ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަން ބަދަލުވި ފަހުން، ދުނިޔޭގެ ގައުމުތަކާ ރާއްޖެއާ އޮންނަ ގުޅުމަށް (ހާރިޖީ ގޮތުން) ހުރި ގޮންޖެހުންތައް މިހާރު ކުޑަކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބުދުއްސަމަދު ޢަބުދުﷲ ވިދާޅުވެއްޖެ އެވެ.

ވެލާނާގޭގައި ހުުންނަ ޕްރެސްރޫމްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ސަމަދު ވިދާޅުވީ ވެރިކަން ބަދަލުވެ، ފޮރިން މިނިސްޓްރީގައި މިހާރު ތިއްބެވި ބޭފުޅުންނާ އެ މިނިސްޓްރީ ހަވާލުވި އިރު ހާރިޖީ ގޮތުން ބޮޑެތި ގޮންޖެހުންތައްް ހުރި ކަމަށާއި އެހެން ނަމަވެސް މިހާރު އެ ގޮންޖެހުންތައް ކުޑަކުރެވިފައިވާ ކަމަށެވެ.

"ސީމެގް (ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް)ގެ ފަރާތުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި. އަނެއްކޮޅުން ހުޅަނގުގެ ގައުމުތަކުން ފުދޭވަރަކަށް ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަ. އެހެންކަމުން ވޭތުވެ ދިޔަ ހަތަރު ފަސް މަސް ދުވަހު އަޅުގަނޑުމެންގެ ޓީމުން ދިޔައީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން،" ޑރ. ސަމަދު ވިދާޅުވި އެވެ.

ޑރ. ސަމަދު ވިދާޅުވީ ރާއްޖެއާ މެދު އަރާފައިވާ އޮޅުންތައް ފިލުވައިދިނުމަށް ފޮރިން މިނިސްޓްރީގެ އިސްބޭފުޅުން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި ބައިނަލް އަގުވާމީ ބައެއް ޖަމާއަތްތަކާ ވެސް ބައްދަލުކުރެއްވި ކަމަށެވެ. އެގޮތުން ކުރެއްވި މަސައްކަތުން މިހާރު ހާރިޖީ ގޮތުން ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް މިހާރު ކުޑަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ދިވެހިންގެ ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މިއަދުގެ ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ސަމަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ރާއްޖެއާ ދެކޮޅަށް ކުރާ ފަނާކުރަނިވި ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ވިސްނާލަން ވެސް ދަތި، އަޅުގަނޑުމެންގެ ރާއްޖޭގެ ބަޔަކު އަޅުގަނޑުމެންގެ ޓޫރިޒަމް ހުއްޓުވަން މަަސައްކަތް ކޮށްފާނެ ކަމަށް. މީގެ އަސަރު ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ. މިއީ ގަބޫލުކުރަން ދަތި ކަމެއް،" ޑރ. ސަމަދު ވިދާޅުވި އެވެ.