05 Jul 2012, 13:42
ނޭޝަނަލް އިންކުއަރީ ކޮމިޝަން ދެވަނަ ފަހަރަށް އެކުލަވާލުމުގެ ކުރިން މައުލުމާތު ދެއްވާފައިވާ ބައެއް ފަރާތްތައް ދެވަނަ ފަހަރަށް ކޮމިޝަނަށް ހާޒިރުކޮށް އިތުރަށް މައުލޫމާތު ސާފުކުރަން ޖެހިއްޖެ ނަމަ އެކަން ކޮމިޝަނުންކުރާނެ ކަމަށް ބުނެފި އެވެ.
އިންކުއަރީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތާ ގުޅޭ ގޮތުން މުލީއާގޭގައި ސިލްސިލާކޮށް ބާއްވަމުން އަންނަ މައުލުމާތު ދިނުމުގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ މެންބަރު ޑރ. އަލީ ފަވާޒު ޝަރީފު މިއަދު ވިދާޅުވީ ކުރިން ކޮމިޝަނަށް މައުލޫމާތު ދެއްވި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ މައުލުމާތު ބޭނުން ނަމަ އެ ފަރާތެއް ހާޒިރުވަން ދަންނަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮމިޝަނަށް މައުލޫމާތު ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު މިދިޔަ މަހުގެ 31ގެ ނިޔަލަށް ނިމުނު އިރު 244 ފަރާތަކުން ކޮމިޝަނަށް މައުލޫމާތު ދިނުމަށް ހުށައަޅާފައިވާ ކަމަށާއި އެ ފަރާތްތަކުގެ ތެރޭގައި ކުރިން ވެސް ކޮމިޝަނަށް މައުލުމާތު ދެއްވަން ބޭނުންވެ، ކޮމިޝަނަށް ވަޑައިނުގެންނެވުނު ފަރާތްތައް ވެސް ހިމެނި ވަޑައިގަންނަވާ ކަމަށެވެ. އަދި މިހާތަނަށް 139 ފަރާތެއްގެ އިންޓަވިއު ނަގައި ނިންމާފައިވާ ކަމަށް ވެސް ފަވާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިން އިންޓަވިއު ނެގުން ހުއްޓާލި އިރު 87 ފަރާތަކާ އިންޓަވިއުކޮށްފައި ވަނީ. 26 ޖޫންގައި އަޅުގަނޑުމެން އެހެން ފަރާތްތަކާ އިންޓަވިއު ކުރަން ފެށި ފަހުން މިހާތަނަށް 52 ފަރާތަކާ އިންޓަވިއު ކުރެވިފައިވޭ. އެހެންކަމުން ޖުމުލަ 139 ފަރާތަކާ އިންޓަވިއު ކުރެވިއްޖެ. ހަމަ އެއާ އެކު 103 ގަޑިއިރުގެ އިންޓަވިއު ރެކޯޑް ކުރެވިއްޖެ. އަދި ފޯމު ހުށައަޅާފައިވާ 187 ފަރާތަށް އިންޓަވިއުއަށް ދަންނަވަމުން މިދަނީ،" ފަވާޒު ވިދާޅުވި އެވެ.
ކޮމިޝަނުގެ މެންބަރު ޑރ. އިބުރާހިމް ޔާސިރު ވިދާޅުވީ ކުރިން އިންޓަވިއުކޮށްފައިވާ 87 ފަރާތުގެ އިންޓަވިއުތަކުގެ ތެރެއިން ކޮމިޝަނުގައި ހިމެނޭ ބޭރުގެ ފަރާތްތަކުން އަޑުއަހަން ބޭނުންވާ ބޭފުޅުންގެ އިންޓަވިއުތައް އިނގިރޭސި ބަހަށް ތަރުޖާކޮށް އެ އިންޓަވިއުތައް އަޑުއަހަމުން އަންނަ ކަމަށެވެ.
"އިތުރަށް ކުރިން އިންޓަވިއުކުރި ފަރަތްތަކާ ސުވާލުކުރަން ޖެހިއްޖެ ނަމަ އެ ފަރާތްތަކާ ސުވާލުކުރާ ގޮތަށް ހަމަޖެހިފައި އޮތީ. އެހެންވީމާ ކޮންމެ ވެސް ވަރަކަށް ކުރިން ކުރި އިންޓަވިއުތަކުގެ އަލީގައި ރިޕޯޓް އެކުލަވާލާ އިރު އޭގެން ވެސް ބައެއް ނަގާ ކަހަލަ ގޮތަކަށް ހަމަޖައްސާފައި އޮތީ،" ޔާސިރު ވިދާޅުވި އެވެ.
އިންކުއަރީ ކޮމިޝަނުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައި ރިޕޯޓް އެކުލަވާލައި ނުނިމޭނެ ކަމަށް ކޮމިޝަނުން ވަނީ މިއަދު ބުނެފަ އެވެ.