27 Nov 2024, 15:44
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އާއި ޑަޗް އެރެޑިވިސީގެ ފެޔެނޯޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 3-3 ލަނޑުން ދެ ޓީމުގެ އެއްވަރު ވެގެންނެވެ. މެޗުގެ ބޮޑުބައި ސިޓީއިން ކޮންޓްރޯލް ކޮށްގެން ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ސިޓީއެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުން ބަލިވެފައިވުމުން މި މެޗަށް ސިޓީއިން ކުރިމަތިލާފައިވަނީ އާ ހިތްވަރަކާއެކު މިކަމުން އަރައިގަތުމުގެ އުންމީދާއެކުއެވެ. އަދި މިމެޗު ސިޓީއިން ފެށިގޮތުން ސިޓީއިން މި މެޗުން މޮޅުވުމަށް ބޭނުންވެފައިވި މިންވަރު ހާމަވެގެންދިޔައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީއިން މޮޅަށް ކުޅެ ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް ފެޔެނޯޑްއިން ވަނީ ގިނަ ހަމަލާތައް ދިފާއުކޮށް ސިޓީއަސް ލީޑު ނެގިޔަ ނުދީ ހިފަހައްޓާލައިފައެވެ.
މި މެޗުގައި ސިޓީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން އާލިން ހާލަންޑްއެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރި 45 ވަނަ ލަނޑެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމެޗުގެ ދެވަނަ ހާފު ސިޓީއިން ފަށާފައިވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ވަރަށް ވަރުގަދަ ކޮށެވެ. އަދި ނަތީޖާ އަކަށް ވެގެންދިޔައީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސް މިނެޓުގެ ތެރޭގައި އެޓީމުން ލީޑު ފުޅާކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިލްކައި ގުންޑޮގާންއެވެ.
މިލަނޑު ޖެހިތާ ތިން މިނެޓް ފަހުން ހާލަންޑް ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މި ލަނޑާއެކު ސިޓީއިން ފެނިގެންދިޔައީ ވަރަށް ހަމަޖެހިގެން ކުޅެމުންދިޔަ ތަނެވެ. މި މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ މެޗުގެ 69 ވަނަ މިނެޓުގައި ސިޓީއިން ގެނައި ބަދަލު ތަކާއެކުއެވެ. މިގޮތުން ފިލް ފޯޑެން، އިލްކައި ގުންޑޮގާން އަދި ނޭތަން އަކޭ ބަދަލު ކުރުމާއެކު ސިޓިގެ ޑިފެންސްއަށް އިތުރަށް ބާރުބޑު ވެގެންދިޔައެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ނެގައި މިބަދަލު ވެގެންދިޔައީ މިމެޗުންގެ ނަތީޖާ އެއްވަރު ވެގެން ނުމުނު އެންމެ ބޮޑު އެއް ސަބަބަށެވެ.
ނަތީޖާ އަކަށް ވެގެންދިޔައީ ވެތިވެދިޔަ ފަސް މެޗުން ބަލިވެފައިވުމުގެ ސަބަބުން އަމިއްލަ އިތުބާރު ކުޑަވެފައިވި ސިޓީގެ ކުޅުންތެރިންނަށް ގޯސް ހެދެން ފެށުމެވެ. މިގޮތުން މެޗުގެ 74 ވަނަ މިނެޓްގައި ޖޮސްކޯ ގުވަޑިއޯލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ފެޔެނޯޑްގެ އަނިސް ހާޖު މޫސާ އެޓިމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއެވެ.
ފެޔެނޯޑްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 82 ވަނަ މިނެޓުގައި ސަންޓިއާގޯ ގިމެނޭޒްއެވެ. މިލަނޑާއެކުވެސް ސިޓިގެ ކުޅުންތެރިން ފެނިގެންދިޔައީ ލިބިފައިވި ލީޑު ދިފާއު ކުރުމުގެ ބަދަލުގައި އަނެއްކާވެސް އިތުރު ލަނޑެއް ޖެހޭތޯ މުޅި ޓީމު ކުރިއަށް އަރައިގެން ކުޅުނު ތަނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 89 ވަނަ މިނެޓުގައި ފެޔެނޯޑް އިން އުފެއްދި ކައުންޓާ އެޓޭކެއްގައި ޑޭވިޑް ހަންޗްކޯ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނެވެ.
މިމެޗު 3-3 އިން އެއްވަރު ވެގެން ނިމުނު ނަމަވެސް ސިޓީއަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެން ގޮސްފައެވެ. ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި މެޗަކުން މޮޅުނުވެ ހަވަނަ މެޗު ސިޓީއިން ނިންމާލިއެވެ. މި ނަތީޖާ އާއެކު ސިޓީ މިހާރު އުޅެނީ 36 ޓީމު ހިމެނޭ މިލީގުގައި އަށް ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ. ނަމަވެސް މިރޭ ކުޅޭ މެޗުތަކާއެކު އެ ޓީމު އިތުރަށް ދަށަށް ދިއުމަކީ ގާތް ކަމެކެވެ. ފެޔެނޯޑް އުޅެނީ ހަތް ޕޮއިންޓާއެކު ތާވަލްގެ 20 ވަނައިގައެވެ.