ދެ ހާސް ދިހަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ފުޓު ބޯޅަ މެޗެއް ކުޅެނިކޮށް ސަޕޯޓަރުންގެ މެދުގައި ހިނގި މާރާމާރީއެއްގައި މ. ބިއުޓީ ފުލާވާ މުހައްމަދު ހުސެއިން މަރާލި އިރު ލޭ ހޭކިފައި ހުރި ވަޅިއެއް ހިފައިގެން ޝަހުމް ހުރި ކަމަށް ހެކިބަސް ދިން މީހަކު ބުނެފި އެވެ.

މުހައްމަދު ހުސެއިން މަރުވި މައްސަލައިގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

މިއަދު ހެކިބަސް ނަގާފައި ވަނީ ހެކިބަސް ދިން މީހުންގެ ނަން ހާމަކުރުމަށް ފަހު އަޑު ބަދަލުކޮށްގެން އެމީހުން ނުފެންނަ ގޮތަށެވެ.

ހެކިބަސް ދިން އަހުމަދު ނިޝާން ބުނީ އެ ހާދިސާ ހިނގިތާ ދެ އަހަރުވެފައި ވާތީ ކަން ހިގިގޮތް ހަނދާނެއް ނެތް ކަމަށާއި އެ ދުވަހު އޭނާ އަށް މަންޒަރު ފެނުނު ގޮތަށް ފުލުސް އޮފީހަށް ބަޔާނެއް ދީފައިވާނެ ކަމަށެވެ. އަދި އެ ބަޔާނަކީ ހަގީގަތާ އެއްގޮތަށް ދީފައިވާ ތެދު ބަޔާނެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ތަކުރާރުކޮށް އެ ދުވަހު ކަންތައް ހިނގައިދިޔަ ގޮތާ މެދު ސުވާލުކުރުމުން އޭނާ ބުނީ ފުލުސް އޮފީހަށް ދިން ބަޔާނުގައި ވަނީ އެ ދުވަހު އޭނާ އަށް މަންޒަރުފެނުނު ގޮތް ކަމަށެވެ.

"މިހާރު ދެ އަހަރު ވެއްޖެ އެކަން ހިނަގައި ދިޔަތާ އެހެންވީމަ އަޅުގަނޑު ހަނދާނެއް ނެތް. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑު ފުލުސް އޮފީހަށް ދިން ބަޔާނަކީ ތެދު ބަޔާނެކޭ،" ނިޝާން ބުންޏެވެ.

އޭނާ ފުލުސް އޮފީހަށް ދިން ބަޔާނުގައި ބުނަނީ އެ ދުވަހު އެތަނަށް އޭނާ ދިޔައިރު މުހައްމަދު ހުސެއިން އޮތީ މަރުވެފައި ކަމަށާއި އަދި އެ ވަގުތު ލޭ ހޭކިފައި އޮތް ވަޅިއެއް ހިފައިގެން ޝަހުމް އެތާގައި ހުރި ކަމަށެވެ.

ދެވަނަ އަަށް ހެކިބަސް ދިން އަހުމަދު ފައިސަލް ބުނީ މުހައްމަދު ހުސެއިން އެތާގައި މަރުވެފައި އޮއްވައި އޭނާ އަށް ފެނުނު ކަމަށާއި އެ ވަގުތު މަރުވި މީހާގެ ކައިރީ ލޭ ހޭކިފައި އޮތް ވަޅިއެއް ހިފައިގެން ޝަހުމް އެތާގައި ހުރި ކަމަށެވެ.

"ވަޅިހަރާލާފައި އޮތް ކުއްޖާ ކައިރީ ޝަހުމް ހުރީ އެވަގުތު އޭނަގެ އަތުގައި ވަޅިއެއް އޮތް. ވަޅީގައި ލޭ ވެސް ހުރި. އެކަމަކު ހަމަލާދިން ތަނެއް ނުދެކެން،" ފައިސަލް ބުންޏެވެ.

ތިން ވަނަ އަށް ހެކިބަސް ދިން އާމިނަތު ނަޝްފާ ފުރަތަމަ ބުނީ ހެކިބަސް ދޭން އޭނާ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ވާގޮތުން އެ މީހަކަށް މަންޒަރު ފެނުނު ގޮތަށް ހެކިބަސް ދިނުމަކީ ލާޒިމުކަމެއް ކަމަށެވެ.

ހެކިބަސް ދެމުން އޭނާ ބުނީ އެ ދުވަހު އެތަނަށް ދިޔަ ކަމަށާއި ނަމަވެސް ހަމަލާދިން ތަނެއް ނުދެކޭ ކަމަށެވެ. އަދި އެ ދުވަހު އެތަނުގައި ތިބި މީހުން މުހައްމަދު ހުސެއިން އަށް ޝަހުމް ހަމަލާދިން ކަމަށް ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެއްވެސް މީހަކު ހަތިޔާރެއް ހިފައިގެން ހުރި ތަނެއް ވެސް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

ޝަހުމްގެ އިތުރުން ހަ ކުޑަކުއްޖެއްގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެއެވެ.

ޖުވެނައިލް ކޯޓުން ބުނީ އެ ހަ މީހުންގެ މައްޗަށް ހުކުމް ކުރުން އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށެވެ.