17:41


މުޒާހަރާކޮށް، ހަޅުތާލު ކުރާ މީހުންގެ އިސް 20 މީހަކާ މެނޭޖްމަންޓުން މިރޭ 20:00 ގައި ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށް ޝިޔާއު ބުންޏެވެ. އޭނާ ބުނީ އެ ބައްދަލުވުން ހިނގާއިރު ވެސް މުޒާހަރާ ކުރިއަށް ދާނެ ކަމަށެވެ. އަދި ރޯދަވީއްލައި ނަމާދު ކުރުމަށް ނިންމާފައި ވަނީ ވެސް މުޒާހަރާ ކުރާ ތަން، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްކައިރީގަ އެވެ. ހަޅުތާލު ހުއްޓާލާނީ ކޮޅެއްގައި ޖެހިގެން ކަމަށާއި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރެވިއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.


17:11


ރާއްޖޭގެ ފުރަތަމަ ފައިވް ސްޓާ ރިސޯޓްގައި ހިނގާ ހަޅުތާލުގައި އެ ރިސޯޓްގެ މުވައްޒަފުން ކުށްވެރި ކުރަނީ ރިސޯޓް ހިންގަން ތިބި ބިދޭސީ މެނޭޖަރުން. ރިސޯޓްގެ ވެރިން ރަނގަޅުވާނެ ކަމަށް އެމީހުން ބުނި.


17:00


ރިސޯޓްގެ މެނޭޖުމަންޓުން ބޭނުން ވަނީ ހަޅުތާލުގައި ބައިވެރިވާ 20 މުވައްޒަފުންނާ ބައްދަލުކުރަން: މުވައްޒަފެއް


16:55


ހަޅުތާލުގައި ބިދޭސީން ވެސް ކޮންމެ ވެސް ވަރަކަށް ބައިވެރިވާކަމަށް އެ ރިސޯޓުގެ މުވައްޒަފަކު ބުންޏެވެ.


16:30


ކާއެއްޗިއްސާއި އަދި އެނޫން ވެސް ބައެއް ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެން މާލެ އަތޮޅު ކުރުނބާ އައިލެންޑް ރިސޯޓްގެ 150 ވަރަކަށް ދިވެހި މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު، ހަޅުތާލުކުރަމުންދާ ކަމަށް އެ ރިސޯޓުގެ މުވައްޒަފަކު ދެންމެ ބުނެފި އެވެ. 


ސްޕޯޓްސް އެންޑް ރިކްރިއޭޝަން ސެންޓަރުގައި މަސައްކަތް ކުރާ އަހުމަދު ޝިޔާއު ސަންއެފްއެމް އޮންލައިނަށް ދެންމެ ބުނީ، ރިސޯޓްގައި މަސައްކަތްކުރާ ދިވެހި 180 ވަރަކަށް މީހުންގެ ތެރެއިން ހަޅުތާލުގައި 150 ވަރަކަށް މީހުން ބައިވެރިވާ ކަމަށެވެ.


އެ މީހުން ހަޅުތާލުކުރާ ކަންތައްތަކުގެ ތެރޭގައި ބިދޭސީންނާއި ދިވެހިން ތަފާތުކުރުމާއި ސާވިސް ޗާޖު ބަރާބަރަށް ނުލިބުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.


ނަމަވެސް އެ ރިސޯޓްގެ އިސް ބޭފުޅުން ޖަލްސާއެއްގައި ތިއްބެވުމުން މެނޭޖުމަންޓުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.