05 Jul 2012, 13:51
ރާއްޖޭގައި ހިންގާ ކޮރަޕްޝަނުގެ މައްސަލަތަކުގައި ދެ ފަރާތް ދެމެދު މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ފުލުހުނާއި ޓްރާންސްޕޭރެންސީއާ ދެމެދު ސޮއިކޮށްފި އެވެ.
ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒެވެ. އަދި ޓްރާންސް ޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ އެގްޒެކްޓިވް ޑިރެކްޓާ އިލްހާމް މުހައްމަދެވެ.
ސޮއި ކުރެއްވުމަށް ފަހު ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ މިއަދު ދެ ފަރާތުންވި އެއްބަސްވުމުގެ ދަށުން ފުލުހުން ތަހުގީގުކުރާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ބައެއް މައުލޫމާތް ދެފަރާތް ދެމެދުގައި ހިއްސާ ކުރުމާއި އަދި ދެ ފަރާތުގެ ރިސޯސަސް ބޭނުންކޮށްގެން މައްސަލަތައް ތަހުގީގުކުރަމުން ގެންދާނެ ކަމަށެވެ.
ޓްރާންސް ޕޭރެންސީގެ އެގްޒެކްޓިވް ޑިރެކްޓާ އިލްހާމް މުހައްމަދު މިއަދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެބޭފުޅުން ކުރާނެ މަސައްކަތަކީ ކޮރަޕްޝަނުގެ މައްސަލަތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ފުލުހުނާ ހިއްސާކުރުން ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ޕޮލިސީއެއް ނޫން ފުލުހުން ކުރާ ތަހްގީގުގެ ތެރެއަށް ވަނުމަކީ. ހަމައެކަނި އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ އެ ބޭފުޅުނަށް ބޭނުންވާ މައުލޫމާތް ހިއްސާކުރުން. ދެން އަޅުގަނޑުމެން ތަހުގީގު ނިމުނު ގޮތް މޮނީޓާ ކުރާނީ އަޅުގަނޑުމެނެއް ތަހުގީގުގައެއް ބައިވެރިއެއް ނުވާނެ،" އިލްހާމް ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީ އިން ބުނީ ރާއްޖެ އިން ކޮރަޕްޝަން ނައްޓާލުމަށް ޓަކައި ކުރާ މަސައްކަތުގެ ދަށުން އެފަދަ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެހީތެރިވާނެ ކަމަށެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި އެ އޮފީހަށް ގުޅުމުން އެކަންތައްތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.