މާލޭގެ ގެއަކުން މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު އެއް އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި އަރުވާލަން ހުކުމް ކުރީ ސ. މަރަދޫ، ފާހި، މުހައްމަދު ހައިސަމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ހ. އޮރިއޮންގޭގެ ދެވަނަ ފަންގިފިލާ އަށް ހައިސަމް ވަދެ އެގެއިން ވައްކަންކުރި ކަމަށް އިންކާރު ކުރި ނަމަވެސް އެގޭގެ ތެރެއަށް އޭނާ ވަތްކަމާއި އަދި އެގެއިން ވަގަށް ނެގި ދެ ފޯނުގެ ތެރެއިން އެއް ފޯނު ހައިސަމްގެ އަތުގައި އޮތްކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ފުލުހުން އޭނާ ހައްޔަރުކޮށްފައި އެގޭގެ ދެވަނަ ފަންގިފިލާ އަށް ވަދެ ހުއްޓައި ކަމަށާއި އެވަގުތު އޭނާގެ އަތުގައި ފޯނެއް އޮތްކަން ވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެހުކުމްގައިވެ އެވެ.

އެހެންކަމުން ވައްކަން ކުރުމުގެ ކުށުން އޭނާ ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން ހަ މަސް ދުވަހަށް ޖަލަށް ލުމަށާއި އަދި އޭނާ ވައްކަންކޮށްފައި ވަނީ މީހުން ދިރިއުޅޭ ތަނަކުން ކަމަށް ވާތީ ގާނޫނުލް އުގޫނާތުގެ 138 ވަނަ މާއްދާގެ ދަށުން ހަ މަސް ދުވަހަށް ޖަލަށް ލުމާ އެކު ޖުމްލަ އެއް އަހަރަށް އޭނާ ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.