ސަޕްލައި ކުރުމުގައި ދަތިތައް ދިމާވެ، މިފްކޯ އިން އުފައްދާ ދަޅު މަސް ކޮންޓްރޯލްކޮށްފި އެވެ.

މިފްކޯގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު މައުމޫން މިއަދު ވިދާޅުވީ އެ ބަދަލު ގެނައީ އެ ބޭފުޅުންގެ އަތުގައި ހުރި ސްޓޮކް މިހާރު މަދުވެފައި ވާތީ ކޭސް ވިއްކައިފި ނަމަ ސްޓޮކް ހުސްވެ، ބާޒާރުގައި ދަޅުމަހުގެ އަގު ބޮޑުވާނެތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކޭސް ވިއްކައިފި ނަމަ ސްޓޮކް ހުސްވެ ވިޔަފާރިވެރިން އަގުބޮޑުކޮށް ވިއްކާނީ. ނަމަވެސް އަޅުގަނޑުމެން ކޮންޓްރޯލް ކުރުމުން ރައްޔިތު މީހާ އަށް އެ ބޭފުޅާ ބޭނުންވާ ވަރަށް ވަކި ދަޅު އަޅުގަނޑުމެންގެ ފިހާރައިން ބައްލަވައިގަނެވޭނެ." މައުމޫން ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި މަހުގެ 11 ވަނަ ދުވަހު އާ ސްޓޯކް ލިބޭނެ ކަމަށާއި އޭރުން ކުޑަކޮށް ކޮންޓްރޯލް ދޫކޮށްލާނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ފަހުން ގޭބިސީތަކަށް ދަޅުމަސް ކޭހުން ގަންނަށް ލިބޭނެ ކަމަށާއި ނަމަވެސް ފިހާރަތަކަށް ދަޅުމަސް ކޭސް ވިއްކަނީ ކޮންޓްރޯލް ކޮށްގެން ކަމަށެވެ.

ތައިލެންޑުން އުފައްދައިގެން އެތެރެކުރާ މިފްކޯގެ ފަސްމީރު ދަޅު މަސް ކޮންޓްރޯލްކޮށްފައިވާ އިރު ރާއްޖޭގައި އުފައްދައިގެން ވިއްކާ ފެލިވަރު ދަޅު މަސް ކޮންޓްރޯލެއް ނެތި ވިއްކަމުން ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.