ދައުލަތުގެ މުއައްސަސާތަކުން ކުރިއަށްގެންދާ އެކިއެކި ޕްރޮޖެކްޓްތައް ކަނޑައަޅާފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކޮރަޕްޝަންގެ އަމަލުތައް ނުހިމެނޭ ގޮތަށްތޯ އަބަދުވެސް ބަލަމުން ގެންދާނެ ކަމަށާއި އެއާ ހިލާފަށް ހިންގާ ކަންތައްތައް ހުއްޓުވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުމަށް ފަސްނުޖެހޭނެ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނުން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިހެން ބުނެ މިއަދު ބަޔާނެއް ނެރަފައިވާ އިރު ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރާ، މެލޭޝިޔާގެ ނެކްސްބިޒް ޕްރައިވެޓް ލިމިޓެޑާ މެދު އޭސީސީން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން އެ ޕްރޮޖެކްޓާ މެދު އާއްމު ތަންތަނުގައި ވާހަކަ ދެއްކުން މަނާކޮށްދިނުމަށް އެދި އޭސީސީގެ މައްޗަށް ނެކްސްބިޒުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ބޯޑާ ކޮންޓްރޯލްގެ މައްސަލަ ތަހުގީގު ކުރުމެއް ނެތި ސާބިތު ނުހިފޭ ވާހަކަތައް މީޑިއާގައި އޭސީސީ އިން ދައްކަމުން އަންނަ ކަމަށް ބުނެ ބައެއް ފަރާތްތަކުން މީޑިއާ އަށް ހަގީގަތާ ހިލާފަށް މައުލޫމާތު ފަތުރަމުން ގެންދާ ކަމަށެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ގާއިމްކުރުމުގެ މައްސަލައަކީ ކޮރަޕްޝަންގެ ކުށް އެކުލެވިގެންވާ މައްސަލައެއް ކަމަަށް އެކޮމިޝަނަށް ގަބޫލްކުރެވޭތީ އެ މައްސަލަގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި 07 ޑިސެންބަރު 2011ގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް އެބަޔާނުގައިވެ އެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މައްސަލަ ޕީޖީއަށް ހުށަހަޅާފައި ވާނީ އެ މައްސަލާގައި އޭސީސީން ދައުވާކޮށްދިނުމަށް އެެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތު ހިފޭ ވަރަށް ހެއްކާއި ގަރީނާ ހުރެގެން ކަމަށެވެ. އަދި އެ މައްސަލާގައި ތަފާތު 11 ދައުވާއެއް ކޮށްފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން އެއްވެސް ފަރާތެއްގެ މައްޗަށް ދޮގު ތުހުމަތެއްކޮަށް މީޑިއާ އަށް މައުލޫމާތު ފޯރުކޮށްދީފައިނުވާނެ ކަމަށާއި އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތު އެ މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާ ފަރާތަކުން މީޑިއާގައި އާއްމު ކުރުމަކީ އެކޮމިޝަނުން ޒިންމާވާން ޖެހޭ މައްސަލައެއް ނޫން ކަަމަށެވެ.

ތިރީސް ނުވަ މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަޝްރޫއު ހުއްޓާލުމަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން ނެކްސް ބިޒުން އަނެއްކާ ވެސް ވަނީ އެ މަސައްކަތް ފައްޓައިފަ އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމު ކުރުމުން 22 އަހަރު ވަންދެން، ރާއްޖެ އަންނަ އަދި ރާއްޖެ އިން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު އަދި ހައްދާ އަދި އާ ކުރާ ކޮންމެ ވިސާ ހުއްދަ އަކަށް 15 ޑޮލަރު ނަގަ އެވެ.