05 Jul 2012, 15:20
އިޓަލީގައި މި އަހަރު ބާއްވާ ރެޑްބުލް ސްޓްރީޓް ސްޓައިލް ވޯލްޑް ކަޕުގައި ރާއްޖޭން ވާދަކުރާނެ ބައިވެރިއަކު ހޮވުމަށް ބާއްވާ ފައިނަލް ޝޯ މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ޝޯ އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ޔޫރޯ މާކެޓިން ޕްރެވައިޓް ލިމިޓެޑުގެ މަރިޔަމް ނީނާ ބުނީ، ޖުމްލަ 15 ބައިވެރިން ވާދަކުރި މިއިވެންޓުގެ ފައިނަލް ޝޯ މާދަމާ ރޭ ބޭއްވުމަށް ނިންމައިފައިވާ އިރު، ފައިނަލް ޝޯއަށް ހޮވުނީ ހަތަރު ބައިވެރިން ކަމަށެވެ. އެގޮތުން އެ ހަތަރު ބައިވެރިން ވެސް ހޮވިފައި ވަނީ ސެމީ ފައިނަލަށް ކަމަށް ނީނާ ބުންޏެވެ.
ސެމީ އަށް ހޮވިފައިވާ ހަތަރު ބައިވެރިންނަކީ އެންމެ ފަހުގެ ޗެމްޕިއަން މުހައްމަދު ސައިފް (ސުޕަމޭން) އާއި މިދިޔަ އަހަރު މުބާރާތުގެ ދެވަނަ ހޯދި ޔޫސުފް ރަމީޒް (ޔޫއްޓޭ) އާއި ޝިފާޒް ލަތީފް އަދި އާލިމް މުހައްމަދު (ނީމޯ) އެވެ.
ނީނާ ބުނީ، މާދަމާ ރޭ 8:15ގައި ފަށާ ފައިނަލް ޝޯ ގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ އިރު، މިވަގުތު ރާއްޖެ ޒިޔާރަތްކުރާ ސްޕެއިންގެ މަޝްހޫރު ބީއެމްއެކް ފްރީ ސްޓައިލާ ޖޯޖް "ވިކީ" ގޯމޭޒްގެ ހާއްސަ ހަރަކާތްތަކެއް ދައްކާލުން އޮންނާނެ ކަމަށެވެ. އެގޮތުން އޭނާ އަކީ ޔޫރަޕް ޗެމްޕިއަންޝިޕް ދެ ފަހަރު އަދި އޭޝިއަން ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ހުނަރުވެރިއެއް ކަމަށް ވެސް ނީނާ ބުންޏެވެ.