ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައި ރިޕޯޓް އެކުލަވާލައި ނުނިމޭނެ ކަމަށް ކޮމިޝަނުން ބުނެފި އެވެ.

އިންކުއަރީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތާ ގުޅޭ ގޮތުން މުލީއާގޭގައި ސިލްސިލާކޮށް ބާއްވަމުން އަންނަ މައުލުމާތު ދިނުމުގެ ބައްދަލުވުގައި މިއަދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނުގެ ކޯ ޗެއާ ސިންގަޕޫރުގެ ރިޓާޔާޑް ޖަޖު ޖަސްޓިސް ސެލްވަމް ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް މި ޖުލައި މަހުގެ 31ގެ ނިޔަލަށް ނިންމޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ކޮމިޝަނުގެ މަސައްކަތް ނިމި ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރެވެނީ އޮގަސްޓް މަސް ނިމުމުގެ ކުރިން ކަމަށެވެ.

ޖަޖު ވިދާޅުވީ މަސައްކަތް ނުނިމި ލަސްވާ ސަބަބުތަކުގެ ތެރޭގައި ކޮމިޝަން އަލުން އެކުލަވާލުމަށް ފަހު ކޮމިޝަނުގެ މަސައްކަތް ފެށުން ލަސްވުމުގެ އިތުރުން ކޮމިޝަނަށް މައުލޫމާތު ދިނުމަށް ކުރި އިއުލާނާ ގުޅިގެން 250 މީހުން މައުލޫމާތު ދިނުމަށް ރަޖިސްޓްރީކޮށްފައިވުން ހިމެނޭ ކަމަށާއި އެ ބޭފުޅުން ދެއްވާ މައުލޫމާތުތައް ނަގައި ބޭނުންވާ އެވިޑެންސް ހޯދުމުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލައި ރިޕޯޓް އެކުލަވާލެވޭނެ ކަމަށް ގަބޫލު ނުކުރެވެތީ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ފަރާތަކުން އެއްވެސް މައުލޫމާތެއް ހިއްސާކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އެ ފަރާތްކަށް ދެއްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެން ވީމާ އެ ދެ ސަބަބާ އެކު ހިއެއްނުވޭ ރިޕޯޓް 31 ޖުލައިގެ ކުރިން ނިމި މުޅިން މަސައްކަތް ނިންމާލެވޭނެ ކަމަކަށް. އަޅުގަނޑުމެން ވަގުތު އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާނަން. އަދި ރިޕޯޓް ނިންމާލެވޭނެ ކަމަށް ބޮޑަށް ލަފާކުރެވެނީ އަންނަ އޮގަސްޓް މަސް ނިމޭ އިރު،" ޖަސްޓިސް ސެލްވަމް ވިދާޅުވި އެވެ.

ކޮމިޝަނުން ބުނެފައި ވަނީ ކޮމިޝަނުގެ ވަގުތު އިތުރުކުރުމަށް އަދި މިހާތަނަށް ސަރުކާރާ އެކު މަޝްވަރާކޮށްފައި ނުވި ނަމަވެސް މި މަހުގެ 31ގެ ކުރިން މަސައްކަތް ނުނިމޭތީވެ އެކަމާ ގުޅިގެން ވަގުތު އިތުރު ކުރުމަށް ސަރުކާރާ އެކު އެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ނޭޝަނަލް އިންކުއަރީ ކޮމިޝަން ދެ ވަނަ ފަހަރަށް އަލުން އެކުލަވާލެއްވުމަށް ފަހު ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައި ވަނީ ކޮމިޝަނުގެ މަސައްކަތް މި މަހުގެ 31ގެ ނިޔަލަށް ނިންމައި ކޮމިޝަނުން ތައްޔާރުކުރާ ރިޕޯޓް އެ މަނިކުފާނަށާއި ބަންޑާރަނައިބު އާއިޝަތު އާޒިމާއަށާއި ޕީޖީ އަހުމަދު މުއިއްޒު އަށް ހުށައަޅުއްވަން ޖެހޭ ކަމަށެވެ.

އިން ކުއަރީ ކޮމިޝަން އަލުން އެކުލަވާލެއްވި ފަހުން ފުރަތަމަ ފަހަރަށް ކޮމިޝަނުގެ ޗެއާ އިސްމާއިލް ޝަފީއު ވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.