާލައްވަމުން ގާޒީ ވިދާޅުވީ އެމައްސަލައިގައި ދެން ޝަރީއަތުގެ މަޖިލީހެއް އޮންނާނީ ނަޖީބުގެ ވާރިސުން ހޯދުމަށް ކޯޓުން ކޮށްފައިވާ އިޢުލާންގެ މުއްދަތު ހަމަވުމުން ކަމަށެވެ. އެގޮތުން ދެން އެންމެ އަވަހަށް ޝަރީއަތެއް ބާއްވާނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށާއި އެ ދުވަހު އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށެވެ. ވާސިރުން ހޯދުމަށް ކޯޓުން ކޮށްފައިވާ އިޢުލާންގެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ހުލާސާ ބަޔާނަށް ފަހު ދައުލަތަށް ހެއްކާއި ގަރީނާ ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށް ގަޒީ ވިދާޅުވި އެވެ.

މިމައްސަލައިގައި މިހާތަނަށް ނަޖީބުގެ ވާރިސުންގެ ގޮތުގައި ހިމެނޭ އަށް ދަރިއަކު ކޯޓަށް ބަޔާން ދީފައިވާ އިރު އެ އެންމެން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް ކޯޓުގައި ވަނީ ބުނެފަ އެވެ.