05 Jul 2012, 14:55
ދުނިޔޭގެ އެކި ގައުމުތަކުގެ ޖަލުތަކުގަ އާއި ހައްޔަރުގައި 13 ދިވެއްސަކު އެބަތިބި ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވެލާނާގޭގައި ހުންނަ ޕްރެސް ރޫމްގައި ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބުދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު މިއަދު ވިދާޅުވީ އެހެން ގައުމުތަކުގެ ޖަލުތަކުގައި ތިބި އެންމެންގެ ހާލު ވެސް ފޮރިން މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި އެމީހުންގެ އާއިލާތަކަށް އެމީހުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ކަމަށެވެ.
ހަސަން ވިދާޅުވީ އެހެން ގައުމުތަކުގައި ޖަލު ހުކުމްގައި ތިބި ތިން ދިވެހިން ފިޔަވައި އެހެން މީހުން ތިބީ ތަހީގަށް ބަންދުކޮށްފައި ކަމަށެވެ. ތަހުގީގަށް ބަންދުކޮށްފައި ތިބި އެންމެންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުން ކަމަށެވެ. އަދި ޖަލު ހުކުމްގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ވަގު ލިޔެކިއުންތަކެއް އުފެއްދުމުގެ ކުށުގައި އިންޑިިއާގެ ޖަލެއްގައި ތިބި ދެ މީހުންކަމަށާއި އަނެއް މީހާއަކީ އޯވަސްޓޭ ވެގެން ޖަލަށްލާފައިވާ މީހެއް ކަމަށެވެ. ހުކުމްކޮށް، ޖަލަށް ލާފައިވާ އެމީހުންގެ އިތުރުން ހިންކޮންގްގައި މީހަކު މެރިކަމުގެ ތުހުމަތެއްގައި ދިވެއްސެއްގެ ތަހުގީގެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"..... ރާއްޖޭން ބޭރުގެ ޖަލުތަކުގަ އާއި އެކި އެކި މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ދިވެހިންގެ ތެރެއިން ތިން މީހަކު ފިޔަވާ ދެން ތިބި އެންމެންނަކީ ވެސް މަސްތުވާތަކެތި ގެންގުޅުމާ ބޭނުންކުރުމުގެ މައްސަލަތަކުގައި ޖަލަށްލާފައިވާ މީހުން،"
ދިވެހިން ޖަލަށްލާފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީވިލާތާއި ސޫރިޔާ އާއި އިންޑިއާ ހިމެނެ އެވެ.
ރާއްޖޭގައި ކުށްކުރުން އިތުރުވެފައި ވާއިރު ދިވެހިން އެހެން ގައުމުތަކުގައި ކުށްކުރުން ވެސް އަންނަނީ އިތުރުވަމުންނެވެ.